އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، ޗައިނާގެ ޑިސްއޭބަލްޑް ޕާސަންސް ފެޑެރޭޝަންގެ ފަރާތުން 2024 އޮކްޓޯބަރު 28 އިން އޮކްޓޯބަރު 31 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވައިފިއެވެ.
މި ދަތުރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން އެކުލަވާލެވުނު އެކްޝަން ޕްލޭންގައި ހިމެނޭ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކަންކަން ހާސިލުކުރުމުގެ ބޭނުމުގައި ކުރެވިފައިވާ ދަތުރެކެވެ.
މި ދަތުރުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖެއިން ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ފެޑެރޭޝަނުގެ ފަރާތުން ވަނީ ހުށަހަޅުއްވާފައެވެ. މިގޮތުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަން، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި ވަކާލާތުކުރާ ޖަމިއްޔާތަކާ ބައްދަލުކުރައްވާފައިވެއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ޒިޔާރަތްކުރުމުގެ ތެރެއިން ހުޅުމާލޭ ޗައިލްޑް ޑިވަލޮޕްމަންޓް ސެންޓަރ، ކެއަރ ސޮސައިޓީ އަދި ހޯމް ފޯ ޕާސަންސް ވިތް ސްޕެޝިއަލް ނީޑްސް އަށް ޒިޔާރަތްކުރައްވާފައިވެއެވެ.
މި ބައްދަލުވުންތަކާއި ޒިޔާރަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވެމުންދާ ޚިދުމަތްތަކާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ދެ ޤައުމު ގުޅިގެން ފެންވަރު ރަނގަޅު ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
Advertisement
3 ނޮވެމްބަރ 2024