އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު
ހުޅުމާލޭގެ އާބާދީ ބާރަށް އިތުރުވަމުންދާއިރު، އެ ރަށަށް އެކަށީގެންވާ، ރަނގަޅަށް ތަރައްޤީކުރެވި ތަރުތީބުކުރެވިފައިވާ ބަނދަރެއްގެ މުހިންމުކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް ފާހަގަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެއްވަމުން މަޢުރޫފް ވިދާޅުވީ ހުޅުމާލޭގެ ކުރީގެ ޕްލޭންގައި، އާބާދީ އިތުރުވާ މިންވަރަށް ރިއާޔަތްކޮށްފަ ނެތް ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި، އެގޮތުން އެންމެ ބޮޑު އުނިކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ހުޅުމާލޭގައި އެތަނަށް އެކަށީގެންވާ ބަނދަރެއް ނެތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ހުރި ބަނދަރުގެ ޕްލޭންގައި، އާބާދީ އިތުރުވަމުންދާ މިންވަރާއި، އެ ސަރަހައްދަށް އަންނާނެ ބަދަލާއި، ދަތުރުފަތުރުގެ ވިއުގައަށް އަންނާނެ ބަދަލަށް ރިއާޔަތްކުރެވިފައި ނުވާ ކަމަށެވެ. އަދި ބަނދަރެއްގެ މަސައްކަތް ހިމަނާފައި ވަނީވެސް ވަރަށް ކުޑަކޮށް ކަމަށް މަޢުރޫފް ފާހަގަކުރެއްވިއެވެ.
"ވަރަށް ރަނގަޅަށް ތަރައްޤީކުރެވި ތަރުތީބުކުރެވިފަވާ ބަނދަރެއް ހުޅުމާލެއަށް ބޭނުންވޭ. ޚާއްސަކޮށް ރަސްމާލެ އަންނައިރު، ފެރީގެ މުހިންމު ކަނެކްޓިވިޓީއެއް ހުޅުމާލޭގަ އޮންނަންޖެހޭ. ޓްރާންސްޕޯޓަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ. އެކަމަށް މާސްޓަރ ޕްލޭންގައި ވަރަށް ބޮޑަށް ރިއާޔަތްކޮށްފަވާނެ،" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް ވިދާޅުވިއެވެ.
މަޢުރޫފް ޖަމީލް ވިދާޅުވީ ހުޅުމާލޭގައި މީހުން އާބާދުވާ މިންވަރަށް ބަލާއިރު، މިހާރުގެ އާބާދީ ދެގުނަވާނެ ކަމަށް ބެލެވޭ ކަމަށެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމި އެތަނުގައި މީހުން އާބާދުވާއިރު، ހުޅުމާލޭގެ ދެ ފިޔަވަހީގެ ޖުމްލަ އާބާދީ 230،000 އާ ގާތްކުރާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
މަޢުރޫފް ޖަމީލް ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އަންނަ މަހު ރިޓަޔަރކުރައްވާނެކަން ހާމަކުރައްވާފައެވެ.
Advertisement
9 ޖުލައި 2025