އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
ރާއްޖޭގެ ސުކޫކުގެ އަގު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 87 އެމެރިކާ ޑޮލަރަށް މަތިވެފައިވާކަމަށް މާލީ ކަންތައްތައްކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ކުރިއެރުމަކީ ރާއްޖޭގެ އިޤްތިސާދަށް ބައިނަލްއަޤްވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކައިދޭ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއެވެ.
މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ސުކޫކް މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރީ 64.72 އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް މާލީ ސިޔާސަތުތައް ހަރުދަނާވެ، އިޤްތިސާދީ ހާލަތު ރަނގަޅުވުމާއެކު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 87.44 އެމެރިކާ ޑޮލަރަށް މަތިވެފައެވެ. މިއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެނުނު ހަލުވި ކުރިއެރުމެކެވެ.
މި ސުކޫކަކީ ކުރީގެ ސަރުކާރުން 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ) ގެ ސުކޫކެއް ވިއްކާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިޔަން ޑޮލަރުގެ މަގުން ޖުމްލަ 50 މިލިޔަން ޑޮލަރު ދައްކަންޖެހެއެވެ.
މި ސަރުކާރުން އެ ކޫޕަން ޕޭމަންޓުތައް ކަނޑައެޅިފައިވާ ތާރީހަށް ދައްކަމުން އަންނައިރު، އެންމެ ފަހުން ކޫޕަން ޕޭމަންޓެއް ދައްކާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. މި އަހަރުގެ ދެވަނަ ޕޭމަންޓުގެ ގޮތުގައި 25 މިލިޔަން ޑޮލަރު ދައްކަންޖެހޭނީ އަންނަ އޮކްޓޯބަރު މަހުއެވެ. މިކަމުން ދައްކައިދެނީ ދައުލަތުގެ މާލީ ސިސްޓަމް ހަރުދަނާކޮށް، ދަރަނިތައް ދެއްކުމުގައި ސަރުކާރުން ދެމެހެއްޓެނިވި ގޮތަކަށް އަމަލުކުރަމުންދާ ކަމެވެ.
Advertisement
9 ޖުލައި 2025