އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 55 ސިކުންތު
ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ނުރަނގަޅު އާދައެކެވެ. ދުންފަތުގެ ބާވަތްތައް އެކި ގޮތްގޮތަށް ބޭނުން ކުރުމުގެ އާދައެވެ. އޭގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށާއި ސިއްހަތަށާއި އަނެކުންނަށްވެސް އޭގެއިން ގެއްލުން ވާ ކަމެއްކަން އެނގޭ ހާލުގައިވެސް އެއާ ދުރުވާން ދަތި އާދައެކެވެ. ޒަމާން ބަދަލުވެ، ތަރައްގީގެ އޮއިވަރާއެކު ތަހުޒީބުވަމުން އައީ ހަމައެކަނި ފެޝަނާއި އަންނައުނާއި ކުލަތަކެއް ނޫނެވެ. ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަށްވެސް ބަދަލުތައް އައެވެ. އެއް އިރެއްގައި ދުފާތަކެއްޗާއެކު އެތިކޮޅެއް ބޭނުން ކުރަމުން އައި މީހުންގެ އެއާދަ ބަދަލުވީ ދޭސީ ބިދޭސީ ސުއްޓާއަށެވެ. އެއަށް ސިނގިރޭޓޭ ކިޔަސް ބިޑިއޭ ކިޔަސް ކޮންމެއެއްޗެކޭ ކިޔަސް، އެއީ ހަމަ އެއްކަހަލަ ދުންފަތުގެ ބާވަތެކެވެ،
ގޭގައި އަނބިދަރިން ހަރަދުތައް ކުޑަކުރުމަށް އަމިއްލަ އުފާތަކުގެ ކަރުގައި ހިފައި ހިންދިރުވަމުން ފަގީރު ހާލެއްގައި އުޅުމަށްވެސް ރުހިގެން ތިބޭއިރު އެއްކަލަ ގޭގެ މައިތަނބުކަމަށްވާ ފިރިމީހާ، މިއިން އެއްވެސް ކަމަކާމެދު ހާސްވުމެއް ނެތި ދުން އަރުވަން ކޮންމެވެސް ހޮޅުއަަށްޓެއްގައި ސައެއްގައި ނޫނީ ކޮފީއެއްގައެވެ. ދެން އައީ މާ ނުރައްކާތެރި ކަމެކެވެ. ޓެކްނޮލޮޖީގެ އައު ކުލަވަރުގެ ތެރެއިން ވޭޕް ތައާރަފުވެއްޖެއެވެ. މައިންގެ އުނގުން ވީއްލިގެން ފުރާވަރަށްވެސް ނާރާ ކުދިން ވޭޕް ބުއިމުގެ ފެޝަނުގައި ތާށިވެއްޖެއެވެ. އަދި ދެން ވޭޕްގެ ވިޔަފާރި ފުޅައު ކުރުމަށް ކަޅުބާޒާރުގައި އެއަށް މަސްތުގެ ބާވަތްތައް އެއްކޮށް ހިލޭ ބެހުމާ ދިނުންފަދަ "ހެޔޮލަފާ އެހީ"ތައް ވެދެން ފެށީއެވެ.
ގޮތް ހުސްވެފައި ތިބި މައިންބަފައިންނަށް އަދި ފިރިންގެ އާދަތަކުން ގިސްލެވިފައި ތިބި މައިންނަށް އުއްމީދުގެ އަލިކަމެއް ހޯދައިދިނީ އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒެވެ. ގައުމަކަށް އެތެރެވެފައި، ފެތުރިފައި އޮތް ކަމެއް އެއްދުވަހުގެ އެއްވަގުތަކުން ނައްތާނުލެވޭނެ ކަމީ ހަގީގަތެކެވެ، އެހެންނަމަވެސް މިސަރުކާރުން އެކަން ގައުމުން ނައްތާލުމުގެ ފުރަތަމަ ފިޔަވަޅު އަޅައިފިއެވެ. އަދި ދެވަނަ ފިޔަވަޅުވެސް ރައީސް ޑރ މުއިއްޒު ވަނީ ހަރުދަނާ ކަމާއެކު އަޅުއްވާފައެވެ.
ވޭޕްމަނާކުރުމުން ކުރި މުޒާހަރާތަކާއި އުފުލި އަޑުތަކަށް ޖެހިލުންވެވަޑައިގަތުމެއް ނެތި ރައީސް ހުންނެވީ ސާބިތުކަމާއެކުގައެވެ. ދިވެހިރާއްޖެއަށް ވޭޕް މަނާކުރިއިރު ވޭޕްގެ ސަބަބުން އާއިލާތަކަށް ލިބިފައި އޮތް ހިތްދަތިކަމާއި އުފުލި ވޭން ބަދަލު ނުކުރެވުނު ނަމަވެސް ޔަގީނުންވެސް ދެވަނަ އެހެން ތަކުލީފެއް އުފުލާކށް ނުޖެހޭނެތާއެވެ. މިސަރުކާރުން ރައްޔިތުންނާމެދު ވިސްނާނުލައޭ، އަމިއްލައެދުމޭ ކިޔާ މީހުންނަށް ނުވިސްނެނީކަން ޔަގީނެވެ،
ވޭޕް މަނާކުރުމާއެކު ސިނގިރޭޓާއި ޓޮބޭކޯ ސްޓިކް އަގުބޮޑުވުމުން ދެން ފެންމަތިވީ ހަގީގީ މައްސަލައެވެ.
"އަގުބޮޑު ވިޔަސް ދުވާލަކު އެކަތިދޭތި ވިޔަސް ބޯން ބޭނުންވޭ، ދެވިހިފާފައި މިތިބީ ވަކިވަރަކަށް ނޫނިއްޔަ، ހުއްޓާލަން ކިތަންމެހާވެސް ބޭނުން. އެކަމަކު އެކަމަށް މިޖެހެނީ އައިޖީއެމްއެޗަށް ދާން، މާނައަކީ މާލެދާން، ރަށަކުން ޓޮބޭކޯ ސްޓިކެއް ނުލިބޭ، އެހާ ޒަމާންވީ އާދައެއް ހުއްޓާލާކަށް ފަސޭހައެއް ނޫން،"
މިއީ އަތޮޅުތެރޭގެ ރަށެއްގެ ދެބައި އުމުރުގެ މީހަކު ބުނި ވާހަކައެެކެވެ. އެއީ ތެދުވާހަކަައެކެވެ. އައިޖީއެމްއެޗުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ފަރުވާދޭ ކްލިނިކެއް ހުރެއެވެ. އެހެންނަމަވެސް އެންމެނަށް މިއީ ކުރެވޭނެ ކަމެއް ނޫންކަން ޔަގީނެވެ.
ކޮންމެއަކަސް އަދުގެ ސަރުކާރުން ވޭޕްމަނާކޮށް ސިނގިރޭޓް އަގުބޮޑުވުމާ ހަމައިން ހުއްޓާލީނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ހާއްސަ ފަރުވާ ލިބޭނެ ގޮތް، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހަ ކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން މަގުކޮށައިދީފިއެވެ، ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލިހާ މަޝްވަރާ ކުރެއްވުމަށްފަހު އިއުލާނު ކުރެއްވީ ވަރަށްވެސް އުފާވެރި ހަބަރެކެވެ. ދިވެހިރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ގާއިމު ކުރުމަށް ރައީސް އެވަނީ ނިންމަވާފައެވެ. އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޑރ މުއިއްޒު ވަނީ ނިންމަވާފައެވެ. މީގެއިތުރުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއަރގެ ގޮތުގައި ސިޒޭޝަންގެ ހިދުމަތް ދިނުމަށްވެސް ރައީސް މިވަނީ ހަމަޖައްސަވާފައެެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށްޓަކައި މި ސަރުކާރުން އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މުހިންމު ގިނަ އިސްލާހުތަކެއް ތައާރަފު ކުރައްވާފައެވެ. އޭގެ ތެރޭގައި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނެއެވެ. މިއީ އެއްވެސް އެހެން ސަރުކާރަކުން އެކަމެއް ކުރުމާމެދު ވިސްނާލާފައިވެސް ނެތް ކަމެއް ކަަހަލައެވެ،
ދުންފަތުގެ ބާވަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމަށާއި، ވޭޕް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު މިހުރިހާ ސިޔާސަތުތަކަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަމާޒުކޮށް، ސަރުކާރުން ގެންގުޅުއްވާ ވަރުގަދަ އަޒުމުގެ ހެއްކެކެވެ. އަދި މިއީ އެެތަކެއް އާއިލާއެއްގެ ނިވެމުންދިޔަ އުއްމީދުގެ ބައްތިއަށް ތެޔޮއަޅައިދީ، އެބައްތި ދިއްލައިދިނުމަށް ކޮށްދެވިފައިވާ ހެޔޮ ކަމެކެވެ. އިސްލާމްދީނުގައި ތިމާގެ ނަފުސަށާއި ޖިސްމަށް އެއްވެސް އަނިޔާއެއް ލިބޭ އެއްވެސް ކަމެއް ކުރުން ވަނީ ނަހީކުރައްވާފަްއެ. ދުންފަތަކީ ކަނޑައެޅިގެން ތިމާގެ ފުރާނައިގެ ދުޝްމިނެއްކަން އެނގޭއިރު އެއާ ވީހާވެސް ދުރަށް ދާން ޖެހެއެވެ. މިސަރުކާރުން، އަދުގެ ރައީސް އެވަނީ މަގު ފަހި ކޮށްދީފައެވެ. އެކަމަށް ޝުކުރުވެރިވުމާއެކު މަގުން ކުރިއަށް ހިނގައިގަންނަމާތޯއެވެ. ދުޅަހެޔޮ ސިއްހަތަކާއި އުފާވެރި ހަޔާތެއް ލިބިގަތުމުގެ ޔަގީންކަމުގައެވެ.
Advertisement
3 ޑިސެމްބަރ 2024