އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 4 ސިކުންތު
ދިވެހިންގެ ތެރޭގައި، ޚާއްޞަކޮށް ޅަޒުވާނުންނާއި ފުރާވަރުގެ ކުދިންގެ ތެރޭގައި އިސްލާމްދީނުގެ ކަންކަމަށް ޝައުޤުވެރިކަން ހުންނަ ކުދިން މަދެއް ނޫނެވެ. ކީރިތި ޤުރުއާން ރީތި ނަލައަޑުން މަޚްރަޖަށް ކިޔަވައި ހިފްޒު ކުރާ ކުދިންވެސް އެބަތިއްބެވެ. ނަމަވެސް މީގެ ކުރިން ދީނީ ގޮތުން، އިމާމުކަން ކުރުމާއި ތަރާވީހު ނަމާދު އިމާމުވެ ކުރަން އެދޭ ކުދިންނަށް އެއްވެސް އަލިމަގެއް ހުޅުވިފައެއް ނެތެވެ. އުމުރު ހަމަނުވާތީ ޝަރުޠު ފުރިހަމަނުވާ ކަމަށް އެއްފަހަރު ބުނިއްޔާ އަނެއްފަހަރު ދީނީ ކަންކަމޭ ބުނެ ބަހަނާތައް ދައްކާފައިވުމުން ޒުވާން ކުދިންނަށް އޮތީ އެކުދިންގެ ހިތުގައި އޮތް މިމަޤްޞަދު ފުރިހަމަ ކުރެވޭނެ މަގެއް ނުފެނިފައެވެ.
އެހެންނަމަވެސް، އަދުގެ ސަރުކާރުން އެފަދަ ޒުވާނުންނަށާއި ފުރާވަރުގެ ކުދިންނަށް މިއަދު ވަނީ މަގުފަހި ކޮށްދިނުމަށްޓަކައި މަގެއް ހުޅުވައިދީފައެވެ. ބަރަކާތްތެރި ރަމަޟާން މަސް އައުމާ ދެމެދު އޮތީ ދެމަހެއްހާ ދުވަސްކަމަށްވާތީވެ، މިސަރުކާރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު މިވަނީ ކުރިއަށް އޮތް ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިޢުލާން ކޮށްފައެވެ.
ދިވެހިންނަށް ޚާއްޞަކޮށްގެން ހުޅުވާލެން ހުޅުވާލި މި ފުރުޞަތަކީ ރޯދަމަހަށް ރާއްޖެއިން ބޭރުން ބޮޑު ޚަރަދުކޮށްގެން ހާފިޒުންނާއި އިމާމުން ގެނައުމުގެ ބަދަލުގައި ސަރުކާރުން ނިންމާފައިވާ ވަރަށްވެސް ފުރިހަމަ ނިންމުމެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި ހިފްޒުކޮށް، މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީހް ނަމާދު ކުރަން ބޭނުންވާ ދިވެހި ހާފިޒުންނަށް އެކަމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅަން ވަނީ ހުޅުވާލާފައެވެ. އެވުޒާރާގެ އިޢުލާނުގައި ބުނީ ފޯމު ފުރިހަމަކޮށް ލިޔުންތަކާއެކު އަންނަ މަހު 20 ވަނަ ދުވަހުގެ ކުރިން އެ ވުޒާރާއަށް ހުށަހެޅުމަށެވެ.
ހަމައެކަނި މާލެ ސަރަޙައްދެއް ނޫނެވެ. އަތޮޅުތެރޭ، ރަށްރަށުގެ މިސްކިތްތަކުގައިވެސް ހިފްޒުކޮށް ތަރާވީހު ނަމާދުކުރަން އެދޭ ދިވެހި ހާފިޒުން 2025 ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ފޯމާއި އެހެނިހެން ލިޔުންތައް ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާހަމައަށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ދިވެހި ހާފިޒުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދުކުރާ ކޮންމެ ރެއަކަށް 500 ރުފިޔާގެ މަގުންނެވެ. އަދި ފައިސާ ދޫކުރާނީ ގިނަވެގެން މިސްކިތަކަށް ދެ ދިވެހިންނަށް ކަމަށްވެސް އެ ވުޒާރާއިން ުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް ނަމާދު ކުރާނެ ދިވެހިން ހޯދަން އިޢުލާން ކޮށްފައެވެ. އެ ދެ މަރުކަޒުގައި ނަމާދު ކުރުމަށްވެސް ފައިސާ ދޫކުރެވޭނީ ދެ ހާފިޒުންނަށްކަމަށާއި، ނަމަވެސް ނަމާދު ކުރާ ކޮންމެ ރެޔަކަށް 700 ރުފިޔާ ދޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ރަމަޟާންމަހު ތަރާވީޙު ނަމާދު ކުރަން ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމަށް ހުއްދައަށް އެދުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. އެގޮތުން އެ ފުރުޞަތު ސިޓީ ތަކަށާއި ރަށްރަށަށްވެސް ހުޅުވާލާފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އެކަމަށް ހުއްދައަށް އެދި ހުށައެޅުމުގެ ފުރުޞަތު ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާހަމައަށް ހުޅުވާލާފައިވާކަމަށެވެ.
ރަމަޟާންމަހު ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާ ރާއްޖެއިން ބޭރުގެ ޙާފިޡަކަށް އެލަވަންސް ފައިސާ ދޭންވާނީ އާބާދީގެ ނިސްބަތުންކަމަށާއި މިގޮތުން ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް 200 ރުފިޔާގެ އެލަވަންސްއެއް ދޭންޖެހޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ މީހުންނަށް ރާއްޖޭގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ، އަދި އެފަދަ ދާއިރާއަކާ ގުޅޭ މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރާ ޙާފިޡުކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން ހޯދުމަށް އެ ވުޒާރާއިން އިޢުލާންކޮށްފައިވާއިރު މިއަހަރުގެ ތެރޭގައި އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމްތަކާއި ޒުވާން ޚަތީބުންވެސް ތަމްރީންކޮށްފައެވެ.
ހަމަމިއާއެކު ބަންގި ގޮވުމުގެ މުބާރާތެއް އަންނަ ރޯދަ މަހު ބާއްވަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. އެ ވުޒާރާއިން ކުރި އިޢުލާނެއްގައި- އެ މޮސްކް ސެކްޝަނުން އިންތިޒާމުކޮށްގެން އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން، މާލެސިޓީގައި ފިޒިކަލްކޮށް ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި މުބާރާތް ބާއްވަން ނިންމާފައި ވަނީ "ނޫރުލް އަޛާން 1446" ނަމުގައެވެ.
މިއީ ދިވެހިންގެ ތެރޭގައި އިސްލާމްދީނާމެދު ޅަޒުވާނުން ހިތްޖައްސުވައި ދީނީކަންކަމުގައި އިސްނަގައިގެން އުޅުމުގައި، އަދި ޚާއްޞަކޮށް އިމާމުކަންކޮށް ކީރިތި ޤުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުން ދިން ރަނުގެ ފުރުޞަތެކެވެ.
މި އިޢުލާނާއެކު ސަރުކާރުން ވަނީ ދިވެހި ޒުވާނުންނަށް ދީނީ ކަންކަމުގައި އިސްނެގުމަށް ވަރަށް ބޮޑު ހިތްވަރެއް ދީފައެވެ. މީގެ ކުރިން ދިވެހި ޒުވާނުންނަށް މިފަދަ ފުރުޞަތުތައް ނުލިބި، ބޭރުގެ ހާފިޒުންނަށް އިސްކަންދެމުން އައި ގޮތް ބަދަލުވެގެން ދިޔުމަކީ ގިނަ ބައެއްގެ އުންމީދެވެ. މި ފުރުޞަތުގެ ސަބަބުން ދިވެހި ޒުވާނުންނަށް އިމާމުކަމާއި ހާފިޒުކަމުގެ ދާއިރާގައި ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އަދި މި ފުރުޞަތުގެ ސަބަބުން ރާއްޖޭގެ މިސްކިތްތަކުގައި ދިވެހި އަޑުތައް އިވި، ދިވެހި ހާފިޒުންގެ ތަރާވީޙު ނަމާދުތައް އަޑުއެހުމުގެ ނަސީބު ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިއީ ދިވެހި މުޖުތަމަޢުގައި އިސްލާމްދީނުގެ ޝިޢާރުތައް އުފުލުމަށާއި، ދީނީ ކަންކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނަމަ، މި އިޢުލާނަކީ ދިވެހި ޒުވާނުންނަށް ދީނީ ދާއިރާގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެކެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ދީނީ ޢިލްމުވެރިންނާއި ހާފިޒުން އުފެދި، ދިވެހި މުޖުތަމަޢުގައި އިސްލާމްދީނުގެ ޝިޢާރުތައް އިތުރަށް ފެތުރި، ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
Advertisement
12 ޑިސެމްބަރ 2024