އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚުޠުބާ: ވަޒީފާއަދާކުރާއިރު މަސައްކަތުގެ ރިވެތި އަޚްލާޤަށް ސަމާލުކަންދީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކުރާށެވެ! އެންމެންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާށެވެ!

ޚުޠުބާ: ވަޒީފާއަދާކުރާއިރު މަސައްކަތުގެ ރިވެތި އަޚްލާޤަށް ސަމާލުކަންދީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކުރާށެވެ! އެންމެންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 21 ސިކުންތު

އިސްލާމީ ޝަރީޢަތުގެ ހުރިހާ ތަނބުތައް އޮފުދާރުކޮށްދެނީ މަތިވެރި އަޚްލާޤާއި ރިވެތި ސިފަތަކުންނެވެ. އުންމަތެއް ހެޔޮ އުންމަތަކަށް ވަނީ އެއުންމަތުގެ އަޚްލާޤީ ފޭރާން ތާހިރުވެގެންނެވެ. މަތިވެރި އަޚްލާޤަކީ އިސްލާމީ ޢަޤީދާގެ އެންމެ މުހިއްމު އަސާސެވެ. އަޅުކަމުގެ ބިންގަލެވެ. އަޅުކަން ބިނާވެފައި ވަނީ ޢިބާދާތާއި މުޢާމަލާތުގެ މައްޗަށެވެ. ޢިބާދާތާއި މުޢާމަލާތު ވަނީ ގުޅި ލާމެހިފައެވެ.  މާތް ﷲއަށް އަޅުކަން ކުރުމަށްފަހު ދުނިޔަވީ ޙަޔާތުގެ އެކި މުޢާމަލާތްތައް ކުރުމަށް ބިމުގައި ފެތުރިގަތުމަށް މާތް  ﷲ ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. --- މާނައީ: "ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: حياة ގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللَّه ގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ." 

މުޖުތަމަޢުގައި ހިމެނޭ ގިންތިތަކުގެ ތެރެއިން މުވައްޒަފުންނަކީ އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާންޖެހޭ މީހުންނެވެ. ވަޒީފާގެ މައިދާނުން ރިވެތި މާތް އަޚްލާޤީ ސިފަތައް ފެންނަންޖެހެއެވެ. ކޮންމެ މުވައްޒަފަކީ އޭނާ ވާ ކޮންމެ ތަނެއްގައި އޭނާ ހެއްދެވި މަޤުޞަދު މަތިން ހަނދާންކޮށް އެމަޤުޞަދު ޙާޞިލުކުރުމަށް މަސައްކަތް ކުރަންޖެހޭނޭ މީހެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނުހައްދަވަމެވެ."[1] މި މަޤުޞަދު ޙާޞިލު ކުރެވޭނީ މާތް ﷲ އާއި އެކަލާނގެ އަޅާއާ ދެމެދު އޮންނަ ގުޅުން ރަގަޅު ކުރެވިގެންނެވެ. އަދި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކަކީ އަޚްލާޤީ އިމުގެ ތެރެއިން ކުރެވޭ ހެޔޮ މުޢާމަލާތްތަކަކަށް ވެގެންނެވެ.  

އިސްލާމީ ޝަރީޢަތާއި އަދި ވަޟްޢީ ޤާނޫނު ބުނެދޭ މަތިވެރި އަޚްލާޤުގެ އެންމެ ކުރީގައިވަނީ ޢަހުދަށް ރައްކާތެރި ވުމެވެ. ޙަވާލުކުރެވޭ ޒިންމާ ފުރިހަމައަށް އަދާކުރުމެވެ. މުވައްޒަފެއްގެ ހައިސިއްޔަތުން ތިބާ އެއްބަސްވެ، ސޮއިކުރި ވަޒީފާ ބަޔާނާ އެއްގޮތަށް ޢަމަލުކުރުމެވެ. ވަޒީފާގެ މަސްއޫލިއްޔަތަކީ، މުވައްޒަފު ރައްކާތެރިވާންޖެހޭ ބޮޑު އަމާނާތެކެވެ. ވެވޭ ޢަހުދަކާއި ޢަޤުދެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ، ---[2] މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، عقدތައް ފުއްދާށެވެ!" 

ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށްޓަކައި ވެވޭ އެއްބަސްވުމަކަށް ނުހަދާށެވެ! ސޮއިކުރާ ޢަޤުދަކީ އޮފީސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަޞްވީރަކަށް ނުހަދާށެވެ! އެހެނީ، ވަޒީފާ ބަޔާނަކީ ޚިދުމަތް ފޯރުކޮށް ދިނުމަށް ހިފޭ ޢަހުދު ކަށަވަރެކެވެ. އެހެންކަމުން އެ ޢަޤުދުގައި ލިޔެވިފައިވާ ކޮންމެ ލަފުޒަކަށް، ޖުމްލައަކަށް ފަރުވާތެރިވެ ރައްކާތެރިވާށެވެ! ވަޒީފާގެ ތެރެއިން ޚިދުމަތަށް އެދޭ ފަރާތްތަކަށް ފަރުވާތެރި ކަމާއެކު އެޚިދުމަތެއް ވީއެންމެ ފުރިހަމައަށް އިޙްތިރާމާއި އޯގާތެރި ކަމާއެކު ފޯރުކޮށްދޭށެވެ! މުވައްޒަފުންގެ ފަހަތުން ޚިދުމަތް ލިބިގަންނަ މީހާ ދުވަން ނުޖެހޭގޮތަށް، ތިބާގެ ދުވަހުގެ މަސައްކަތް ތަރުތީބު ކުރާށެވެ.  ކީރިތި ރަސޫލާ  z ޙަދީޘްކުރައްވާފައި ވެއެވެ. (إِنَّ اللهَ عَزَّ وَجَلَّ يُـحِبُّ إِذَا عَمِلَ أَحَدُكُمْ عَمَلًا أَنْ يُتْقِنَهُ)[3] މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު މަސައްކަތެއް ކުރާނަމަ، އެ ކަމެއް ވީ އެންމެ ފުރިހަމައަށް ކުރުމަށް މާތް ﷲ ލޯބިވެވޮޑިގަންނަވައެވެ." 

އޮފީހުގެ ކަރަންޓާއި ފެނަކީ ވެސް އަމާނާތެކެވެ. ފޯނާއި ކަރުދާހާ ދެއްޔަކީވެސް އަމާނާތެކެވެ. އޮފީހުގެ މެޝިނަރީތަކަކީވެސް އަމާނާތެކެވެ. ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތަކީ ވެސް އަމާނާތެކެވެ. މުއައްސަސާގެ މުހިއްމު މަސައްކަތްތަކާ ގުޅޭ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީވެސް އަމާނާތެކެވެ. އެހެންކަމުން މި އަމާނާތްތަކަށް ރައްކާތެރިވާށެވެ! ވަޒީފާގެ މުހިއްމު ވަގުތުތައް އޮފީހުން ބޭރުގައި  އަމިއްލަ ކަންކަމަށް ހޭދަކުރާއިރު، ޙަވާލުވި އަމާނާތުގެ މަތިން ހަނދުމަކުރާށެވެ! އޮފީހުގެ ތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރާއިރު، މާތް ﷲ ބައްލަވައިވޮޑިގެންވާކަން ހަނދުމަކުރާށެވެ! އޮފީހުގެ ސިއްރުތައް މީސްމީޑިއާގެ މަންސަތަކުގައި ފަތުރާއިރު، ފަހުން ހިތާމަކުރަންޖެހޭނެކަން ވެސް ހަނދުމަކުރާށެވެ! މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (لَا إِيْـمَانَ لِمَن لَّا أَمَانَةَ لَهُ، وَلَا دِيْنَ لِمَن لَّا عَهْدَ لَهُ)[4] މާނައީ: "އަމާނާތްތެރިކަން ނެތް މީހާގެ ކިބައިގައި، ފުރިހަމަ އީމާންކަމެއް ނުވެއެވެ. އަދި ޢަހުދަށް ވަފާތެރިނުވާ މީހާގެ ކިބައިގައި ފުރިހަމަ ދީންވެރިކަމެއް ނުވެއެވެ." 

ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެށްޓަކަށް ހެދުމަކީ  ކޮންމެ މުވައްޒަފެއްގެ ވާޖިބެކެވެ. މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫ އަރާފަދަ ޢަމަލުތައް ކުރުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ވަޒީފާގެ ވެށި ކިލަނބުކޮށް، ތަޣައްޔަރުކުރާ ކަމެކެވެ. މަސައްކަތުގެ ރޫޙު ގެއްލޭ ކަމެކެވެ. މުވައްޒަފުންގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން އެފަދަ ޢަމަލުތަކުން ދުރުވުމަށް ތިޔަ އެންމެތަކުންނަށް އިލްތިމާސްކޮށް، ވަޞިއްޔަތްކުރަމެވެ. 

އިންސާނީ ކަރާމަތާއި ޙައްޤަކީ ބޮޑުވެގެންވާ އަމާނާތެކެވެ. ކޮންމެ ވަޒީފާއެއްގައި ވެސް ޙައްޤުތަކާއި ވާޖިބުތަކެއް ވެއެވެ. މުވައްޒަފުގެ މައްޗަށް ވާޖިބުތަކެއްވާ ފަދައިން ވަޒީފާ ދޭ ފަރާތުގެ މައްޗަށްވާ ޙައްޤުތަކެއް ވެއެވެ. މުވައްޒަފުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެ، ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ޤަވާއިދުން ދޭންޖެހެއެވެ. ވަޒީފާގެ އުޞޫލުތަކުގެ ތެރެއިން ދޭންޖެހޭ ޗުއްޓީއާއި ހުސްވަގުތު ދީ، މުވައްޒަފުންގެ މެދުގައި ޢަދުލުއިންޞާފު ޤާއިމުކޮށް، އޯގާތެރިކަމާއެކު މުޢާމަލާތު ކުރަންޖެހޭނެއެވެ.

ދައުލަތާއި ރައްޔިތުންގެ މުދަލާއި ޢާއްމު މިލްކިއްޔާތަށް ރައްކާތެރިވުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވައިފައިވާ ކަމެކެވެ.  އެހެންކަމުން މި ލަނޑުދަނޑި، ޙާޞިލުކުރެވޭނީ އެ މުއައްސަސާގެ މަޤާމުތަކަށް ޤާބިލު މީހުން ތިބެގެންނެވެ. މަޤާމުތަކުގައި ތިބޭ މީހުންގެ ކިބައިގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަން ހުރެގެން މެނުވީ އެ މުއައްސަސާއެއްގެ ހިންގުން ހަލުވިވެގެން ނުދާނެއެވެ. 

ވަޒީފާގެ ވެށީގައި ކުރެވޭ މަސައްކަތްތަކުގައި މާތް ﷲ ބަރަކާތްލައްވާނީ، އިޚްލާޞްތެރިކަމާއެކު އެކަންކަން ކޮށްގެންނެވެ. މާތްﷲ ގެ ވަޖުހުފުޅު އަދައިގެން، ޙަވާލުކުރެވޭ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކޮށްގެންނެވެ. މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެއެވެ. ވަޒީފާގެ ވެއްޓާއި ނިޒާމު އޮންނަންވާނީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަނެވޭނެ ގޮތަށް ރާވައި ތަރުތީބު ކުރެވިފައެވެ. ވަޒީފާގެ އުޞޫލުތަކާއި ވެށި ބައްޓަންކުރަންވާނީ، ފަރުޟު ނަމާދު އަދާކުރެވޭނޭ ގޮތަށެވެ.   

އިންސާނާގެ ކަރާމަތާއި އަގު ހިފަހައްޓައި ދޭ އަސާސަކީ، މަތިވެރި އަޚްލާޤެވެ. އިސްލާމީ އުންމަތް އެހެން އުންމަތްތަކާ ތަފާތުވަނީ މަތިވެރި އަޚްލާޤުގެ ސަބަބުންނެވެ. އެހެން ކަމުން އުންމަތުގެ ފަޚުރެއްކަމުގައި ވުމަށް ރިވެތި އަޚުލާޤުން ޒީނަތްތެރިވަމާހިނގާށެވެ! އިންސާނާގެ ކިބައިގައި މަތިވެރި އަޚްލާޤު ނުވާނަމަ، އެ މީހަކު ކުރާ ޢަމަލުތައް ފާސިދުވާނެކަން ބަޔާންކުރައްވާ މާތްނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (وَإِنَّ سُوْءَ الْـخُلُقِ لَيُفْسِدُ الْعَمَلَ، كَمَا يُفْسِدُ الْـخَلُّ الْعَسَلَ)[5]  މާނައީ: "ސުރުކާހުތުގެ ސަބަބުން މާމުއި ފާސިދުވާފަދައިން ގޯސް އަޚްލާޤުގެ ސަބަބުން ޢަމަލުތައް ފާސިދުވެދެއެވެ." 

ޢާއިލާއާއި މުޖުތަމަޢުގެ އުފެއްދުންތެރިކަމާއި ފުދުންތެރިކަން އިތުރުކުރުމަށްޓަކާ ވަޒީފާއަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން ފުރިހަމައަށް ދޭންޖެއެވެ. މުޖުތަމަޢު އާ އުސްމިންތަކަށް ގެންގޮސް، ނަފްސަށް ހަމަޖެހުމާއި އަރާމު ލިބިދެވޭނީ މަސައްކަތުގައި ތެދުވެރިކަމާއި އަމާނާތް އެކުލެވިފައިވާ މިންވަރަކުންނެވެ.  

ވަޒީފާގެ މައިދާނުގައި ވަޒީފާ ދޭ ފަރާތާއި ތިބާއާއި އަދި ތިބާއާއެކު މަސައްކަތްކުރާ މުވައްޒަފުން ތިޔަ ދަތުރު ކުރަނީ އެއް ނަވެއްގައިކަން ހަނދާން ކުރާށެވެ. އެ ނައު ޣަރަޤު ވެއްޖެނަމަ އެންމެން ޣަރަޤު ވެދާނެކަން ދަންނާށެވެ. އަދި އެ ނައު ފަރަކަށް ނާރައި، ނުބެހި ހެޔޮމިސްރާބުގައި ދަތުރުކޮށް، ސަލާމަތުގެ އައްސޭރިއަށް ވާޞިލު ވެއްޖެނަމަ ދަތުރުގެ އެންމެހާ ބައިވެރިންނަށް އަމާންކަމާ އުފާވެރިކަން ލިބޭނޭކަން އަބަދުމެ ހަނދާނުގައި ބަހައްޓާށެވެ. މި މަބްދައަށް ރައްކާތެރި ވެވިއްޖެނަމަ، ބާއްޖަވެރިކަން އޮތީ ތިމާ އަށާއި، ތިމާގެ ޢާއިލާ އަށާއި، ތިމާގެ ވަޠަނަށެވެ. ތިމާވަޒީފާ އަދާކުރުމުގެ މަޤުޞަދަކަށްވާންޖެހޭނީ ދުނިޔެ ޢިމާރާތްކުރުމެވެ. ދުނިޔެ ޢިމާރާތްކުރުމުގެ ބޭނުމަކަށް ވާންޖެހޭނީ އުޚުރަވީ ޙަޔާތް ކާމިޔާބު ކުރުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު