އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަވެ، ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން އަންގާފައިވުމާ ގުޅިގެން، އޭގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ.
މޫސުމާބެހޭ އިދާރާއިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން، މިއަދުން ފެށިގެން 18 ޖަނަވަރީ 2025 ގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ. މި ވިއްސާރައަކީ ބޭ އޮފް ބެންގާލް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ.
މި ހާލަތާ ގުޅިގެން، ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައެވެ. މި ޓާސްކް ފޯހުގެ އެންމެ އިސް އަމާޒަކީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ކުންފުނީގެ މުހިންމު އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކުރިން ވެސް މިފަދަ ހާލަތްތަކުގައި ޢަމަލުކުރަމުން އައި ފަދައިން، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ވެސް މުވައްޒަފުން ތިބޭނީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކުރެވޭ ވިއްސާރައިގައި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ޤައުމީ ފެންވަރުގެ ޓާސްކް ފޯހެއް ވެސް ވަނީ އެކުލަވާލާފައެވެ.
Advertisement
13 ޖެނުއަރީ 2025