އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ޥާހަކަ: ދަރިންގެ ފަރާތުން ލިބޭ ހިތްދަތިކަމަށް ކެތްނުކުރެވިގެން ގެ ދޫކޮށް މަންމަ ދިއުމުން އެގެއިން ފެންނަން ފެށީ ބިރުވެރި ކަންތައްތަކެއް! ދަރިންނަށްވެސް ޖެހުނީ ނުކުންނަން!

ޢިބްރަތްތެރި ޥާހަކަ: ދަރިންގެ ފަރާތުން ލިބޭ ހިތްދަތިކަމަށް ކެތްނުކުރެވިގެން ގެ ދޫކޮށް މަންމަ ދިއުމުން އެގެއިން ފެންނަން ފެށީ ބިރުވެރި ކަންތައްތަކެއް! ދަރިންނަށްވެސް ޖެހުނީ ނުކުންނަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 12 ސިކުންތު

ޖަމީލާގެ ޢުމުރަކީ 65 އަހަރެވެ. 5 ދަރިން ބަލައި ބޮޑުކުރިއެވެ. ފިރިމީހާ އޭނާ އާއި 5 ދަރިން ދޫކޮށްލާފައި ދިއައިރު ދޮށީ ދަރިފުޅުގެ ޢުމުރަކީ 10 އަހަރެވެ. އެހެންކަމުން އޭނާ ދަރިން ބަލައި ބޮޑުކުރީ ވަރަށް ބުރަ މަސައްކަތްކޮށްގެންނެވެ. ދެވަނަ ކައިވެންޏެއްވެސް ނުކުރެއެވެ. އެއީ ދަރިންނަށް ދެރަގޮތެއް މެދުވެރިވެދާނެ ކަމަށްޓަކައެވެ. 

ޖަމީލާއަށް ގޭތެރެއިން ފެންނަން ފެށީ އާދައާއި ޚިލާފް ކަންތައްތަކެކެވެ. 5 ދަރިންގެ ތެރޭގައިވެސް އޭނާ ބަލައިދޭން ބޭނުންވާ ދަރިއަކު ނެތްކަމުގެ އަޑުތައް އިވެން ފެށުމުން އެކަން ޖަމީލާއަށްވީ ވަރަށް ބޮޑު ކަމަކަށެވެ. އެކަމާއި މެދު ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައި ހުއްޓައި ދެންވެސް ކަންކަން ބަދަލުވަމުން ދިއައީ ވަރަށް ދެރަ ގޮތަކަށެވެ. ބަލިވުމުން ޑޮކްޓަރަށް ގެންދާނެ ދަރިއަކުވެސް ނުވެއެވެ. 2،3 ދުވަސްވާއިރު އެކަންކުރާނެ ދަރިއަކަށް ގުރުވަތުލާން ތިބެނީއެވެ. 

އެޙާލަތަށް ދިއުމުން ޖަމީލާ އޭނާގެ އުޚުތެއްގެ ގާތުގައި ވާހަކަދައްކައިގެން އޭނާގެ ގާތަށް ބަދަލުވިއެވެ. ގެ ދަރިންނަށް ދޫކޮށްލީއެވެ. އެހިސާބުން އެއްވެސް ދަރިއަކު އޭނާގެ ޙާލު ބަލައިލަންވެސް ނުދެއެވެ. އެންމެ ކުޑަމިނުން ފޯނެއްވެސް ކޮށްނުލިއެވެ. މަންމަ ގެއިން ނުކުމެގެން ދިއުން ދަރިންނަށްވީ ލިބުނު ބޮޑު އުފާވެރިކަމަކަށެވެ. 

ކޮންމެއަކަސް ޖަމީލާ ގެއިން ދިއަތާ 3 މަސްފަހުން ގޭތެރެއިން ވަރަށް ތަފާތު ކަންތައްތައް ފެންނަން ފަށައިފިއެވެ. ފާޑުފާޑުގެ އަޑުތައްވެސް އިވެނީއެވެ. ބައެއް ފަރުނީޗަރު ގުޑާހެންވެސް ހީވެއެވެ. ދޮރުތައް ލައްޕައި ކުޑަދޮރުތަކުގައި ބޯފޮތި ދަމައިގެން ތިބޭއިރުވެސް ބޭރުން ގަދަ އަލިގަނޑުގަނޑު ދާހެންވެސް ހީވެއެވެ. 

އެކަންކަމަށް ކެތް ނުކުރެވިގެން ޢިލްމުވެރިއަކާއި ބައްދަލުކޮށް ވާހަކަތައް ކިޔައިދިނުމުން ބުންޏެވެ. "ތިއަ ފެންނަނީ ވަރަށް އާދައާއި ޚިލާފް ކަންތައްތަކެކެވެ. އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަށް ބުނާކަށް ނުވާނެއެވެ. ކަލޭމެންނަށް ތިއަ ކަންކަން ތިއަ ފެންނަނީ އެކަންކަން ހިނގާތީތާއެވެ. ދެންވެސް ގޮސް މަންމަޢާއި ބައްދަލުކޮށް މާފަށް އެދިބަލާށެވެ! އަނބުރައި މަންމަ ގެއަށް ގެނެސްބަލާށެވެ. މަންމަގެ ޙިތްޙަލާލު ހޯދިއްޖެނަމަ ތިއަ ކަންކަން ހުއްޓިދާނެ ކަމަށް ފެނެއެވެ." 

5 ދަރިން އެކުގައި ގޮސް މަންމަ އާއި ބައްދަލުކޮށް މާފަށް އެދުނެވެ. މަންމައަށް ހެޔޮކޮށް ހިތާނެކަމަށްބުނެ އަނބުރައި ގެއަށް ގޮސްދޭން އެދުނެވެ. މަންމަ ބުނީ ދަރިންނަށް މާފުކޮށްފިން ކަމަށާއި ނަމަވެސް އަނބުރައި ގެއަށް ނުދާނެ ކަމަށެވެ. 

އެގޭގައި ދިރިނުއުޅެވިގެން ފަހަރަކު ދަރިއަކު ގެއިން ނުކުންނަމުން ގޮސް ގެ ހުސްވެ ފަޅުވުމުން ޖަމީލާ ގެ ވިއްކައިލީއެވެ. ޖަމީލާ ދިރިއުޅުނީ އޭނާގެ ކޮއްކޮގެ ގޭގައެވެ. ގެ ގަތް މީހުން ގޭގައި ދިރިއުޅެން ފެށުމުން އެފަދަ އެއްވެސް ކަމެއް ނުފެނެއެވެ. 

މިއީ ހަމަ މިމާލޭގައި މީގެ 40 ވަރަކަށް އަހަރުކުރިން ހިނގިކަމެއްގެ ވާހަކައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ޖަމީލާއަށް މާމަކިޔާ ދަރިއެކެވެ. އަޅުގަނޑަކީ މާމަގެ 3 ވަނަ ދަރިފުޅުގެ ދަރިއެކެވެ. ވީމާ އަޅުގަނޑުގެ ބައްޕައަކީ މާމަގެ 3 ވަނަ ދަރިފުޅެވެ. 

އަޅުގަނޑުގެ ބޭނުމަކީ މައިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރުމެވެ. މަންމައަށް ނުބައިކޮށް ކަންކަން ކުރުމުން ކޮންމެ ދަރިއަކަށް މިބާވަތުގެ ކަންކަން ނުފެނިދާނެއެވެ. ގެ ފަޅުވާން ނުޖެހިދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީ ކަމަކީ މަންމައަށް ދެރަކޮށް ހިތައިފިނަމަ އެކަމާއި ކުރިމަތިލާންޖެހޭނެ ދުވަހެއް އެބައޮތްކަމެވެ. 

އަޅުގަނޑަކީވެސް ހަމަ މާމަފަދައިން ކަންކަން ކުރިމަތިވެފައިވާ އަންހެނަކީމެވެ. އެކަނިމާއެކަނި 3 ދަރިން ބަލައިބޮޑުކުރީމެވެ. ޢުމުރުން މިހާރު 53 އަހަރެވެ. އަދިވެސް ދިރިއުޅެނީ ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުންނެވެ. ދަރިންނަށްވެސް އެހީތެރިކަން ފޯރުކޮށްދެމެވެ. އެވަރުންވެސް ލޯބިން މަންމާއެވެ ބުނެލާ އަޑު އިވުނު ހަނދާނެއް ނެތެވެ. 

މިއީ މިއަދު އަޅުގަނޑު ފަދަ އެތައްބައިވަރު މައިންނަށް ދުނިޔޭގައި އުޅެންޖެހިފައިވާ ޙާލުކަމަށް ޤަބޫލުކޮށް މިހުރީ ކެތްތެރިވެގެންނެވެ. އިން ޝާ ﷲ

 

- ރަމީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް