އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 37 ސިކުންތު
އަޅުގަނޑުގެ ފުރަތަމަ ކައިވެނީގެ ކަންކަން ނިމިދިއަގޮތުން އަޅުގަނޑު ޤަޞްދުކުރީ ދެން ދުވަހަކުވެސް ކައިވެންޏެއް ނުކުރާށެވެ. ހުރިހާ އުފަލަކީ ދަރިފުޅު ކަމުގައި ހަދައިގެން ދުނިޔޭގައި އުޅެ ޙަޔާތްވޭތިކޮށްލާށެވެ!
އަޅުގަނޑުގެ މައިންބަފައިންނަކީ މެދުމިނުގެ ބައެކެވެ. މިހެން މިބުނަނީ އަތުގައި ތަނަވަސްކަމެއް ނެތްނަމަވެސް އަމިއްލަ ބޭނުންތައް ފުއްދާލައިގެން ކައިގެން ބޮއިގެން އުޅެވޭތީއެވެ. އަޅުގަނޑު ޙާލުގައި ޖެހުނު ދުވަހު އެމީހުން އަޅުގަނޑު ބާކީކޮށްނުލައި ހިތްވަރުކުރަން ހިތްތަވރުދިންކަން އެއީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހަމަޖެހުމެވެ.
ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ދިއައިރު ދަރިފުޅުގެ ޢުމުރަކީ އެންމެ 2 އަހަރެވެ. ލިބޭ މުސާރައިން މައިންބަފައިންނަށްވެސް އެހީތެރިވަމުން ދަރިފުޅުގެ ކަންކަން ކޮށްލެވެނީ ހަމަކިރިޔާއެވެ. ވަރަށް ބަލައިގެން ޚަރަދުތައްކުރާތީއެވެ. އެހެން ގޮތަކަށް ބުނާނަމަ އަޅުގަނޑުގެ އުފަލަށް އެއްވެސް ވަރަކަށް ޚަރަދުނުކުރާތީއެވެ. އެންމެ ކުޑަމިނުން ހެދުމެއް ގަންނަނީވެސް އެއް ހެދުން ވީދި ނުލެވޭވަރުވުމުންނެވެ.
އެކަމަކު އަޅުގަނޑު ވަރަށް ޤަވާއިދުކޮށް ކޮންމެ ދުވަހަކުހެން އެއް ކަމެއް ކުރަމެވެ. އެއީ ގެއާއި ވަރަށް ކައިރީގައި އޮންނަ ކުޑަ ޕާކަކަށް ކޮންމެ ދުވަހަކު ހަވީރު ދަރިފުޅު ގޮވައިގެން ދިއުމެވެ. އެއީ ގޭތެރޭގެ ދަތިކަން ހުންނަގޮތުން ސާފުވައިކޮޅެއްވެސް ދަރިފުޅަށް ނުލިބޭތީއެވެ.
ދަރިފުޅުގެ ޢުމުރުން 5 އަހަރު ފުރެން ގާތްވެފައި ވަނިކޮށް ޕާކުން ކޮންމެ ދުވަހަކު ފިރިހެނަކާއި ބައްދަލުވާން ފެށިއެވެ. އޭނާގެ މޫނުމަތި ހުންނަނީ މަރުވެފައެވެ. އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ. ހިނިތުންވެލަނީވެސް ގަދަކަމުންނެވެ.
ކޮންމެއަކަސް ދެމީހުންގެ މެދުގައި ގުޅުން އުފެދި ވާހަކަދައްކަން ފެށުނެވެ. މަޑުމަޑުން ވާހަކަތައް ދެކެވުން އިތުރުވަމުން އައިސް ދެމީހުންނަށްވެސް ދެމީހުންގެ ޙަޔާތުގެ ވާހަކަތައް އެކަކު އަނެކަކަށް ކިޔައިދެވިއްޖެއެވެ.
އޭނާއަށް ވެގެން އުޅޭ ގޮތަކީ އޭނާގެ އަނބިމީހާ އެހެން މީހަކާއި ގުޅި، 2 ދަރިން ބޮލަށްޖަހާފައި އެމީހާއާއިއެކުގައި ދިއައީއެވެ. އަނބިމީހާ ދެކެ އޭނާ ވަރަށް ލޯބިވެއެވެ. އެހެންވެ އެކަމުގެ ހިތްދަތިކަމުގައި ދިރިއުޅެމުން އަންނަނީއެވެ.
އެހެންކަމާއިއެކުވެސް ދުވަސްތައް މާޒީވަމުން، ދުވަހެއް ދުވަހަކަށް ދެމީހުންގެ ގުޅުން ބަދަހިވަމުން އައިސް ކައިވެނިކުރާ ހިސާބަށް ހިނގައްޖެއެވެ. އެއިރުވެސް އޭނާގެ ދިރިއުޅުމާއިބެހޭ ގޮތުން އެއްވެސް ކަމެއް ކިޔައެއް ނުދެއެވެ. ހަމައެކަނި ބުނީ ކައިވެންޏަށްފަހު ދިރިއުޅޭނެ ގެއެއް އެބަހުރިކަމަށެވެ. މީހަކަށް ދަރަނިވެރިނުވެ 3 ދަރިންނާއި އަޅުގަނޑު ގެންގުޅެވިދާނެ ކަމަށެވެ.
އަޅުގަނޑަކީ އެއްވެސް އިރަކު ތަނަވަސްކަމަށް ދަހިވެތި އަންހެނަކަށްނުވާތީ އެވަރު އެއީ ހަމަ ތަނަވަސް މިންވަރެއް ކަމަށް ޤަބޫލުކޮށް ކައިވެނިކުރަން އެއްބަސްވީމެވެ. އިތުރު 2 ދަރިން ބަލަންޖެހުމުން މަސައްކަތްބުރަވާނެކަންވެސް ވިސްނުނެވެ. ނަމަވެސް އަޅުގަނޑު ބޮޑަށް އިސްކަންދިނީ ދިރިއުޅުމަކަށެވެ. ދުވަހަކުވެސް ކައިވެންޏެއް ނުކުރަން ނިންމައިގެން ހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެއިރު ވިސްނޭތީ ކައިވެނިކުރީއެވެ.
ކައިވެނިކުރީ އަޅުގަނޑުމެންގެ ގޭގައި ވަރަށް އާދައިގެ ގޮތަކަށެވެ. ކައިވެނީގެ ކަންކަން ނިމި ސައިބޮއި ހަދައިގެން ކޮޓަރިއަށް ވަދެފައި ފިރިމީހާ ބުނީ ކުޑަ މަސައްކަތެއް ކޮށްލާފައި އެނބުރި އަންނާނެ ކަމަށެވެ. 11 ޖަހާ އެހާކަންހާއިރަށް އޭނާގެ ގެއަށް ބަދަލުވާން ތައްޔާރުވެގެން އިނުމަށެވެ.
އަޅުގަނޑު ބަލައި އައީ ޓެކްސީއެއްގައެވެ. އެއިރު އަޅުގަނޑު ގެއިންދާތީ މަންމަމެންވެސް ހޭލައި ތިއްބެވެ. ގެއަށް ވަދެ މަންމަގެ ކޮނޑަށް އަތްލައިގެންހުރެ މަންމަ ގޮވައިގެން މަންމަމެންގެ ކޮޓަރިއަށް ދިއައެވެ. ފަހަތަކުން ނުދަމެވެ. ހީކުރީ މަންމަ ގާތު އެކަނި ބުނަން ބޭނުންވާ ވާހަކައެއް ބުނެލަން ދިއައީކަމަށެވެ.
ނުކުމެގެންވެސް އައީ މަންމަ އާއިއެކުގައެވެ. މަންމަގެ މޫނުމަތިން އުފާވެރިކަން އިތުރަށް ފެންނަން ހުރުމުން އަޅުގަނޑަށްވެސް އުފާވެރިކަން ލިބުނެވެ. މަންމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ހމައެކަނި ދެމައިން ވަރަށް ލޯބިން ބައްދާލާފައި އެގޭގައި އިނަސް ނަމާދުތަކާއި ރޭއަޅުކަން ކުރުންމަތީގައި އިނުމަށް ހަނދާންކޮށްދިނީއެވެ.
ޓެކްސީން ފައިބައި ނަންބަރު ޖަހައި ދޮރުހުޅުވައިގެން ވަނީ 6 ބުރިއަށް އަޅާފައި ބޮޑު ގެއަކަށެވެ. ތިރީގައި 2 ކާރުވެސް އޮތެވެ. ހީކުރީ އެގެއިން ތަނެއް ކުއްޔަށް ހިފައިގެން އުޅެނީކަމަށެވެ. އެހެންވެ ސުވާލެއްވެސް ނުކުރަމެވެ.
ދޮރުހުޅުވާފައި ގެއަށް ވަނުމުން ފެނުނު ކަންތައްތަކުން ވަރަށް ބޮޑު ޙައިރާންކަމެއް ލިބުނެވެ. ދެމީހަކު އައިސް އެއްޗެތި އަތުލައިގެން ގެންދިއުމުންނެވެ. އެމީހުން އެއްޗެތި ގެންދިއުމުން ފިރިމީހާ ސިޓިންގ ރޫމްގެ ސޯފާއެއްގައި އަޅުގަނޑުމެން ދެމައިންނާއިއެކު އިރުކޮޅަކު އިނދެފައި ކޮޓަރިއަށް ގެންގޮސްފިއެވެ.
އެއީ ވަރަށް ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގައި ދަރިފުޅަށް ކުޑަ ކޮޓަރިއެއްވެސް ހުއްޓެވެ. ދެމީހުން ފެންވަރައި ސުންނަތުގައިވާފަދައިން ކަންކަންކުރީމެވެ. އެއަށްފަހު އެނދުގައި އޮށޯވެފައި ކިޔައިދިނެވެ.
އެގެއަކީ އޭނާގެ ގެއެކެވެ. އޭނާއަކީ ތަނަވަސް ވިޔަފާރިވެރިއެކެވެ. އެކަންކަން އަޅުގަނޑަށް ސިއްރުކުރީ އޭނާދެކެ އަޅުގަނޑު ލޯބިވެ ކައިވެނިކުރީ އޭނާގެ ތަނަވަސްކަމަށް ނޫންކަން ޔަޤީންކުރަންވެގެންނެވެ.
އެރެއިން ފެށިގެން ދަމުނަމާދު ދިގުކުރަންފެށީމެވެ. ލެއްވެވި ރަޙްމަތަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. ކައިވެންޏަށް 12 އަހަރުވީއެވެ. ދެމީހުންގެ ގުޅުމަށް އެއްވެސް ބަދަލެއް ނައުދެއެވެ. އަޅުގަނޑުގެ މައިންބަފައިންނަށްވެސް ވަރަށް ރަނގަޅަށް ކަންކަން ކޮށްދެއެވެ. މައިންބަފައިންގެ ގެވެސް މިހާރު އެހުރީ އަޅައިދީފައެވެ. 8 ބުރިއަށެވެ. މަންމަ ވަނީ ފިރިމީހާ ވިޔަފާރިކުރަން ތިރީ 3 ބުރި ދީފައެވެ. ގެއަޅައިދިނީ ފިރިމީހާ ނަމަވެސް އެކަމަށް ނުބަލައި ކުލިވެސް މަންމަމެންނަށް ދައްކައެވެ. މިހާރު ދެމަފިރިންގެ 4 ދަރިންވެސް އެބަތިއްބެވެ. ވީމާ މިއީ 7 ދަރިންގެ ބޮޑު ޢާއިލާއެކެވެ.
އަޅުގަނޑުގެ ހަނދާނަށް މިހާރުވެސް އަންނަ ކަމެއް އެބައޮތެވެ. އެކަން ހަނދާން ނައްތާލަން އުޅެއުޅެ އަދިވެސް އެކަމެއް ނުކުރެވެއެވެ. އެއީ ފުރަތަމަ ފިރިމީހާ އަޅުގަނޑު ވަރިކޮށްލި ދުވަހު ބުނި ބަސްތަކެވެ. "ދަރިފުޅަށް ޚަރަދުދޭނަމެވެ. އެފައިސާކޮޅު ކައިލާނީއެއް ނޫނެވެ. ކަލެއާ ކައިވެނިކުރާނެ ރަނގަޅު މީހަކުވެސް ނުވާނެއެވެ. ޖެހޭނީ ތެޅިތެޅި އިންނާށެވެ." (އެހެންބުނެފައި ނުކުމެގެންދިއަ މީހާ އެންމެ ރުފިޔާއެއްވެސް ނުދެއެވެ.)
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުންނަން ބޭނުންވާ އެއްވާހަކައަކީ ތިމާ ބޭނުންވެގެން އަނބިން ވަރިކޮށްލި ނަމަވެސް އެހައި ނިކަމެތިބަސްތައް ނުބުނާށެވެ. ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތެއް ނުއެނގޭނެއެވެ. ދެވަނަ ވާހަކައަކީ ތަނަވަސް ފިރިއަކަށް ދަހިވެތިނުވާށެވެ. އަޚްލާޤަށާއި ދީންވެރިކަމަށް ބަލައިގެން ކައިވެނިކުރީމާ ތަނަވަސްކަމާއި އެހެން ނިޢްމަތްތައްވެސް ދެއްވަވާނެއެވެ. އިން ޝާ ﷲ
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
17 ޖެނުއަރީ 2025