އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިއުޅުންވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވެނީ ތިމާއަށް ކުރެވޭ ކުށްތައް އިޞްލާޙްކުރަން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރާ މީހުންނަށް!: މުފްތީ މެންކް

ދިރިއުޅުންވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވެނީ ތިމާއަށް ކުރެވޭ ކުށްތައް އިޞްލާޙްކުރަން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރާ މީހުންނަށް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

ތިމާ މިއުޅެނީ ކިތަންމެ ރަނގަޅަށް ޤަބޫލުކުރެވޭ މީހާއަށްވެސް ކުރެވޭ ކުށްތަކެއް ހުންނާނެއެވެ. އަދި ކޮންމެ މީހެއްގެ ކިބައިގައިވެސް އުނިސިފަތަކެއްވެސް ހުންނާނެއެވެ. އެންމެ މުހިންމު ކަމަކީ ތިމާއަށް ކުރެވޭ ކުށްތަކާއި ތިމާގެ ކިބައިގައި ހުންނަ އުނިސިފަތައް ދެނެގަންނަން ތިމާ އަމިއްލައަށް މަސައްކަތްކުރުމެވެ. އެހެން މީހުން އެކަންކަމުގެ ވާހަކަދައްކަން މަޑުކޮށް ފުރުޞަތު ނުދިނުމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެންމެ ފުރަތަމަ ބަލައި ވިސްނަންވީ އެންމެ ކުޑަމިނުން ތިމާއަށް ދީނުގެ ފަރުޟުތައް ފުރިހަމައަށް އަދާކުރެވޭތޯއެވެ! ޢާއިލީ ޒިންމާތައް ފުރިހަމައަށް އަދާކުރެވޭތޯއެވެ! މައިންބަފައިންގެ ހައްޤުތައް ފުރިހަމައަށް އަދާކުރެވޭތޯއެވެ! ތިމާ އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އިޚްލާޞްތެރިކަމާއެކު އަދާކުރެވޭތޯއެވެ! 

އެމީހަކު އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ. އެހެން މީހަކަށް ނުޖެހޭނެއެވެ. ވީމާ އެހެން މީހުން ކުރާ ކަންކަމަށް ވިސްނަން ތިމާގެ އަގުހުރި ވަގުތުތައް ބޭކާރު ނުކުރާށެވެ! ތިމާ އިޞްލާޙްކުރަން ހުރި ކަންކަމަށް ވިސްނައި ފިކުރުކުރާށެވެ! ތިމާއަށް އިތުރު ކުރިއެރުން ލިބޭނެ ގޮތްތަކަށް ވިސްނައި އިތުރު ކުރިއެރުން ހޯދާށެވެ! ދެ ދުނިޔެ ކާމިޔާބު ކުރެވޭނީ އެއިރުންނެވެ! 

ދުނިޔެއާއި ޢާޚިރަތުގައިވެސް އުފާވެރިކަމަށް ނުއެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ ދުނިޔެއާއި ޢާޚިރަތުގެ އުފާވެރިކަމަށް އެދި ކުރަންޖެހޭ ކަންކަންވެސް ކުރާށެވެ! އެއިގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ކޮންމެ ދުވަހަކު މަދުވެގެން ތިމާއަށް ކުރެވޭ އެއް ކުށް އިޞްލާޙްކުރުމެވެ. މަސައްކަތްކުރީމާ އެއީ ޙާޞިލުކުރެވޭނެ ކަމެކެވެ! އިން ޝާ ﷲ 

ތިބާގެ ކިބައިން އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތަކާއިމެދުގައި ކޮންމެ ދުވަހަކުވެސް ވިސްނައިލާށެވެ!  ހަމަޖެހިލައިގެން އިނދެ ވިސްނައިފިނަމަ ކޮންމެ ދުވަހަކުވެސް އިތުރު ކަންތައްތައް ފާހަގަ ކުރެވޭނެއެވެ. ފާހަގަ ކުރެވުނު ކަންކަން އިޞްލާހް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! 

މިއީ ވަރަށް ގިނަ ބައަކު އިހްމާލުވަމުންދާ ކަމެކެވެ. ގިނަ ބައަކު އަބަދުވެސް ބަލަނީ އަނެކާގެ ހުންނަ އުނި ސިފަތަކަށެވެ. ބަލަނީ އަނެކާގެ ކަންކަމަށް ފާޑުކިޔޭތޯއެވެ. ތިމާގެ ކިބައިގައި ވެސް އުނި ސިފަތަކެއް ހުރިކަމާއިމެދުގައި ވިސްނައިވެސް ނުލައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެހެނީ ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމަ ޒިންމާއަކީ އެމީހެއްގެ އަމަލުތައް އިޞްލާޙްކުރުން ކަމުގައިވާތީއެވެ. އެއަށްފަހު އެމީހެއްގެ ބެލެނިވެރިކަމުގެދަށުގައި ތިބި ބައެއްގެ އަމަލުތައް އިޞްލާޙްކުރުވުން ކަމުގައިވާތީއެވެ. 

ތިމާގެ އަމަލުތައް އެއް ދުވަހުން އަނެއް ދުވަހަށް އިޞްލާޙްކުރަން ކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އެގޮތުގައި މަސައްކަތްކުރާ މީހަކަށް ހެޔޮ ރަޙްމަތް މިންވަރު ކުރައްވަވާނެތެވެ. އެގޮތަށް ކުރެވޭ މަސައްކަތްތަކަށް ކުރިއެރުން މިންވަރުކުރައްވަވާނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް