އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 17 ސިކުންތު
މަންމަގެ ޢުމުރަކީ 35 އަހަރެވެ. ލިބިފައިވަނީ އެންމެ ދަރިއެކެވެ. އެއީ ޢުމުރުން 12 އަހަރުގެ އަންހެންކުއްޖެކެވެ. އެދުވަސްވަރު މައިމީހާ ލޯބީގެ ގޮތުން ފިރިހެނަކާއި ގުޅުނެވެ. އޭނާގެ ބަހަށް ހެއްލި ދަރިފުޅު ގެންގޮސް ޖަންގަލި ތެރެއަށް ދޫކޮށްލިއެވެ.
އެގޮތަށް އެއްލައިނުލުން އެދި ދަރިފުޅު ރޮއި އާދޭސްކުރުމުންވެސް ބުނީ ކުޑައިރު ބައްޕަ ވަރިކޮށްލާފައި ދިއުމުން ތިއަ ދަރިފުޅު ވެފައިވަނީ އުފުލަންޖެހުނު ބޮޑު މުޞީބާތަކަށް ކަމަށެވެ. އެހެން ބުނެފައި ހެދުންކޮޅު އަޅާފައި ހުރި ކުޑަ ދަބަހެއް ދީފައި ސައިކަލަށް އަރައިގެން ދިއައީއެވެ.
ދަރިފުޅު ހަދާނެ ގޮތެއް ނުއެނގި އެތަނުގައި ރޯން އިންދައި ދަނޑުވެރި އަންހެނަކަށް ފެނިގެން ކުއްޖާ ގެންދިއައެވެ. އޭނާގެ ދަރިންނާއިއެކު ގެންގުޅެންފެށިއެވެ. އެހިސާބުން ސްކޫލަށް ދެވުން ނިމުނީއެވެ. ޖެހެނީ އެހެންކުދިންނާއިއެކު ދަނޑުގައި މަސައްކަތްކުރާށެވެ. ސަބަބަކީ އެގޭގެ އެއްވެސް ކުއްޖަކު ކިޔަވަން ސްކޫލަކަށް ނުދެއެވެ. އެކުއްޖަކަށް ވެވުނު ވަރަކަށް މަސައްކަތްކުރަނީއެވެ. އެގޭ ދެމަފިރިން އެކުއްޖާއަށް ވަރަށް ކަމޭހިތިއެވެ. އެމީހުންގެ ދަރިއަކު ފަދައިން އަޅާލައި އެމީހުންގެ ފެންވަރުން ކަންކަންވެސް ކޮށްދެއެވެ.
ދުވަސްކޮޅެއްފަހުން އެގޭގެ ދައްތަގެ ފިރިމީހާ ބަލިވެއުޅެލާފައި ނިޔާވެއްޖެއެވެ. އެއިގެ ދުވަސްކޮޅެއްފަހުން ދައްތަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ބޭސްކުރަން ހޮސްޕިޓަލަށް ގެންދެވޭނެ ގޮތެއް ނެތެވެ. އެހެންވެ ހުރިހާ ކުދިން ވަރަށް ދެރަވެފައި ތިބެންފެށުމުން އެކުއްޖާ ބުންޏެވެ.
"އަހަރެމެން އެންމެންވެގެން އެކުގައި ﷲ އަށް ދުޢާކުރަމާ ހިނގާށެވެ. އެއިރުން މަންމަ ގަދަވެދާނެއެވެ. އަހަރެމެން ހުރިހާ ކުދިން މަންމައަށްޓަކައި ދުޢާކުރީމާ ﷲ ޢިޖާބަކުރައްވަވާނެއެވެ. މިވާހަކަ ބުނީ ސްކޫލަށް ދިއަ ދުވަސްވަރު ވަރަށް ރަނގަޅު މުދައްރިސެކެވެ. އޭނާ ދޮގެއް ނުހަދާނެއެވެ."
މަންމަ ބަލިވީމާވެސް ކާންބޯން ފައިސާ ބޭނުންވާނެތީ ކުދިން އެކުދިންނަށް ކުރެވޭވަރަކުން މަސައްކަތްކުރެއެވެ. އަދި ނަމާދުކޮށްގެން ހުރިހާ ކުދިން ވެސް މަންމައަށްޓަކައި ދުޢާކުރެއެވެ.
އެގޮތަށް ކަންކަން ކުރަންފެށިތާ 3 ވަނަދުވަހު 4 ކުދިން އެކުގައި ނުކުމެ އެއްޗެތި ވިއްކަން މަގުމަތީގައި ތިއްބައި މަގުމަތިން ދުއްވާފައި ދިއަ ކާރެއް މަޑުކޮށްފައި ފޭބި މީހަކު އެކުއްޖާ ގާތަށް އައިސް އޭނާގެ ބައްޕައަކީ ކާކުތޯ ސުވާލުކުރުމުން ކުއްޖާ ބުނީ ނަމަކީ ޙުސައިނެއްކަން އެނގެއެވެ. އިތުރަކަށް ނުއެނގެއެވެ. މަންމައަކީ ކާކުތޯ ސުވާލުކުރުމުން ބުނީ ސަލީމާ އެއް ކަމަށާއި އޭނާވެސް މަރުވެއްޖެކަމަށެވެ.
އެމީހާގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. އަދި މަރުވީ ކިހިނަކުންތޯ، ކޮންކަހަލަ ބައްޔެއްގައިތޯ ސުވާލުކުރުމުން އޭނާއަށް މިޙާލު ޖެހުނު ގޮތް ކިޔައިދީފައި ބުނީ މިބުނަނީ އަހަރެން ޖަންގަލިތެރެއަށް އެއްލާލާފައި ދިއަ ހިސާބުން އަހަރެންނަށް މަންމަ މަރުވެއްޖެ ކަމަށް ކަމަށެވެ. އަދި މަންމަގެމަތިން ހަނދާންކުރަންވެސް ބޭނުން ނުވާކަމަށެވެ.
އެމީހާ ކުދިންނާއިއެކު ގޮސް އެކުދިންގެ މަންމަ އާއި ބައްދަލުކުރިއެވެ. އަދި މިއީ އޭނާގެ ދޮށީދަރިފުޅު ކަމަށާއި އެކުގައި ގެންދަން ބޭނުންކަމަށް ބުންޏެވެ. އެކަމަށް ޖަވާބުދިނީ ދަރިފުޅެވެ. "އަހަރެން އެންމެ ނިކަމެތިވި ދުވަހު އަހަރެންނަށް އެހީތެރިވި މަންމަ ދޫކޮށްލާފައެއް ނުދާނަމެވެ. އަދި ތިއައީ ބައްޕަކަން ޔަޤީނެއްވެސް ނޫނެވެ."
ދަރިފުޅު އެހެން ބުނުމުން ބައްޕައަށް ވަރަށް އަސަރުކުރިއެވެ. ބުންޏެވެ. "ދަރިފުޅާއެވެ. މިއީ ބައްޕައެވެ. އެކަމުގެ ހެކިތައް ބައްޕަގެ އަތުގައި އެބަހުއްޓެވެ. ދަރިފުޅުގެ މަންމަ އާއި ވަކިވާންޖެހުނު ސަބަބާއި ދަރިފުޅަށް ނުފެނި އުޅެންޖެހުނު ސަބަބުގެ ވާހަކަ ނުދައްކަމާހިނގާށެވެ. މިމަންމަ ދޫކޮށްލާފައި ނުދާން ނިންމިކަންވެސް އެއީ ދަރިފުޅުގެ ރަނގަޅުކަމެވެ. މަންމަ ގޮވައިގެން އެންމެން އެކުގައި ހިނގާށެވެ. ބައްޕަ މިމަންމައަށް ބޭސްވެސްކޮށްދޭނަމެވެ. ތިއަ 4 ކުދިންވެސް ބަލައިދޭނަމެވެ."
އެއިގެ 10 އަހަރުފަހެވެ. ކުއްޖާ ހުރީ ބޮޑުވެފައެވެ. ކިޔަވައި މޮޅުކުއްޖަކަށްވެފައެވެ. ރަނގަޅު ވަޒީފާއެއްގައެވެ. ޢާއިލާގެ އެންމެން އެކުގައި ރެސްޓޯރަންޓަކުން ކައިގެން ނުކުތްތަނުން އަންހެނަކު ދުވަމުން އައިސް "އަހުރެންގެ ދަރިފުޅާއެވެ." ބުނެ ކުއްޖާގެ ގައިގައި އޮޅުލައި ގަތުމުން ފޮޅުވާލާފައި ކުއްޖާ ބުންޏެވެ. "ބައްޕާއެވެ. މިއަންހެންމީހާގެ ކިބައިން ސަލާމަތްކޮށްދޭށެވެ. މިއީ މޮޔަވެފައި ހުރި އަންހެނެކެވެ."
އެވަޤުތު ރޮމުން މަންމަ ކިޔައިދިނެވެ. "ދަރިފުޅާއެވެ. ދަރިފުޅު އެއްލައިލެވުނުކަން އެއީ މަންމައަށް ކުރެވުނީ ވަރަށް ބޮޑު ކުށެކެވެ. އެދުވަހުން ފެށިގެން މަންމަ މިއުޅެނީ އެކަމުގެ ހިތާމައިގައެވެ. ދަރިފުޅު ހޯދަން ދާނެ ތަނެއްވެސް ނުއެނގިފައެވެ. އެނުބައި ޢަމަލުކުރުވި މީހާގެ ބަސް ޤަބޫލުކުރެވުނީތީ މިއަދު މަންމަ މިހުރީ ގެވެސް ވިއްކާލަންޖެހި މަގުމަތިވެފައެވެ. މިހިނގަނީ މަގުމަތީގައި ސަލާންޖަހަމުންނެވެ. މަންމައަށް މާފުކުރާށެވެ!"
ދަރިފުޅު ބުންޏެވެ. "އަހަރެން އަބަދުވެސް މިހުރީ މަންމައަށް މާފުކޮށްގެންނެވެ. އެކަމަކު މަންމައަށް އެހީތެރިވެދެވޭނީ ބައްޕައަށެވެ. އަދި އަހަރެންގެ އަމިއްލަ ގެދޮރެއް ނެތެވެ. ބައްޕަގެ ކިބައިން އެދެން ބޭނުންވަނީ މަންމައަށް މާފުކޮށް މަންމަވެސް ގެއަށް ގެންގޮސްދިނުމަށެވެ. އެއިރުން އަޅުގަނޑަށް 3 މަންމަ ލިބުނީއެވެ. ދޮންމަންމައާއި ޙާލުގަ ޖެހުނު ދުވަހު ބެލި މަންމައާއި ކުޑައިރު ގެންގުޅުނު މަންމައެވެ."
ބައްޕަގެ އިތުރު ދަރިއަކު ނެތުމުން ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާތީ ދަރިފުޅު އެދުނު ފަދައިން ބައްޕަ ކަންތައްކޮށްދިނެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތިގެން ޖަންގަލީގައި އެކަނި ރޯންއިން ކުއްޖާއަށް އެހިސާބުން ބައްޕައާއި 3 މަންމަ ލިބުނީއެވެ.
ކުރުކުރު ގޮތަކަށް މިގެނެސްދިނީ ޙަޤީޤީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިގެނެސްދިނީ މިވާހަކައިން ލިބޭ ޢިބްރަތްތައް ގިނަކަމުންނެވެ. އެއްކޮޅުން ދަރިން އެއްލައިލާ މައިންބަފައިންނަށެވެ. އަނެއްކޮޅުން ކިތަންމެ ދަތިޙާލުގައި ދިރިއުޅެމުންވެސް ޙާލުގައި ޖެހިފައި ތިބޭ ކުދިންނަށް އެހީތެރިވުމުގެ ފައިދާއެވެ. 3 ވަނަކަމަކަށް ދުޢާކުރުމުގެ ފައިދާއެވެ. މިފަދަ އެތައް ބައިވަރު ފިލާވަޅުތަކެއް މިވާހަކައިން ލިބިގެންދެއެވެ.
އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދަރިއަކު ހުރި އަންހެނަކުދެކެ ޙަޤީޤީ ލޯބިވާ މީހަކުނަމަ އޭނާގެ ދަރިފުޅު ދެކެވެސް ލޯބިވާނެއެވެ. ނޫން ނަމަ އެއީ މަކަރުވެރިއެކެވެ. ރަޙުމެއް ކުލުނެއްވެސް ނެތް މީހެކެވެ.
- ޝާޒްލީ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
4 ފެބްރުއަރީ 2025