އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު
މިއަދުނޫސް
އެސްޕަރެގަސްއަކީ ގަހުގެ ހުރިހާ ބައެއްވެސް ކެއުމަށް ބޭނުންކުރެވޭ، ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ހެދޭ ގަހެކެވެ. މި ގަސް ފުރަތަމަ ހައްދާފައިވަނީ މީލާދީން 500 އަހަރު ކުރިން ގްރީސްގައި ކަމަށް ބެލެވެއެވެ. އޭރު މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ޙަކީމީ ބޭހެއްގެ ގޮތުގައި ގަހުގެ މޫގަނޑެވެ. އެސްޕަރަގަސްގެ ދެ ވައްތަރެއް ވެއެވެ. އެއީ ތޮށިގަނޑު ފެހި ވައްތަރާއި ތޮށިގަނޑު ދަނބު ކުލައިގައި ހުންނަ ވައްތަރެވެ.
ގަސް އާލާކުރުން:
އެސްޕަރެގަސް ގަސް ދެ ގޮތަކަށް ގިނަކުރެވެއެވެ:
1. އޮށުން:
• ކޮކޮޕީޓް އަޅައިގެން ސީޑްލިން ޓްރޭގައި މުޑުވައްކުރެވެއެވެ.
• ބެޑް ހަދާނީ ފެން ބޮޑުނުވާ ތަނެއްގައި، ބިމަށްވުރެ 6 އިންޗި އުސްކޮށެވެ.
• ފަސްގަނޑު ހަދާނީ 1 ވެލި، 1 ބޮނބިކުނޑީގެ ރޭޓުންނެވެ.
• އޮށް އިންދާނީ 0.5 އިންޗި ފުނުގައި 2 އިންޗި ދުރުމިނުގައެވެ.
• 24°C ގައި 10-14 ދުވަހުގެ ތެރޭގައި އޮށްތައް ފަޅައެވެ.
• ގަސް ރުވާވަރުވާނީ 8-12 ހަފުތާ ފަހުންނެވެ.
2. ކްރައުން ނުވަތަ ބުޑުން:
• 1 އަހަރު ދުވަސްވެފައިވާ ގަސްގަހުގެ ބުޑު ބޭނުންކުރެވެއެވެ.
• ބެޑް ހަދާނީ ހަމަބިމަށްވުރެ 6 އިންޗި އުސްކޮށް، ފެން ބޮޑުނުވާ ބިމެއްގައެވެ.
• ފަސްގަނޑު ހަދާނީ ކޮންމެ އަކަފޫޓަކަށް 3 ކިލޯ ކާދު ނުވަތަ ގެރިގުއި ރޭޓުންނެވެ.
• ގަސް ރުވާނީ ދެގަސް ދޭތެރޭގައި 2 ފޫޓް ދުރުމިން ހުންނަ ވަރަށެވެ.
ފެންދިނުމާއި ބެލެހެއްޓުން:
• ވާރޭނުވެހޭ ހޫނުގަދަ ދުވަސްވަރު ދުވާލު 2 އިރު ފެންދޭންވާނެއެވެ.
• ގަސްތައް ރޯވެލަންދެން 50% ޝޭޑް ނެޓުން ހިޔާކުރަންވާނެއެވެ.
• ހޫނުގަދަ ދުވަސްވަރު ހިކިފަނުން ނުވަތަ ފަތުން ބެޑް މަލްޗްކުރުން ރަނގަޅެވެ.
ކާނާއެޅުން:
• ކޮންމެ އަކަފޫޓަކަށް 3 ގްރާމް އެމޯނިއަމް ސަލްފޭޓް، 5 ގްރާމް ޕޮޓޭސިއަމް ސަލްފޭޓް، އަހަރަކު ދެފަހަރު އަޅަންވާނެއެވެ.
ކުރި ކެނޑުން:
• އޮށުން މުޑުވައްކޮށްގެން ހައްދާ ގަހުގެ ކުރި ކަނޑާވަރުވާނީ 3 އަހަރު ފަހުންނެވެ.
• ބުޑުން ހައްދާ ގަހުން ކުރި ކަނޑާވަރުވާނީ 2 އަހަރު ފަހުންނެވެ.
• 8 އިންޗި ދިގުކޮށް ހުންނަ ކުރިތައް ކަނޑާ ތަރުކާރީގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.
ބަލިތައް:
• އެންމެ ނުރައްކާތެރި ބައްޔަކީ ފިޔުޒޭރިއަމް ރޫޓް ރޮޓެވެ.
• ފިނިހައް އަދި ލޮނުލުނބޯއަކީ އެސްޕަރަގަސް ގަހުގެ ހިނދޫ ކުރިތައް ކައިއުޅޭ ދެސޫތްޕެވެ.
ޞިއްޙީ ފައިދާ:
އެސްޕަރަގެސްއަކީ ޞިއްޙީގޮތުން ވަރަށް ފައިދާހުރި ތަރުކާރީއެކެވެ. މީގެ މައިގަނޑު ފައިދާތަކުގެ ތެރޭގައި:
• ވިޓަމިންތައް ގިނައިން އެކުލެވޭ ތަރުކާރީއެކެވެ.
• ކުޑަކަމުދިއުމުގެ ނިޒާމަށްޖެހޭ އިންފެކްޝަންތައް ފަސޭހަކޮށްދެއެވެ.
• ގުރުދާގައި އުފެދޭ ހިލަ ސާފުކޮށްދިނުމުގެ މުހިންމު ދައުރެއް އަދާކުރެއެވެ.
އެސްޕަރަގަސްއަކީ ދިގު މުއްދަތަކަށް ހެދޭ، ޞިއްޙޭ، ޞިއްޙީގޮތުން ފައިދާހުރި ތަރުކާރީއެކެވެ. މި ގަސް އާލާކުރުމަށް އޮށުން އަދި ބުޑުން ގިނަކުރެވިދާނެއެވެ. އެކަށީގެންވާ ގޮތަށް ބަލަހައްޓައިފިނަމަ، ވިހި ފަންސަވީސް އަހަރުވަންދެން މި ގަހުން ނިރު އުފައްދަމުން ގެންދެވިދާނެއެވެ. ރާއްޖޭގެ މޫސުމަށް ރިޢާޔަތްކޮށް، އެކަށީގެންވާ ފެނާއި ކާނާ ދިނުމަކީ މި ގަސް ކާމިޔާބުކަމާއެކު ހެއްދުމަށް މުހިންމު ކަންކަމެވެ. އެސްޕަރަގަސް ހެއްދުމަކީ ދިގު މުއްދަތަކަށް ފައިދާ ލިބޭނެ އިންވެސްޓްމަންޓެއް ކަމުގައި ދެކެވިދާނެއެވެ.
--މަޢުލޫމާތު: ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާ
Advertisement
4 ފެބްރުއަރީ 2025