އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު
އެއީ ވަރަށް ލޯބިން އެކުގައި އުޅެމުންދިއަ ދެމަފިރިންނެވެ. ދެމަފިރިންވެސް ވަޒީފާއަދާކޮށް އާމްދަނީ ހޯދައެވެ.
އެއް ދުވަހަކު މަސައކަތް ނިމިގެން އަނބިމީހާ ގެއަށް އައިތަނާ ފިރިމީހާ ބުނީ އެހުރީ ވަރިކޮށްފައި ކަމަށާއި ގެއިން ނުކުމެގެން ދިއުމަށެވެ. އަނބިމީހާ އޭނާގެ ނިކަމެތިކަން ބަޔާންކޮށް އެގޮތަށް ކަންތައް ނުކުރުން އެދި އާދޭސްކުރިއެވެ. އަދި އޭނާގެ ކުށަކީ ކޮބައިކަން ބުނެދިނުން އެދިގެންވެސް ޢާދޭސްކުރިއެވެ.
އަނބިމީހާއަކީ ވަރަށް ރަނގަޅު އަންހެނަކަށްވުމުން ދެއްކޭނެ ކުށެއް ނެތެވެ. މިއުޅެނީ އަނބިމީހާ ގޯސްވެގެނެއް ނޫނެވެ. ފިރިމީހާއަށް އެހެން އަންހެނަކު ދެކެ ލޯބިވެވިގެންނެވެ.
އެވަޤުތު މައްސަލައިގެ ތެރެރެއަށްވަނީ ފިރިމީހާގެ ހަގުކޮއްކޮއެވެ. އޭނާ ބުންޏެވެ. "އަހުރެމެން ވަރަށް ދަތިޙާލުގައި އުޅެނިކޮށް ކިރިޔާވެސް ފުދުންތެރިކަމެއް ލިބުނީ ފަހަރި މިގެއަށް އައިސް އޭނާއަށް ލިބޭ މުސާރަވެސް އަހުރެމެންނަށް ޚަރަދުކުރަން ފެށުމުންކަން ބޭނެ މިހާރު ހަނދާން ނެތަސް އަހުރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަހުރެންނަށް މަތީ ތައްލީމަށް ކިޔެވުނީވެސް ފަހަރި އެހީތެރިވެދިނީތީއެވެ. މިއީ އަހުރެންގެވެސް ގެއެވެ. ފަހަރި މިގެއަކުން ނުނެރެވޭނެއެވެ. ޢިއްދައިގެ މުއްދަތުގައި އިންނާނީ މިގޭގައެވެ. ބޭބެއަށް ފެނިގެން ތިއައުޅޭ އަވާމެންދުރުގެ ހުވަފެންތަކުން ސަލާމަތްވެ ކައިވެނި ރުޖޫޢަނުކުރިނަމަ ފަހަރި އާއި ކައިވެނިވެސް ކުރާނަމެވެ. 10 އަހަރު ދޮށިވުމަކީ އަހުރެންނަށް މައްސަލައެއް ނޫނެވެ."
ފިރިމީހާ ގޮތްދޫނުކޮށް ކޮޓަރިން ނެރެލުމުން ކޮއްކޮ އޭނާގެ ކޮޓަރިއަށް ވެއްދިއެވެ. އަދި ކޮއްކޮގެ ދިރިއުޅުން ސާވަންޓްރޫމަށް ބަދަލުކުރިއެވެ. ޢިއްދަހަމަވުމުން ކައިވެނިކުރިއެވެ. އެއިރު ބޭބެވީ ލޯބިވެރިޔާގެ ފްލެޓަށް ބަދަލުވެފައެވެ.
އެނބުރި އައީ ދެމަފިރިންނަށް ދަރިއަކުވެސް ލިބުނު ފަހުންނެވެ. އެނބުރި އައީ މީހާގެ މުޅި ދިރިއުޅުން ބަނގުރޫޓުވެ ގޮތް ހުސްވުމުންނެވެ. އެއީ އޭނާގެވެސް ގެކަމަށްވާތީ ދެމަފިރިން އެއްވެސް މައްސަލައެއް ނުޖައްސައެވެ. ނަމަވެސް ދެމަފިރިން އެހައި ލޯބިން އުޅޭތަން ދެކެން ނުހުރެވިގެން ނުކުމެގެން ދިއަގޮތަކަށް ޚަބަރެއް ނުވެއެވެ.
މިއީ ކޮންމެ ދެމަފިރިއަކަށްވެސް އަދި ކޮންމެ މީހަކަށްވެސް ވަރަށް ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. ޅިޔަނަކަސް ފަހަރިއަކަސް އަދި ކޮންމެ މީހަކަށް އިޚްލާޞްތެރިވާށެވެ! އެމީހަކަށް މާހެޔޮ ގޮތްތައް އަބަދުވެސް ﷲ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- ޝަފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ-
Advertisement
15 ފެބްރުއަރީ 2025