އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 56 ސިކުންތު
ކުދިންގެ ކިޔެވުމަށް ޚަރަދުކުރާނެ ފައިސާއެއް ނުހުރެއެވެ. އަސާސީ ބިލްތައް ދައްކާނެ ފައިސާއެއް ނުހުރެއެވެ. ދަރިންނަށް ރަނގަޅު އެއްޗެއް ކާންދެވޭކަށް ނެތެވެ. ހަމަ އަތްމަތިދަތިކަމުންނެވެ.
އެކަމަކު ގޭގެ ފަންކާ ފުހެލަންވިޔަސް ތަނެއް ސާފުކޮށްލަންވިޔަސް ބޮޑު އަގުދީފައި ބޭރުމީހަކު ގެނެސްގެން ނޫނީ ކުރެވޭ ކަމަކަށް ނުވެއެވެ؟ އަޅުގަނޑުމެންގެ ދިރިއުޅުމަށް އަންނަމުން މިދަނީ ހަމަ ރަނގަޅު ބަދަލެއް ހެއްޔެވެ؟
ތިއަ ސުވާލު އެކި ޢިބާރާތުން ވަރަށް ގިނައިން ކުރެއެވެ. ކިޔުންތެރިޔާގެ ސުވާލަށްވެސް ދޭން އޮތީ ހަމައެއްޒާތެއްގެ ޖަވާބެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މިހާރަކަށް އައިސް އެންމެ ގިނައިން އިވޭ އެއް އަޑަކީ ގޭބިސީތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ވާހަކައެވެ. ކިރިޔާވެސް ތަނަވަސްކަމެއް ހުރިނަމަ ކޮންމެވެސް ގޮތަކުން ކޮންމެވެސް ނަމެއް ކިޔާފައި ގެނެސްގެން ބިދޭސީއަކު ގޭގައި ނުގެންގުޅެވޭނަމަ އެގެއަކީ ގެއަކަށްވެސް މިހާރަކު ނުވެއެވެ. ނަތީޖާއަކީ ގޭގައި ގެންގުޅޭ ބިދޭސީންނަށް ބޮޑެތި މުސާރަތައް ދޭންޖެހޭ ކަމެވެ. 100 ޑޮލަރުން ފެށުނު މުސާރަ މިހާރު 500 ޑޮލަރަށް އަރައިގެންދިއައީއެވެ. މިދެއްކެނީ މަހަކު 9000 ރުފިޔާގެ އިތުރުން ވިސާފީ އާ އެހެންފީތައްވެސް ދައްކަންޖެހޭ ވާހަކައެވެ.
އަނެއްބައަކު ގޭގައި ކިތަންމެ ކުޑަކުޑަ މަސައްކަތެއް ކުރަން އޮތް ނަމަވެސް އަމިއްލަ ދެއަތުން އެކަން ކުރެވޭކަމަކަށް ނުހަދައެވެ. މަގުމަތިން ހޮވައިގެން ނަމަވެސް ބިދޭސީން ގެނެސް އެމީހުންލައްވައި ނޫނީ ކުރުވޭ ކަމަކަށް ނުވެއެވެ. އެގޮތަށް ގެނެސް ގަޑިއެއްގެ އިރުން ނިމޭވަރުގެ މަސައްކަތެއްކޮށްލިނަމަވެސް މަދުވެގެން މިހާރު 500 ރުފިޔާ އެބަ ދޭންޖެހެއެވެ.
ނަމަވެސް ވާހަކަ ދައްކާއިރު ދައްކަނީ ސުންނަތުގެ ވާހަކައެވެ. ސުންނަތަށް ޢަމަލުކުރުމުގެ ވާހަކައެވެ. ސުންނަތަށް އަމަލުކުރުމަކީ ހަމައެކަނި މިސްކިތަށް އަރައި ރަވާތިބް ސުންނަތް ފަދަ ސުންނަތް ނަމާދުތައް ކުރުމެއް ނޫނެވެ. ސުންނަތަށް ލޯބިކުރުމަކީ ކޮންމެ ކަމެއްގައިވެސް އެމީހަކަށް ވެވުނު ވަރަކުން ސުންނަނަތަށް ޢަމަލުކުރުމެވެ.
ވިސްނަވައިލައްވާށެވެ! ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަން އިތުރުވުމުން ގޭގައި އަމިއްލަ އަތުން އަހަރެމެންކުރާ އެއްވެސް މަސައްކަތެއް މިހާރު ނެތްއިރު އެފަދަ ހުރިހާ މަސައްކަތްޕުޅުތަކެއް އިތުރު މާތް ނަބިއްޔާ މުޙައްމަދު (ﷺ) ކުރެއްވެވީ އަމިއްލަފުޅަށެވެ. ރަސޫލް (ﷺ) އިޝާރާތްފުޅެއް ކޮށްލެއްވެވި ނަމަވެސް ހިލޭ ސާބަހަށް އެކަންކަން ކޮށްދެއްވަން ޞަޙާބީން އެދިވަޑައިގެން ތައްޔާރަށް ތިއްބެވިއިރުގައިވެސް މެއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ދިރިއުޅުއްވެވި ތަންތަނަށް ގަނޑުވަރުކޮޅު އަޅުގަނޑުމެން ކިޔަނީ އެތަންތަން ބިނާކުރެވިފައިވާ ފުރިހަމަކަމުގެ ބޮޑުކަމަކުން ނޫނެވެ. މާރބްލް ޖަހައި ޒީނަތްތެރި ކޮށްފައި ހުރެގެންނެއްވެސް ނޫނެވެ. ހަމަ އެކަނި ހިތުގައިވާ ލޯބީގެ ބޮޑުކަމުންނެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ ދިރިއުޅުއްވެވި ތަންތަނަކީ ވަރަށް އާދައިގެ ޖިފުޓިތަކެކެވެ. މަގުމައްޗަށް އެތެރެ ފެންނަ ހާލަތުގައި ހުރި ތަންތަނެވެ. އިތުރު އެކަލޭގެފާނު އެތަންތަން ބޭނުންފުޅުކުރެއްވީ ބައު ފޮތި ފަދަ ތަކެތިން ލޯވަޅުތައް ބަންދުކުރައްވައިގެންނެވެ.
މިފަދަ ހާލަތުގައި ހުންނަ ތަންތަން ބެލެހެއްޓުމަށްޓަކައި މީހަކު ކުރަންޖެހޭނެ މަސައްކަތްތައް ވިސްނައިލުން ރަނގަޅުވާނެ އެވެ. ކޮންމެ ދުވަހަކުވެސް އެފަދަ މަރާމާތުތައް ނުކޮށް ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ގެންދެވީ އެމަސައްކަތްޕުޅުތައް އަމިއްލަފުޅަށް ކުރައްވަވަމުންނެވެ.
އިތުރު މާތް ނަބިއްޔާ (ﷺ (އަކީ މުޅި އިސްލާމީ އުންމަތުގެ އެންމެ އިސްވެރިޔާއެވެ. 7 އުޑުމަތިން ވަޙީ ބާއްވަވައިލެވެމުން އައި މަތިވެރި ނަބިއްޔާއެވެ. އަދި ވެރިކަމުގެ ނިޒާމު އެއިރު އޮތްގޮތުން ފަނޑިޔާރަކީވެސް ހަމަ އެ މާތް ނަބިއްޔާއެވެ. އަބަދު ގެންދެވީ ރައްޔިތުންގެ މަޖިލިސް ކުރައްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވެސް ހަމަ އެމާތަް ނަބިއްޔާއެވެ.
މިއަދު އަޅުގަނޑުމެން ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރަމުއެވެ. ވަޒީފާ ގިނަކަމުންނާއި މަސްއޫލިއްޔަތު ބޮޑުކަމުންނެވެ. ލިބޭ މުސާރައިން ބައެއް ބިދޭސީންނަށް ދީފައި ބިޒީވެގެން މިތިބޭއިރު އިތުރު މާތް ނަބިއްޔާ (ﷺ(އާއި ގާތަކަށްވެސް އަޅުގަނޑުމެންނަށް ބިޒިވެވިދާނެހެއްޔެވެ؟ މިއީ ހަމަ އަމިއްލަ ނަފުސާއި ކޮށްލުން ވަރަށް މުހިންމު ސުވާލެކެވެ.
މިމައްސަލަތަކަށް ފުންކޮށް ވިސްނައިފިނަމަ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤްޠިޞާދީ މައްސަލަތަކުގެ އިތުރުން ސީދާ އާއިލާތަކާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ހައްލުކުރެވިގެންދާނެއެވެ.
ހަމަ އެއާއިއެކު ވިސްނައިލުން އެންމެ މުހިންމު އެއްކަމަކީ ހިލޭ ސާބަހަށް ކަންކަން ކޮށްދެއްވަވަން ޞަޙާބީން ތައްޔާރަށް ތިއްބެވިއިރުގައިވެސް ރަސޫލް ﷺ އަމިއްލަފުޅަށް އެ މަސައްކަތްޕުޅުތައް ކުރެއްވެވި ސަބަބަށެވެ. އެކަމުން އުންމަތަށް ދަސްކޮށްދެއްވެވި ފިލާވަޅަށެވެ. ރަސޫލް (ﷺ) ގެ ކޮންމެ އަމަލުފުޅަކީ އުންމަތަށް ދެއްވަވާފައިވާ ވަރަށް މަތިވެރި އިރުޝާދެކެވެ. ކިތަންމެ ބޮޑަކަށް އިތުބާރުކުރެވުނު ނަމަވެސް ގޭތެރޭގެ ކަންކަމަށް (ތިމާއަށް ކުރެވޭވަރުގެ މަސައްކަތްކުރަން) ހިލޭ ފިރިހެނުން ވެއްދުމަކީ އިތުރަށް ވިސްނައިލަންޖެހޭ ކަމަކަށް މިއޮތީވެފައެވެ. ރަސޫލް ﷺ އެކަން ނުކުރައްވަވައި އޮތުމުންނެވެ. އެނގިގެން މިދަނީ އެކަމުގައި ވަރަށް މަތިވެރި ޙިކުމަތެއްވާނެ ކަމެވެ.
Advertisement
4 އޭޕްރީލް 2025