އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ދިވެހިރާއްޖޭގައި ކެއިންބުއިމަށް ބޭނުންކުރާ ލޮނު އުފައްދާ ފުރަތަމަ ފެކްޓްރީ މިއަދު ހއ. ދިއްދޫގައި ވަނީ ހުޅުވާލެވިފައެވެ. މި ފެކްޓްރީއަކީ އެމް.ޑީޕް އިންވެސްޓްމަންޓް އާއި ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ޤާއިމުކޮށްފައިވާ ވިޔަފާރި މަޝްރޫޢެކެވެ.
މި މަޝްރޫޢު ހިންގުމަށްޓަކައި ދިއްދޫ ކައުންސިލުން ވަނީ 15،000 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފައެވެ. ޖަޕާނުގައި ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ ކަނޑުގެ ލޮނަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު ކޮލިޓީ ރަނގަޅު އަދި ސިއްޙަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރު މަތި ލޮނެކެވެ.
ފެކްޓްރީގައި އުފައްދާ ލޮނުގެ ބާވަތްތަކުގެ ތެރޭގައި އާންމު ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި، ޚާއްސަ ބާވަތްތަކުގެ ލޮނާއި، އަދި ލޮނުމަސް ތައްޔާރުކުރުމަށް ބޭނުންކުރާ ލޮނު ހިމެނެއެވެ. މި ފެކްޓްރީގައި ލޮނު އުފައްދަނީ ގުދުރަތީ ވަސީލަތްތައް ކަމުގައިވާ އިރާއި ހޫނުގެ ބޭނުން ހިފައިގެން، ލޮނުފެން ހިއްކައިގެންނެވެ.
ކޮންމެ ލޮނު ބެޗެއް ތައްޔާރުކުރުމަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ނަގާނެކަމަށް ކުންފުނިން މަޢުލޫމާތު ދެއެވެ. އަދި އުފައްދާ ލޮނުގެ ކޮލިޓީ ޔަޤީންކުރުމަށްޓަކައި ކޮންމެ މަހަކު ރާއްޖެ އާއި ޖަޕާނުގައި ޓެސްޓުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. މި ފެކްޓްރީގެ އުފެއްދުންތައް ރާއްޖޭގެ ރިސޯޓުތަކަށާއި މީހުން ދިރިއުޅޭ ރަށްތަކަށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ކުންފުނިން ހާމަކުރިގޮތުގައި، މި މަޝްރޫޢު ކާމިޔާބުވެއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު 4 ފެކްޓްރީ ޤާއިމުކުރުމަކީ ކުންފުނީގެ އަމާޒެކެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ފުޅާވުމަށާއި ވަޒީފާގެ ފުރުޞަތުތައް އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.
Advertisement
7 އޭޕްރީލް 2025