އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު
ބައެއް މީހުން ނުހަނު ޒުވާން ޢުމުރުގައިވެސް ގޮސް އެކުވެރިންގެ ގާތުގައި އެބަ ބުނެއެވެ. "އަހުރެންނަށް ކުށެއް ކުރެވިފައިވާނަމަ އެކަމަށް މާފުކުރާށެވެ!" އެހެން ބުނެފައި ވަކިވެގެންދާތާ މާގިނަ ދުވަސްތަކެއް ފާއިތުނުވަނީސް އެޒުވާނާ އެބަ ދުނިޔެ ދޫކުރެއެވެ.
ސުވާލަކީ އޭނާއަށް އޭނާ މަރުވާން އުޅެނީކަން އެނގެނީހެއްޔެވެ؟ އެކަމެއް ނުވާނެއެވެ. ނަމަވެސް ޤަބޫލުކުރެވޭ ގޮތުން އޭނާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތެކެއްގެ ސަބަބުން އެހެން ބުނެ މާފަށް އެދުމުގެ ވިސްނުން ﷲ ތަޢާލާ އެމީހަކަށް ދެއްވަވަނީއެވެ. މިދަރަޖައަށް ދެވެނީ ވަރަށް މަދު މީހަކަށެވެ. އެކަމަށް މަސައްކަތްކުރާ އަޅުންނަށެވެ.
މާގިނަ ހެޔޮ ޢަމަލުތަކެއް ނުކުރެވުނަސް ތައުބާވެ ޙައްޤުމަގުގައި ޘާބިތުވާން ަމސައްކަތްކުރާ އަޅުންނަށް ﷲ ތަޢާލާ ވަރަށް ގިނަ ނިޢުމަތްތައް މިންވަރުކުރައްވަވަތެވެ. އޮތީ ލިބިގަންނަން މަސައްކަތްކުރުމެވެ. މަސައްކަތްކުރަން ކެރުނު ވަރެކެވެ.
އެއްވެސް ދެމީހަކީ ހުރިހާ ކަންކަމުގައި އެއްގޮތް ދެމީހުންނަކަށް ނުވާނެއެވެ. ތަފާތުތަކެއް ހުންނާނެއެވެ. އެއިގެ ތެރެއިން އެންމެ ބޮޑަށް ފައިދާކުރާނީ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެއްޖެނަމައެވެ.
ބައެއް މީހުންނަށް ކުރިމަތިވާ ބައެއް ކަންކަން ކުރިމަތިވުމުގެ ކުރިން ކޮންމެވެސް މިންވަރެއްގެ އިޝާރާތްތަކެއްވާކަމަށް ބުނެއެވެ. އެއީ ހަމަ މެދުވެރިވާ ކަމެކެވެ. ވާން އުޅެނީ ކޮންކަމެއްކަން ނުއެނގުނު ނަމަވެސް ކޮންމެވެސް ކަމެއް ކުރިމަތިވާން އުޅޭކަމުގެ އިޝާރާތް ބައެއް މީހުންނަށް ލިބެއެވެ. އަދި ބައެއް މީހުންނަށް އެމީހާއަށް ކުރިމަތިވާން އުޅެނީ ހިތާމައެއްކަން ނުވަތަ އުފާވެރިކަމެއްކަން ވެސް އިޙްޞާޞް ކުރެވެއެވެ.
ސުވާލަކީ އެކަންކަން އެހެން މެދުވެރިއެވަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ޢިޝާރާތް އޭނާއަށް އެލިބެނީ ކީއްވެގެން ހެއްޔެވެ؟
މިސުވާލުގެ ޖަވާބު އަހަރެންނަށް ވިސްނޭ ގޮތަށް ބުނެލާނަމެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލްކޮށް އީމާންވެގެން ހުންނަ، ﷲ ތަޢާލާ ބާއްވަންޖެހޭ ހުރިހާ ގުޅުންތަކެއް ބާއްވައިގެން އުޅޭނަމަ މިފަދަ ކަންކަން މިންވަރުކުރެއްވެވުމަކީ އެކަށީގެންވާ ކަމެކެވެ. ގިނައިން މިފަދަ ގޮތްތައް މެދުވެރިވަނީ ހެޔޮލަފާ މީހުންނަށެވެ. ތަޤްވާވެރިންނަށެވެ.
މީހަކަށް އެފަދަ ރަޙްމަތެއް ލައްވަވައިފިނަމަ އުފާކުރާށެވެ! ތިމާ އާއި ﷲ ތަޢާލާ ގުޅިފައިވާކަން ޤަބޫލުކުރާށެވެ. ވީމާ ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ހަމައެއާއިއެކު އަހަރެމެން ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައިވެވޭތޯއެވެ! އެކަން ޙާޞިލުކުރެވޭނީ ތަޤްވާވެރިކަމުގެ ތެރެއިންނެވެ. އެކަލާނގެ އިރާދަކުރެއްވެވި އަޅަކަށެވެ.
އަހަރެންގެ ނަޞޭޙަތަކީ މިފަދަ ނިޢްމަތެއް މިންވަރު ކުރެއްވެވި ނަމަވެސް އެކަމުގެ ވާހަކަ އެއްވެސް މީހެއްގެ ގާތު ނުބުނުމެވެ. އެކަން ސިއްރެއްގެ ގޮތުގައި ބޭއްވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
22 އޭޕްރީލް 2025