އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު
އިސްލާމިކް ފައިނޭންސްގެ މައިގަނޑު އަސާސް ބިނާވެގެންވަނީ މާލީ އެންމެހާ މުޢާމަލާތްތަކުގައި އިސްލާމީ ޝަރިޢަތާއި ޚިލާފުނުވުމެވެ. އޭގެ މައިގަނޑު މަގްސަދަކީ، މުޖުތަމަޢުގައި ހަމަހަމަކަމާއި އެއްބައިވަންތަކަން އިތުރުކުރުމާއި، ދެފުށްފެންނަ މާލީ ނިޒާމެއް ގާއިމު ކުރުމުގެ އިތުރުން އެތިކަލް އިންވެސްޓްމެންޓްސް އިތުރުކުރުމެވެ. އަދި މާލީ ނިޒާމާއި އަސްލު ނުވަތަ ރިއަލް އިކޮނޮމީއާ ދެމެދު އުފެދޭ ފަރަގު ކުޑަކުރުމެވެ.
އިސްލާމިކް ފައިނޭންސް އާންމުގޮތުގެއްގައި އެނގިފައި އޮންނަނީ ރިބާ ނުހިމެނޭގޮތަށް ބައްޓަންކުރެވިފައި ހުންނަ މާލީ މުޢާމަލަތްގޮތުގައެވެ. ރިބާގެ ގޮތުގައި ދެވައްތަރެއް އިސްލާމިކް ޝަރިޢާގައި ވަނީ ފާހަގަކޮށްފައެވެ. އެއީ ރިބާ އަލް ފަޟްލް އަދި ރިބާ އަލް ނަސީއާ އެވެ. އާއްމުކޮށް ފައިސާ ދަރަނީގެ ގޮތުގައި ދޫކޮށް އަނބުރާ ދައްކާއިރު ދަރަނީގެގޮތުގައި ނެގި އަދަދު (ޕްރިންސިޕަލް އަދަދު) ގެ އިތުރުން ނެގޭ ކޮންމެ ފައިސާއެއް ރިބާގެ ތެރޭގައި ހިމެނެއެވެ. އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓްސް ބައްޓަން ކުރެވިފައިވަނީ މިފަދަ މުޢާމަލާތްތައް ނުހިމެނޭ ގޮތަށެވެ. އޭގެތެރޭގައި އާއްމުކޮށް ބޭނުންކުރާ ކޮނސެޕްޓުތަކަކީ:
މުޟާރަބާ: ފައިދާ ބަހާލެވިގެން (ފައިސާ ދޫކުރާ ފަރާތާއި ފައިސާ އިން ވިޔަފާރިކުރާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން)
މުޝާރަކާ: ޕާރޓްނަރޝިޕް އެގްރީމެންޓަކުން ދެފަރާތުން ފައިސާ ލައިގެން އިންވެސްޓް ކުރާ ވިޔަފާރިން ކުރީބައިގަ އެއްބަސްވެވިފައިވާ ގޮތަކަށް ފައިދާ އަދި ގެއްލުން ބަހާލެވިގެން.
މުރާބަހާ: ވިޔަފާރި އުސޫލުން ހަރު މުދަލެއް ގަނެ ވިއްކާއިރު ފައިދާގެ ގޮތުގައި އިތުރު މާރކަޕެއް ލާފަ ވިއްކާލުން (ބަހާލައިގެން ނުވަތަ ގަޑުކޮށް ފައިސާ ދައްކާގޮތައް)
މިގޮތުން އިސްލާމިކް ފައިނޭންސް ގައި އިންވެސްޓްމެންޓުތަކުގައި ހިމެނޭ ހިރާސްތައް ހަމަހަމައަށް ބެހުމާއި، ހުރިހާ މުޢާމަލާތެއްވެސް ހަރު މުދަލަކާއި ގުޅިފައިހުރުން އެއީ އިޖްތިމާޢީ އަދި އިގްތިސާދީ ކުރިއެރުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ.
އެތިކަލް އިންވެސްޓްމެންޓަކީ ކުރާ ކޮންމެ ވިޔަފާރިއަކުން އިގްތިސާދީ ފައިދާ ލިބުމުގެ އިތުރުން، ތިމާވެށްޓާއި މުޖްތަމައަށް އޭގެން ފައިދާ ކުރާނެ ވިޔަފާރިޔަކަށްވެސް އެވިޔަފާރިވުމެވެ. މިސާލަކަށް ވިޔަފާރީގެ ހިންގުމުގައި މުވައްޒަފުންގެ ދުޅަހެޔޮކަން ބެލުމާއި، އިޖްތިމާޢީ އަދި ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ފަދަ ވިޔަފާރިއަކަށް ނުވުމާއި، އެހެނިހެން ފަރުދުންނަށް ނޭދެވޭ އަސަރުކުރާ ވިޔަފާރި އަކަށް ނުވުން ހިމެނެއެވެ. މިއިން ކޮންމެކަމަށް ވިސްނާލުމުންވެސް އިސްލާމިކް ފައިނޭންސްގައި އާންމު ފަރުދުންނާއި އަންނަން އޮތް ޖީލުގެ ދުޅަހެޔޮކަމާއި ދެމެހެއްޓެނިވި ކުރެއެރުމަށް އަހައްމިއްޔަތުކަން ދޭ މިންވަރު ދޭހަވެއެވެ.
ދުނިޔޭގައިވެސް އިސްލާމިކް ފައިނޭންސް ކުރިއަރަމުންދާ ދުވެއްޔަށް ބަލާލާއިރު، މުސްލިމުން ނިސްބަތުން މަދު ގައުމުތަކުގައިވެސް އިސްލާމިކް ފައިނޭންސް ގާއިމްކޮށް ކުރިއަރަމުން އަންނަ އައުން އެއީ އެތިކަލް އިންވެސްޓްމެންޓު އަދި މުޖުތަމަޢުއަށް ނޭދެވޭ އަސަރުކުރާ ރިބާ ފަދަ ތަކެތިން އެއްކިބާވާން އާންމު ފަރުދުން އިސްކަންދޭ މިންވަރު ދޭހަވާކަމެކެވެ.
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ހަބަރު: ސަރުކާރު
Advertisement
23 އޭޕްރީލް 2025