އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުތުރުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް މަދުވެގެން 3000 އެނދު ޤާއިމުކުރަން ޖެހޭ: ވަޒީރު

އުތުރުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް މަދުވެގެން 3000 އެނދު ޤާއިމުކުރަން ޖެހޭ: ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 32 ސިކުންތު

އުތުރުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށްޓަކައި، މަދުވެގެން 3000 އެނދު އެ ސަރަހައްދުގައި ޤާއިމުކުރަން ޖެހޭކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އުތުރުގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އިންވެސްޓަރުން ހޯދުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

"މިހާރު ހދ. އަތޮޅުގައި އޮތީ 2 ރިސޯޓު، ހއ. އަތޮޅުގައި އޮތީ 1 ރިސޯޓު. ދެން ހުރީ ހޮޓާތަކާއި ގެސްޓްހައުސްތައް. ފުލް ފްލައިޓު ގެނައުމަށް އެބަ ބޭނުންވޭ މަދުވެގެން 3000 އެނދު އެ ސަރަހައްދުގައި. އެކަން ކުރުމަށް އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް ވަރަށް އަވަހަށް ހުޅުވާލާނަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު އެ ސަރަހައްދަށް ފަތުރުވެރިން ގެންދަނީ މާލެއިން ޑޮމެސްޓިކް ފްލައިޓުތަކުގައި ނުވަތަ ސީޕްލޭންގައި ކަމަށާއި، ސީދާ ބޭރުގެ ފްލައިޓުތައް ހަނިމާދޫއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދުގައި އެނދުގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށެވެ. މި މަޤްޞަދު ހާސިލުކުރުމަށް، އިންވެސްޓަރުން ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ބައެއް ގަވާއިދުތަކަށް ބަދަލު ގެނެސް، ޕްރޮޕޯސަލް ހުށަހެޅުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައި، މުޅި އެއަރޕޯޓު ބޭނުންކުރަން ފެށޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ އުތުރުގެ ރައްޔިތުންގެ ދުރު ޒަމާންވީ އުންމީދެއް ހާސިލުވުމުގެ ފަށައިގަތުން ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގޮތުން، މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށާއި، މި އަހަރު ތެރޭގައި ފަތުރުވެރިކަމަށް އިތުރު 1,290 އެނދު ނެރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އިސްކަންދޭ ކަމަށާއި، ޚާއްޞަކޮށް އުތުރުގެ ތިން އަތޮޅާއި ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 

ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މެޑިކަލް ޓޫރިޒަމް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު ފަތުރުވެރިކަމަށް އިތުރު 1200 އަށްވުރެ ގިނަ އެނދު ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިވަގުތު ރާއްޖޭގައި 156 ތަނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކި ސަބަބުތަކާ ހުރެ 61 ތަނެއްގެ މަސައްކަތް ވަނީ މަޑުޖެހިފައި ކަމަށެވެ. ނަމަވެސް މަޑުޖެހިފައިވާ މަސައްކަތްތައް އަލުން ފެށުމަށް ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި:

- ކްލޯސްޑް ބިޑިންގގެ ދަށުން 10 ތަނެއް ހަވާލުކޮށްފައިވުން

- ކްރޮސް ސަބްސިޑީގެ ދަށުން 3 ތަނެއް ހަވާލުކޮށްފައިވުން

- އޯޕަން ބިޑިންގގެ ދަށުން 3 ތަނެއް އިޢުލާންކޮށްފައިވުން

މީގެ އިތުރުން، ލޯ ސީޒަންގައި މާކެޓިންގ ހަރަކާތްތައް އިތުރުކުރުމާއި، މުޅި އަހަރު ދުވަހު ރާއްޖެ މާކެޓުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ބަލާއިރު، 2023 ވަނަ އަހަރު ނިމުނުއިރު ޖުމްލަ އެނދުގެ އަދަދު 61,650 އިން 63,248 އަށް އިތުރުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ 1,598 އެނދުގެ އިތުރުވުުމެކެވެ.

ވަޒީރު ނިންމާލަމުން ވިދާޅުވީ، ފާއިތުވި އަހަރާ އަޅާބަލާއިރު މިހާތަނަށް 12 ޕަސެންޓުގެ ކުރިއެރުމެއް ފެނިފައިވާ ކަމަށާއި، މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

                   

                   

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު