އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 2027 ވަނަ އަހަރާ ހަމައަށް 6 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ތޯރިޤް އިބްރާހީމް، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ތޯރިޤް ވިދާޅުވި ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ޓޫރިޒަމުން ލިބުނު އާމްދަނީ ހުރީ 4.23 ބިލިއަން ޑޮލަރުގައެވެ. ނަމަވެސް މިހާރު އަމަލުކުރަމުންދާ ފަސްވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން (2023-2027) ގެ ދަށުން މި އަދަދު 6 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
"2023 އިން 2027 އަށް ހެދުނު ޕްލޭންގައި ކަނޑައަޅާފައި އޮތް އެންމެ މުހިންމު ލަނޑުދަނޑިއަކީ އަޅުގަނޑުމެންނަށް ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް 2027 ވަނަ އަހަރު އަންނަންވާއިރަށް އިތުރުކުރުން،" ވަޒީރު ތޯރިޤް ވިދާޅުވިއެވެ.
މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް ވިޒިޓަރ އިކޮނޮމީ ކައުންސިލެއް އުފެއްދެވުމާއި، ޓޫރިޒަމް ފަންޑުގެ ނަމުގައި އައު ފަންޑެއް އުފެއްދުން ހިމެނެއެވެ. މި ފަންޑުގެ މަޤްޞަދަކީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނާއި އެތަންތަނުން ދޭ ޚިދުމަތްތައް އިޝްތިހާރުކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ސަރުކާރުން މި އަޅަމުންދާ ފިޔަވަޅުތަކާއެކު، 2027 ވަނަ އަހަރާ ހަމައަށް ޓޫރިޒަމްގެ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުމުގެ ލަނޑުދަނޑި ޙާޞިލުކުރެވޭނެ ކަމަށް ވަޒީރު ތޯރިޤް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއ
ވަޒީރު ތޯރިޤް ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިވަގުތު ރާއްޖޭގައި 816 ގެސްޓްހައުސް، 175 ރިސޯޓް އަދި 156 ސަފާރީ ރަޖިސްޓްރީކޮށްގެން ހިންގަމުންދެއެވެ. މީގެ ތެރެއިން އެންމެ ގިނަ އެނދު ހުރީ ރިސޯޓުތަކުގައި ކަމަށްވާއިރު، ރިސޯޓުތަކުގައި އެކަނި 43,147 އެނދު ހުރިކަން ފާހަގަކުރެވެއެވެ.
Advertisement
24 އޭޕްރީލް 2025