އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 30 މިނެޓް, 19 ސިކުންތު
ކިތަންމެ ގިނަ ބައަކު ވަކި ގޮތަކަށް ކަމެއް ކުރިނަމަވެސް އިސްލާމް ދީނުގައި އެކަމެއް ކުރަން އޮތް ގޮތް ނޫން ގޮތަކަށް ކުރެވޭނަމަ އެކަމެއް އެކުރެވެނީ ރަނގަޅަށް ކަމަކަށް ނުވާނެއެވެ. ވީމާ އަނަހެނުން މަޙްރަމަކާއި ނުލައި ދަތުރުކުރުމާއިމެދު މިކަންކަމަށް ވިސްނައިލާށެވެ!
ފުރަތަމަ: އަންހެނުން މަޙްރަމަކާ ނުލާ ދަތުރު ކުރުމުގެ ޙުކުމް:
ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙުލް މުންޖިދުގެބެއްލެވުމުގެ ދަށުން ހިންގަވާ ވެސްބައިޓެއް ކަމުގައިވާ އިސްލާމް ސުވާލުވަޖަވާބަށް ބޭފުޅަކު ފޮނުވާފައިވާ ސުވާލެއްގައިވެއެވެ.ރ ަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެން ފަހުން އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން ތަފާތު ފަހަރުތަކުގައި ޙައްޖު ކުރައްވާފައި ހުރިކަމަށް ޘާބިތުވެއެވެ. އަންހެނަކު މަޙްރަމެއް ނެތްނަމަ، އިތުބާރު ކުރެވޭއަންހެން ޖަމާޢަތެއްގައި ޙައްޖަށް ދެވިދާނެކަމަށް މިޙާދިޘާ ތަކުން ދަލީލުލިބިދާނެތޯއެވެ؟
ޖަވާބުގައި ވިދާޅުވެފައިވެއެވެ.
މި މައްސަލާގައި ޢިލްމުވެރިންގެ ރައުޔުތަކުގެ ތެރެއިން އެންމެރަގަޅު ރައުޔަކީ ޙަނަފީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އެބޭފުޅުންވިދާޅުވާ ގޮތުގައި ޙައްޖަށްވެސް އަދި އެނޫން ދަތުރަކަށްވެސް އަންހެނަކުމަޙްރަމަކާ ނުލާ ދަތުރު ކުރުމަކީ ޙަރާމް ކަމެކެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لا تسافر امرأة إلا مع ذي محرم) رواه البخاري ( 1862 ) ومسلم ( 1341) މާނައަކީ: "މަޙްރަމަކާ އެކު މެނުވީ އަންހެނަކު ދަތުރު ނުކުރާ ހުށި ކަމެވެ".
އެހެންނަމަވެސް ޝާފިޢީ އަދި މާލިކީ މަޛްހަބުގެ ރައުޔަކީ އިތުބާރު ހިފޭވަރުގެ ޖަމާޢަތަކާއި އެކުގައިނަމަ އަންހެނަކު މަޙްރަމަކާނުލާވެސް ދަތުރު ކުރެވިދާނެ ކަމަށެވެ. އެބޭކަލުންގެ ދަލީލަކީ ސުވާލުގައިވެސް ވާފަދައިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ އަނބިއަނބި ކަބަލުން މަޙްރަމަކާ ނުލާޙައްޖަށް ވަޑައިގެންނެވި ޙާދިޘާ އެވެ.
އިމާމް ބުޚާރީ ރަޙިމަހުﷲ ރިވާކުރައްވައެވެ. (أَن عمر بن الخطاب رضي الله عنه أذِن لأزواج النبي صلى الله عليه وسلم في آخر حجة حجها ، فبعث معهن عثمان بن عفان ، وعبد الرحمن بن عوف) މާނައަކީ: "ޢުމަރު ރަޟިޔަﷲ ޢަންހު- ކުރެއްވި އެންމެ ފަހު ޙައްޖުގައިކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބި އަނބި ކަބަލުންނަށްބައިވެރި ވުމުގެ އިޛްނަ ދެއްވިއެވެ. އަދި އެކަނބަލުންނާއި އެކުގައިޢުޘްމާން ބިން ޢައްފާނާއި ޢަބްދުއްރަޙްމާން ބިން ޢައުފު ފޮނުއްވިއެވެ."
ނަމަވެސް ޙަނަފީންނާއި ޙަންބަލީން މިދަލީލަށް ތަފާތު ޖަވާބު ތަކެއް ވަނީ ދެއްވާފައެވެ. އޭގެ ތެރޭގައި:
1. އެކަނބަލުން ދަތުރު ކުރެއްވީ މަޙްރަމަކާ ނުލާކަން ޙަދީޘިން ދޭހައެއްނުވެއެވެ. ޙައްޖު ގާފިލާގައި އެކަނބަލުންގެ މަޙްރަމުން ތިއްބެވުންވެސް އެކަށީގެންވެއެވެ. ޢުޘްމާން ބިން ޢައްފާނާއި ޢަބްދުއްރަޙްމާން ބިން ޢައުފްފޮނުއްވުމުގެ ބޭނުމަކީ އިތުރަށް ހިތްހަމަޖެހުން ލިބި، ޔަގީންކަން އިތުރުކުރުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބަކުއެކަލޭގެފާނުގެ އަމުރުފުޅާއި ޚިލާފަށް އަންހެނުންތަކެއް މަޙްރަމަކާ ނުލާދަތުރު ކުރުމުގެ ހުއްދަ އެއް ނުދެއްވާނެއެވެ. ބައެއް ރިވާޔަތްތަކުގައިއެކަނބަލުން ވަޑައިގަތީ މަޙްރަމުންނާއި އެކުގައި ކަމަށްވެސްއައިސްފައިވެއެވެ. އެހެންނަމަވެސް އެރިވާޔަތް ތަކުގެ ސަނަދު އެހާ ވަރުގަދައެއް ނޫނެވެ.
އިބްނުލް ޖައުޒީ ރަޙިމަހުﷲ އެކަލޭގެފާނުގެ "އަލްމުންތަޡަމް”އޭ ކިޔުނު ފޮތުގައި ހިޖްރައިން 23 ވަނަ އަހަރުގެ ޙާދިޘާތައް ބަޔާންކުރައްވާ ލިޔުއްވާފައިވެއެވެ. އަބޫޢުޘްމާނާއި އަބޫ ޙާރިޘާ އަދި ރަބީޢުއެބޭކަލުންގެ ސަނަދުން ރިވާ ކުރައްވާފައިވެއެވެ.
"ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ އަނބި އަނބި ކަބަލުންނާއި އެކުގައި ޢުމަރު ރަޟިޔަﷲ ޢަންހުޙައްޖު ކުރެއްވިއެވެ. އެކަނބަލުންގެ އަރިހުގައި އެކަނބަލުން ޙިޖާބުވެވަޑައިގަންނަވަން ނުޖެހޭ ވަރުގެ މަޙްރަމުން ތިއްބެވިއެވެ. އެކަނބަލުންގެ ގާފިލާގެ އެންމެ ކުރީގައި ޢަބްދުއްރަޙްމާން ބިން ޢައުފު ލެއްވިއެވެ. އަދި ގާފިލާގެ އެންމެ ފަހަތުގައި ޢުޘްމާން ބިން ޢައްފާން ލެއްވިއެވެ. '
އަނެއް ކަމަކީ، އެކަނބަލުންގެ މަޙްރަމަކާ ނުލާ ދަތުރުކުރެއްވުން އެއީ ވަރަށް ދުރު ކަމެކެވެ. އެދުވަސް ވަރު މަދީނާ އިން ޙައްޖަށްދާ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. އެހެންކަމުން ކައިވެނި ޙަރާމްވާވަރުގެ ކޮންމެ ވެސް މީހަކު ގާފިލާގައި ހުންނާނެކަން ޔަގީނެވެ. ނޫންނަމަ އެއްކިރު ވުމުގެ ގޮތުން އަޚުންވެސް ތިބޭނެއެވެ. ޚާއްޞަގޮތެއްގައި އެދުވަސްވަރަކީ ކިރު ދިނުން ވަރަށް ޢާއްމުވެފައިވާ ދުވަސްވަރެކެވެ.
1. އެކަނބަލުންގެ އަރިހުގައި މަޙްރަމަކު ނެތް ކަމުގައިވީނަމަވެސް، އެއީއެކަނބަލުންގެ އިޖްތިހާދެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނައްޞަކާ ޞަޙާބީ އެއްގެ އިޖްތިހާދު ފުށުއަރައިފިނަމަ ނައްޞަށް އިސްކަންދެވޭނެއެވެ.
އިމާމް ޞަންޢާނީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
“މިޙާދިޘާ އިން އަންހެނުން މަޙްރަމަކާ ނުލާ ދަތުރު ކުރުމަށް ޙުއްޖަތެއް ނުލިބެއެވެ. ސަބަބަކީ އެއީ އިޖްމާޢެއް ނޫނެވެ.” (ސުބުލުއްސަލާމް 2/930).
1. ބައެއް ޢީލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިއަނބި ކަބަލުންނަށް ޚާއްޞަ ކަމެކެވެ. ސަބަބަކީއެކަނބަލުންނަކީ މުއިމިނުންގެ މަންމައިންނެވެ. އެހެންކަމުން، ހުރިހާމުއިމިނުންނަކީ އެކަނބަލުންނަށް މަޙާރިމުންނެވެ.
އިމާމް އަބޫ ޙަނީފާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
"ހުރިހާ މީސްތަކުންނަކީ ޢާއިޝާ އަށް މަޙްރަމުންނެވެ. އެއިންކޮންމެ މީހަކާ އެކު ދަތުރު ކުރެއްވިނަމަވެސް އެދަތުރު ކުރެއްވެނީމަޙްރަމަކާ އެކުގައެވެ. ނަމަވެސް، އެހެން އަންހެނުން ތަކުންނަކަށް އެގޮތެއްނުވާނެއެވެ." (ޢުމްދަތުލް ގާރީ 10/220).
އިމާމް އަބޫ ޙަނީފާގެ މިރައުޔަށް ރައްދު ދެއްވާ ޢީލްމުވެރިން ވިދާޅުވެފައިވެއެވެ. "ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަނބިއަނބި ކަބަލުންނަކީ ކައިވެނި ޙަރާމްވުމުގެ ގޮތުން މުއިމިނުންގެ މަންމައިންނެވެ. ނަމަވެސް އެއީ މަޙްރަމުންނެއްނޫނެވެ. މަޙްރަމުން ކަމުގައިވީނަމަ އެކަނބަލުން މީސްތަކުންގެ ކުރިމަތީގައިޙިޖާބު ނުވެ ތިއްބެވުމާއި، ފިރިހެނުންނާއި އެކަހެރިވުންވެސް ހުއްދަވީހެވެ.ނަމަވެސް އެއީ އެއްވެސް ޢިލްމުވެރިޔަކު ވިދާޅުވެފައި ނުވާ ބަސްފުޅެކެވެ."
އިބްނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނުގެ “މިންހާޖުއްސުންނާ”ގެ 4/207 ގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެއަނބިއަނބި ކަބަލުންނާއި ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. "އެކަނބަލުންނަކީކައިވެނި ޙަރާމް ވުމުގެ ގޮތުން މަޙްރަމުންނެވެ. އެނޫން ގޮތަކުން ނޫނެވެ."
ފަޟީލަތުއްޝައިޚް ޢަބްދުﷲ ބިން ބާޒް- ރަޙިމަހުﷲ- އާއިސުވާލު ކުރެވުނެވެ. މީހުން ބުނެއުޅެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ މަޙްރަމަކާ ނުލާ ޢުޘްމާން ރަޟިޔަﷲ ޢަންހުގެ އަރިހުގައި ޙައްޖުކުރެއްވިއެވެ؟
ޖަވާބުގައި ވިދާޅުވެފައިވެއެވެ. "މިކަމުގައިދަލީލެއް ބޭނުންވެއެވެ. އެކަމަނާ ޙައްޖު ކުރެއްވީ މަޙްރަމަކާ ނުލަޔޭދަލީލެއް ނެތި ނުބުނެވޭނެއެވެ. އެކަމަނާ އާއި އެކު ކޮންމެވެސް މަޙްރަމެއްވާނެކަން ޔަގީނެވެ. އެކަމަނާގެ އަޚުންގެ ދަރިންނާއި، އެކަމަނާގެ އަޚްޢަބްދުއްރަޙްމާނާއި، އެކަމަނާގެ އުޚްތު އަސްމާގެ ދަރިންނާއި، މި އެންމެންތިބޭނެއެވެ. އެކަމަނާ ޙައްޖު ކުރެއްވީ މަޙްރަމަކާ ނުލަޔޭ ދަލީލެއް ނެތިބުނެފި ކޮންމެ މީހަކު އެހަދަނީ ދޮގެކެވެ. އެކަމަނާ ޙައްޖު ކުރެއްވީމަޙްރަމަކާ ނުލާ ކަމުގައި ބެލިނަމަވެސް، އެކަމަނާ އަކީ މަޢްޞޫމްބޭކަނބަލެއް ނޫނެވެ. އެއްވެސް ޞަޙާބީ އަކީ މަޢްޞޫމް ބަޔެއް ނޫނެވެ.ޙުއްޖަތް ނެގޭނީ ގުރްއާނުންނާއި ސުންނަތުންނެވެ. މިއާއި ޚިލާފަށް އެއްވެސްމީހަކު ބުނާ ބަހަކީ ޙުއްޖަތަކަށް ނުވާނެއެވެ. މިއީ ހުރިހާ ޢިލްމުވެރިންއިޖްމާޢުވެލައްވާ މައްސަލަ އެކެވެ."
އަދިވެސް އިސްލާމް ސުވާލު ވަޖަވާބުގައި އައިސްފައިވެއެވެ.
އަންހެނަކު އޭނާ އާއި އެކު ދާނެ މަޙްރަމަކު ނެތްނަމައަންހެން ޖަމާޢަތަކާއި އެކު ޙައްޖަށް ނުވަތަ ޢުމްރާ އަށް ދިޔުމުގެ ޙުކުމަކީކޮބައިތޯ؟
ޖަވާބުގައި ވިދާޅުވެފައިވެއެވެ.
މިމައްސަލާގައި ޢިލްމުވެރިންގެ ތެރޭގައި ޒަމާނުއްސުރެއްއޮންނަ ޚިލާފެއް ވެއެވެ. ބައެއް ޢިލްމުވެރިންގެ ރައުޔުގައި މަގުއަމާންވެފައި އިތުބާރު ހިފޭ އަންހެން ޖަމާޢަތެއް އޮވެއްޖެނަމަ މަޙްރަމަކާނުލާ އަންހެނަކަށް ޙައްޖަށް ނުވަތަ ޢުމްރާ އަށް ދެވިދާނެއެވެ.
އެހެންބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަންހެންޖަމާޢަތެއް އޮތް ނަމަވެސް މަޙްރަމަކާ އެކު މެނުވީ އަންހެނަކަށް ދަތުރެއްނުކުރެވޭނެއެވެ. މިއީ އަބޫ ޙަނީފާ އަދި އަޙްމަދުގެ ރައުޔެވެ. އެބޭކަލުންގެދަލީލަކީ:
1. عن ابن عباس رضي الله عنهما قال : قال النبي صلى الله عليه وسلم : ( لا تسافر المرأة إلا مع ذي محرم ، ولا يدخل عليها رجل إلا ومعها محرم ، فقال رجل : يا رسول الله ، إني أريد أن أخرج في جيش كذا وكذا وامرأتي تريد الحج ، فقال : اخرج معها ) رواه البخاري ( 1763 ) ومسلم ( 1341 ) .
މާތް ﷲރުއްސުންލެއްވި ޢިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "މަޙްރަމަކާ އެކު މެނުވީއަންހެނުން ދަތުރު ނުކުރާ ހުށި ކަމެވެ. އަދި އަންހެނަކާ އެކު މަޙްރަމެއްނެތް ޙާލުގައި ފިރިހެނަކާ އެކަހެރި ނުވާ ހުށިކަމެވެ. މީހަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެން މިއުޅެނީ ހަނގުރާމަ އަށް ލަޝްކަރެއްގައިދާށެވެ. އަހަރެންގެ އަންހެނުން އުޅެނީ ޙައްޖަށް ދާށެވެ. ޙަދީޘްކުރެއްވިއެވެ. “ކަލޭގެ އަންހެނުންނާއި އެކު ދާށެވެ"
2. عن أبي هريرة رضي الله عنه قال : قال النبي صلى الله عليه وسلم ( لا يحل لامرأة تؤمن بالله واليوم الآخر أن تسافر مسيرة يوم وليلة إلا مع ذي محرم عليها ) رواهالبخاري (1038) ومسلم (133) .
މާތް ﷲރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ﷲ އާއި އާޚިރަތްދުވަހަށް އީމާންވާ އަންހެނާ ރޭވާ ދަތުރެއްގައި މަޙްރަމަކާ އެކު މެނުވީދަތުރު ކުރުން ހުއްދަ ވެގެން ނުވެއެވެ." وعند البخاري (1139) ومسلم (827) من حديث أبي سعيد : ( مسيرة يومين ) . ބުޚާރީ އާއި މުސްލިމް އަބޫ ސަޢީދުގެކިބައިން ރިވާ ކުރެއްވިއެވެ. "ދެރޭވާ ދަތުރެކެވެ."
އަންހެނުން ދަތުރު ކުރުމުގައި މަޙްރަމެއް ބޭނުން ނުވާނެ ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލު ތަކަކީ:
1. އިމާމް ބުޚާރީ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ ޢުދައްޔު ބިން ޙާތިމް އާއި މުޚާޠަބު ކުރައްވާޙަދީޘް ކުރެއްވިއެވެ. (فإن طالت بك حياة لترين الظعينة ترتحل من الحيرة حتى تطوف بالكعبة لا تخاف أحدا إلا الله ، قال عدي : فرأيت الظعينة ترتحل من الحيرة حتى تطوف بالكعبة لا تخاف إلا الله ) رواه البخاري ( 3400)
މާނައަކީ: "ﷲ ފިޔަވާ އެހެން ފަރާތެއް ދެކެ ބިރުގަތުމެއްނެތި، އަންހެނުންޙީރާ އިން ދަތުރުކޮށްފައި ގޮސް ކަޢްބާގައި ޠަވާފް ކުރާތަން ކަލޭގެފާނުދުނިޔޭގައި ހުންނަވައިފިނަމަ ފެންނާނެއެވެ. ޢުދައްޔު ވިދާޅުވިއެވެ. “ﷲފިޔަވާ އެހެން ފަރާތެއް ދެކެ ބިރުގަތުމެއް ނެތި އަންހެނުން ޙިރާ އިންދަތުރުކޮށްފައި ގޮސް ކަޢްބާގައި ޠަވާފު ކުރާ މަންޡަރު ތިމަންނާ ދުށީމެވެ"
މިދަލީލަށް ޖަވާބު ދެއްވާ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
މީގައި މިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަކަން ހިނގާނެ ގޮތުގެ ޚަބަރު ދެއްވާފައެވެ. ކަމެއް ހިނގާނެ ކަމުގެ ޚަބަރުދެއްވުމަކީ އެކަމެއް ހުއްދަވުމެއް ނޫނެވެ. ފަހަރުގައި އެއީ ހުއްދަކަމަކަށްވެސް ވެދާނެއެވެ. ފަހަރުގައި އެއީ ޙަރާމް ކަމަކަށް ވެސްވެދާނެއެވެ. ފަހު ޒަމާނަށް އައިސް ބަޔަކު ރާބުއިމާއި، ޒިނޭ ކުރުމާއި،މީހުން މެރުން ޢާއްމުވާނެ ކަމުގެ ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޚަބަރު ދެއްވާފައިވެއެވެ. އެއީ ބޮޑެތި ފާފަތަކެވެ.
އެހެންކަމުން، ޙަދީޘްގެ މަގްޞަދަކީއަމާންކަން ފެތުރިގެން ގޮސް، އަންހެނުންނަށް އިތުރު މަޙްރަމެއް ނެތި ދަތުރުކުރެވޭނެހާ ވަރަށް މަގުތައް އަމާން ވެގެން ދާނެކަން އެންގެވުމެވެ.ޙަދީޘްގެ މަގްޞަދަކީ އަންހެނުން މަޙްރަމަކާ ނުލާ ދަތުރު ކުރުން ހުއްދަކަންއެންގެވުމެއް ނޫނެވެ.
މިކަމުގައި ދަންނަން ޖެހޭ އަނެއް މައްސަލަ އަކީ:ޙައްޖަށް ދިޔުމުގައި އަންހެނުންނަށް މަޙްރަމަކު ބޭނުން ވުމާއި ނުވުމުގައިޢިލްމުވެރިން އިޚްތިލާފު އުފެދިފައިވަނީ ހަމައެކަނި ފަރްޟު ޙައްޖުވުމުގައެވެ. ނަމަވެސް ސުންނަތް ޙައްޖުވުމުގައި އަންހެނަކު އޭނާގެ ފިރިމީހާނުވަތަ މަޙްރަމަކާ ނުލާ ދަތުރު ނުކުރެވޭނެކަމާއި މެދު، ހުރިހާ ޢިލްމުވެރިންއިއްތިފާގްވެލައްވައެވެ. (އަލްމައުސޫޢަތުލް ފިގްހިއްޔާ 17/36).
ސަޢޫދީގެ ފަތްވާ ކޮމިޓީގެ ބޭފުޅުން ވިދާޅުވެފައިވެއެވެ. "މަޙްރަމަކު ނެތިއްޖެ އަންހެނާގެ މައްޗަށް ޙައްޖު ވާޖިބު ވެގެން ނުވެއެވެ.ސަބަބަކީ މަޙްރަމަކީ ޙައްޖުގެ މަގު ފަސޭހަވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.މަގު ފަސޭހަ ވުމަކީ ޙައްޖު ވާޖިބު ވުމުގެ ޝަރްޠުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ސޫރަތު އާލުޢިމްރާންގެ 97 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا) މާނައަކީ: “އެކަމަށް މަގެއްފެނިކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصدކޮށްގެންދިއުމީ، (އެބަހީ: حج ވުމަކީ)اللَّهއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجبއެކެވެ."
އެހެންކަމުން، ޙައްޖަށް ނުވަތަ އެހެން ކަމަކުވެސް ފިރިމީހާނުވަތަ މަޙްރަމަކާ ނުލާ އަންހެނަކު ދަތުރު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މިއީ ޙަސަނުލްބަޞްރީ، ނަޚަޢީ، އަޙްމަދު، އިސްޙާގް، އިބްނުލް މުންޛިރު އަދިޙަނަފީންގެ ރައުޔެވެ. އަދި މިއީ އެންމެ ޞައްޙަ ގޮތެވެ. އިސްވެދިޔައާޔަތުންނާއި، އަންހެނަކު މަޙްރަމަކާ ނުލާ ދަތުރު ކުރުން މަނާކުރައްވާފައިވާ ޙަދީޘުން ދޭހަވަނީ މިގޮތެވެ. މިކަމާ ދެކޮޅު ހައްދަވަނީމާލިކު، ޝާފިޢީ އަދި އަލްއައުޒާޢީ އެވެ. ނަމަވެސް އެބޭފުޅުންނަކަށްއެއްވެސް ދަލީލެއް ނެތެވެ.” (ފަތާވާ އައްލަޖްނަތުއް ދާއިމާ 11/90-91).
އަދިވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
“އަންހެން ކަބަލުން އެކަބަލުންގެ ފިރިން ނުވަތަ މަޙްރަމަކުނުލާ ޙައްޖަށްވެސް އަދި އެހެންކަމަކުވެސް ދަތުރު ނުކުރެވޭނެ ކަމަށް ބުނާބުނުން އެއީ އެންމެ ރަގަޅު ގޮތެވެ. އިތުރބާރު ހިފޭ އަންހެން ޖަމާޢަތަކާއިއެކުގައި ދަތުރު ކުރެވޭނެ ކަމަށް ބުނާ ބުނުމަކީ ރަގަޅު ބުނުމެއް ނޫނެވެ.އެކަނބަލުންނާއި އެކު ދަތުރު ކުރާނެ ފިރިޔަކު ނުވަތަ މަޙްރަމަކު ނެތްނަމައެކަނބަލުންގެ މައްޗަށް ޙައްޖު ވާޖިބު ވެގެން ނުވެއެވެ.”(ފަތާވާ އައްލަޖްނަތުއް ދާއިމާ 11/92).
ވީމާ، ދަންނަވަމެވެ.
އިސްވެދިޔަ ދަލީލުތަކުން ބޮޑަށް ބާރުލިބެނީ އަންހެނަކުމަޙްރަމަކާ ނުލާ ދަތުރު ކުރުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ. ބައެއްޢިލްމުވެރިންގެ ރައުޔުގައި އިތުބާރު ހިފޭފަދަ އަންހެން ޖަމާޢަތަކާއި އެކުދަތުރު ކުރުން ހުއްދަ ކުރެއްވިނަމަވެސް، އެރައުޔަކީ އެބޭފުޅުންގެ އަމިއްލައިޖްތިހާދުގެ މައްޗަށް ބިނާވެފައިވާ ރައުޔެކެވެ. އެބޭފުޅުންގެ ބަހަށްތާޢީދު ލިބޭފަދަ އެއްވެސް ދަލީލެއް ނެތެވެ. އަދިކިއެއްތަ، ދަލީލުތައް ހުރީމަޙްރަމަކާ ނުލާ އަންހެނުން ދަތުރު ކުރުން މަނާ ކުރާ ކޮޅަށެވެ. ކިތަންމެއިތުބާރު ކުރެވޭ އަންހެން ޖަމާޢަތެއް އޮތްނަމަވެސް، މަޙްރަމެއް ނެތްނަމަ،އަންހެނަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.
ޢުމުރުން 45 އަހަރު ވުމުން ސަޢޫދީ އެމްބަސީއިން މަޙްރަމަކާ ނުލާ ދަތުރު ކުރަން ވިސާ ދިނުމުގެ މާނައަކީ އެކަމަކީހުއްދަ ކަމަކަށް ވުމެއް ނޫނެވެ. ހުއްދަ ވުމާއި ނުވުން ބިނާވެގެން ވަނީ ސަޢޫދީގެ ވިސާ އަކަށް ނޫނެވެ. ﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅުގެ މައްޗަށެވެ. ގުރްއާނާއި ޙަދީޘްގެ ދަލީލުތަކުންއެނގެނީ އަންހެނަކު މަޙްރަމަކާ ނުލާ ދަތުރު ކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫން ކަމެވެ. މީގައި ޢުމުރުން ވަކި ވަރެއް ވުމުން އިސްތިޘްނާވާ ކަމެއްއެނގޭކަށް ނެތެވެ. ސޫރަތުލް އަޙްޒާބްގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ.
(وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا)
މާނައަކީ: "އަދި اللَّهއާއި، އެކަލާނގެرسولއާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمنފިރިހެނަކަށްވެސް، އަދި مؤمنއަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيارއޮތުމަކީނެތްކަމެކެވެ. އަދި اللَّهއަށާއި، އެކަލާނގެ رسولއާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކުފުރެދިއްޖެކަން ކަށަވަރެވެ."
ދެން އޮތީ އޮޅުވާލައިގެން މަޙްރަމް ނޫން މީހަކު މަޙްރަމަކަށްޖަހައިގެން އަންހެން ކުދިން ޙައްޖަށް ނުވަތަ ޢުމްރާ އަށް ގެގެންދާގެންދިޔުމެވެ. ދަންނައެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީކަނޑައެޅިގެން މަކަރާއި ޙީލަތް ހެދުމުގެ ތެރެއަށް ވަންނާނެ ކަމެކެވެ.މަކަރާއި ޙީލަތް ހަދައިމީހުން އެކުރާ ޢަމަލުގެ ނުބައިކަން ބަޔާން ކުރައްވާސޫރަތުލް އަންފާލުގެ 56 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(الَّذِينَ عَاهَدتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِي كُلِّ مَرَّةٍ وَهُمْ لَا يَتَّقُونَ)
މާނައަކީ: "އެއުރެންނަކީ، ކަލޭގެފާނުއެއުރެންނާ عهدކުރެއްވި މީހުންނެވެ. ދެން ކޮންމެފަހަރަކު، އެއުރެން،އެއުރެންގެ عهدއުވާލައެވެ. އަދި އެއުރެން (اللَّهއަށް)ބިރުވެތިވާކަމުގައި ނުވެތެވެ."
އިމާމް ބުޚާރީ އާއި އިމާމް މުސްލިމް މާތް ﷲރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާ ކުރެއްވިޙަދީޘެއްގައިވެއެވެ. (لكل غادر لواء يوم القيامة يُعرف به) މާނައަކީ: "މަކަރުވެރިން ދެނެގަނެވޭނެފަދަ ނިޝާންތަކެއް ގިޔާމަތް ދުވަހުންއެބައިމީހުންގެ ގައިގާ ވާނެއެވެ."
އަންހެނުން މަޙްރަމަކާ ނުލާ ދަތުރު ކުރުން މަނާކުރައްވާފައިވަނީ ވަރަށް ބޮޑު ޙިކްމަތަކަށްޓަކައެވެ. އެކަނބަލުންނަށްފުރިހަމަ ރައްކާތެރިކަން ދިނުމަށް ޓަކައެވެ. އެހެން އެކަން އޮތުމުން ސަޢޫދީސަރުކާރުން ވެސް އެވަނީ އެގޮތަށް ގަވާޢިދު ހަމަޖައްސަވާފައެވެ. މަޙްރަމަކުނެތިއްޖެނަމަ އަންހެނުންގެ މައްޗަށް ޙައްޖާއި ޢުމްރާ ވާޖިބު ނުވާ ކަމަށްޢިލްމުވެރިން ފަތްވާ ދެއްވާފައިވަނީވެސް އެހެން ވެގެންނެވެ. ވީމާ، މިފަދަނުބައި ޖަރީމާތައް ހިންގަވާ ފަރާތް ތަކުން އެކަންތައް ވަގުތުން ވަގުތަށްހުއްޓާލުމަށް ގޮވައިލާ ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ. މާތް ﷲއަޅަމެން އެންމެންނަށް ހެޔޮގޮތް މިންވަރު ކޮށްދެއްވާށި. އާމީން.
ދެވަނަ: އަންހެން ކުއްޖަކު ކިޔަވަން ބޭރުގައުމަކަށް ގޮސް ހުންނަ ހުރުމުގައި މަޙްރަމަކު ހުންނަން ޖެހޭނެތޯ؟
ދަންނައެވެ. މަނާވެގެންވަނީ އަންހެނުން މަޙްރަމަކާ ނުލާ ދަތުރު ކުރުމެވެ. ނަމަވެސް ދަތުރު ނިމިގެން އަމާން ތަނެއްގައި އަންހެން ކުއްޖަކު ބަހައްޓާފައި ހުންނަ ހުރުމުގައި މަޙްރަމަކު ހުރުން ލާޒިމެއް ނޫނެވެ. އެހެންކަމުން، އަންހެން ކުއްޖަކު ބޭރު ރަށަކުން ނުވަތަ ބޭރު ގައުމަކުން ތަޢްލީމު ޙާޞިލް ކުރަން ޖެހިއްޖެ ޙާލަތެއްގައި އެކުއްޖާ ގޮވައިގެން އެރަށަކަށް ނުވަތަ އެގައުމަކަށް މަޙްރަމަކު ގޮސް، އިތުބާރު ހިފޭ އަމާން ތަނެއްގައި ކުއްޖާ ބަހައްޓާފައި އެނބުރި އައުމުން މައްސަލަ އެއް ނެތެވެ.
ޚުލާޞާ: މަޙްރަމަކާ ނުލާ ރޭވާފަދަ ދަތުރެއް އަންހެނުން ކުރުމަކީ ޙަރާމް ކަމެކެވެ. އަންހެން ކުއްޖަކު ރަށުން ބޭރުން ތަޢްލީމް ޙާޞިލް ކުރަން ޖެހިއްޖެ ޙާލަތެއްގައި އޭނާ އާއި އެކު މަޙްރަމަކު ދަތުރު ކޮށްފައި ގޮސް އަމާން ތަނެއްގައި ބަހައްޓާފައި އަނބުރާ އައުމަކުން މައްސަލަ އެއް ނެތެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
28 އޭޕްރީލް 2025