އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން: އެންމެ ރިވެތި ފޭރާމަކީ ރިވެތި އަޚްލާޤް!

މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން: އެންމެ ރިވެތި ފޭރާމަކީ ރިވެތި އަޚްލާޤް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 16 ސިކުންތު

ރިވެތި އަޚްލާޤަކީ އެންމެ ރީތި ފޭރާމެވެ. އެއީ ފަޤީރުންގެ މުއްސަނދިކަމެވެ. މުއްސަނދީންގެ ޒީނަތެވެ. ބާއްޖަވެރީންގެ ފޭރާމެވެ. އަބުރުވެރިކަމާއި ޤަދަރުވެރިކަމުގެ ސަބަބެވެ. މާތް ﷲ ރުއްސުން ލެއްވި އަބޫޒައްރު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އަރިހުގައި ކީރިތި ރަސޫލާ صلي الله عليه وسلم ޙަދީޘްކުރެއްވިއެވެ:  

(اتَّقِ اللهَ حيثُما كنتَ، وأتبِعِ السَّيِّئةَ الحسَنةَ تَمْحُهَا، وخالِقِ النَّاسَ بخُلُقٍ حَسنٍ)[1]

މާނައީ: ތިބާވީ ކޮންމެ ތަނެއްގައި  މާތް ﷲއަށް ތަޤްވާވެރިވާށެވެ! ނުބައިކަމެއް ކުރެވިއްޖެނަމަ އެއަށް ފަހު ހެޔޮކަމެއް ކުރާށެވެ. އޭރުން އެ ހެޔޮކަން ނުބައިކަން ފުހެލާނެއެވެ. އަދި މީސްތަކުންނާ ރިވެތި އަޚްލާޤުން މުޢަމަލާތުކުރާށެވެ" އަދިވެސް ރިވެތި އަޚްލާޤާބެހޭ ގޮތުން ކީރިތި ރަސޫލާ صلي الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. 

(إنَّ أحبَّكم إليَّ وأقربَكم منِّي في الآخرةِ محاسنُكم أخلاقًا) [2]

މާނައީ: "ތިޔަބައިމީހުންކުރެ ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ ލޮބުވެތިކަންބޮޑު އަދި އާޚިރަތް ދުވަހު ތިމަންކަލޭގެފާނާ އެންމެ ގާތުގައި ވާހުށީ ތިޔަބައިމީހުން ކުރެ އެންމެ އަޚްލާޤު ރިވެތި މީހުންނެވެ." ކީރިތި ޤުރްއާނުގައި ވެސް، އަޚްލާޤީ އެތައް ސިފަތަކުން ޒީނަތްތެރިވުމަށް އަމުރުކުރައްވައިފައިވާ އާޔަތްތެއް ވެއެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ. މީހުންގެ ކުށްތައް ޢަފޫކުރުމާއި ޖާހިލުންނާ ޒުވާބު ނުކޮށް ދޫކޮށްލުމަކީ ރިވެތި އަޚްލާޤުގައި ހިމެނޭ ކަންކަމެވެ. އަލްއަޢުރާފު ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. 

﴿خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ﴾ [3]

މާނައީ: "ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!" ރިވެތި އަޚްލާޤަކީ މަތިވެރި ދަރަޖަ ލިބޭ ކަމެކެވެ.  

ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.

(إنَّ الْـمُؤمنَ لَيُدْرِكُ بِـحُسْنِ خُلُقِه دَرَجةَ الصَّائمِ القَائِمِ.)[4]

މާނައީ:"މުއުމިނު އަޅާ އޭނާގެ ރިވެތި އަޚްލާޤުގެ ސަބަބުން (ސުންނަތް) ރޯދަހިފާ، ރޭއަޅުކަންކުރާ މީހެއްގެ ދަރަޖައަށް ފޯރައެވެ." ރިވެތި އަޚްލާޤަކީ ސުވަރުގެ ވަނުމަށް މަގުފަހިވާ ޢަމަލެކެވެ.  

ކީރިތި ރަސޫލާ صلي الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.

(أَكْثَرُ مَا يُدْخِلُ النَّاسُ الْـجَنَّةَ، تَقْوَى اللَّهِ وَحُسْنُ الْـخُلُقِ) [5]

މާނައީ:"އެންމެ ގިނަބަޔަކު ސުވަރުގެ ވަނުމަށް މަގުފަހިކޮށްދޭ ޢަމަލަކީ، މާތް ﷲ އަށް ތަޤްވާވެރިވުމާއި، ރިވެތި އަޚްލާޤެވެ."

 

- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން--

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް