އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 9 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ސަލާމް ގޮވުން ގިނަކުރުން ލައްވަވާފައިވަނީ އެމީހަކަށް ސުވަރުގެ ލިބުމަށް މަގުފަހިވެގެންދާ ޢަމަލެއްގެ ގޮތުގައެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ ސަލާމް ގޮވުމަކީ ސުވަރުގެ ވަނުމަށް ސަބަބަކަށް ވާނެ ކަމަށް ޚަބަރު ދެއްވާފައެވެ.
ސަލާމް ގޮވުމަކީ އިސްލާމް ދީނުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. އިސްލާމް ދީނުގައި އެއީ ޙައްގެއް ކަމުގައި ލައްވަވާފައި ވެއެވެ. އެހެންކަމުން މުސްލިމުން އެނގޭ މީހުންނަށް ވެސް އަދި ނޭނގޭ (ތިމާ ނުދަންނަ) މީހުންނަށްވެސް ސަލާމް ގޮވަން ވާނެއެވެ.
ގޭގެއަށް ވަންނައިރު ސަލާމް ގޮވުމަށްފަހު ހުއްދަ ހޯދުމަށް ފަހު ވަނުމަށް ކީރިތި ގުރްއާނުގައިވެސް އަންގަވާފައިވެއެވެ. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ ނޫރު ސޫރަތުގެ 27 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴿٢٧﴾
މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهل ވެރިންނަށް سلام ކޮށް إذن ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. (27)"
އަދިވެސް ނޫރު ސޫރަތުގެ 61 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا۟ عَلَىٰٓ أَنفُسِكُمْ تَحِيَّةً مِّنْ عِندِ ٱللَّهِ مُبَٰرَكَةً طَيِّبَةً ۚ
މާނައީ: "ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، اللَّه ގެ حضرة ންވާ بركات ތެރި ރަނގަޅު سلام އަކުން ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން سلام ކުރާށެވެ!"
މީގެ އިތުރުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. އިސްލާމް ދީނުގައިވާ ރަނގަޅު ކަންކަމަކީ ކޮބައިތޯ ޞަހާބީއަކު ސުވާލު ކުރެއްވުމުން ޙަދީޘް ކުރެއްވިއެވެ. މީހުންނަށް ކާންދިނުމާއި. އެނގޭ މީހުންނާއި ނޭންގޭ މީހުންނަށް ސަލާމް ގޮވުމެވެ.
އެހެން ހަދީޘެއްގެ މާނައިގައި ވެއެވެ. ބައްރާއު ބުނު ޢާޒިބް ވިދާޅުވިއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަހަރުމެންނަށް 7 ކަމަކަށް އަމުރު ކުރެއްވިއެވެ. އެއީ ބަލިމީހުންނަށް ފަރުވާ ކުރުމަށާއި، ޖަނާޒާއަށް ދިޔުމަށާއި، ކިނބިހި އަޅާ މީހާއަށް ޖަވާބު ދިނުމާއި، ބަލިކަށި މީހާއަށް ނަޞްރު ދިނުމާއި، އަނިޔާ ލިބިފައިވާ މީހާއަށް އެހީވުމާއި، ސަލާމް ފެތުރުމާއި، ހުވާ ނުކުރުމެވެ.
ސަލާމް ގޮވުމުގެ އަދަބުތަކުގެ ތެރޭގައި ގޭގެއަށް ވަންނައިރު ސަލާމް ގޮވުމާއި، ކުޑަކުދިންނަށް ސަލާމް ގޮވުމާއ، ސަވާރީއަކަށް އަރާފައި އިންނަ މީހަކު ހިނގާފައި ދާ މީހަކަށް ސަލާމް ގޮވުމާއި، އަދި ހިނގާފައި ދާމީހުން ސަލާމް ގޮވުމާއި، މަދު މީހުން ގިނަ މީހުންނަށް ސަލާމް ގޮވުމާއި، ކުޑަ ކުދިން ބޮޑެތި މީހުންނަށް ސަލާމް ގޮވުމެވެ.
ޢާއިޝަތު ރަފާޙް ޢަލީ
Advertisement
28 އޭޕްރީލް 2025