އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު
އަނެއްކާވެސް ދައްކަން މިޖެހެނީ ﷲ ތަޢާލާގެ ޙަޟްރަތަށް އިތުބާރުކުރުމުގެ ވާހަކައެވެ. މިރޭ މިދައްކަނީ ތިމާ ދުނިޔެއަށް އުފަންކުރައްވަވާފައި މިވަނީ ތިމާ ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައިކަން ޔަޤީންކުރުމުގެ ވާހަކައެވެ.
ލޯގަނޑުން ބަލައިލާއިރު ތިމާ ފެންނަ ސިފައަށް ކަންބޮޑުވާ މީހަކަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ތިމާގެ ސިފައަށް ތިމާއަށް ނުރުހެވޭނަމަ ތިމާއަކީ ކާކުހެއްޔެވެ؟ އެމީހެއްގެ ހުންނާނީ ކޮން އަގެއްޔެވެ؟
ލޯގަނޑުން ބަލއިލުމުން އުނި ސިފަތަކެއްވެސް ފެންނާނެއެވެ. އެކަމަކު އެގޮތަށް އެފެންނަނީ އެސިފަތަކަކީ އުނިސިފަތަކެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. ވީމާ ފުރަތަމަކަމަކަށްވެސް އޮތީ ތިމާގެ ސިފަ ތިމާއަށް ރީތިވުމެވެ. ތިމާގެ ސިފައަކީ އެންމެ ރީތިސިފަކަމަށް ތިމާއަށްވެވޭނެ އޮންނާނީ އެންމެ ގޮތެކެވެ. އެއީ ތިމާ އުފައްދަވާފައިމިވަނީ ތިމާ ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައިކަމަށް ތިމާ އަމިއްލައަށް ޤަބޫލުކުރުމެވެ.
ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. "މޭކަޕްކުރުން ހުއްދަހެއްޔެވެ؟" މީހާގެ މޫނުމަތި ތާޒާވެލާވަރަށް މޭކަޕްކޮށްނުލާކަށް ނުބުނަމެވެ. ނަމަވެސް ކުލަތައް އުނގުޅަމުން އެހެންކަންކަން ކުރަމުންގޮސް މީހާގެ ސިފަ ބަދަލުވާވަރަށް ކަންކަން ކުރުމެއް ނެތެވެ. އެގޮތަށް ސިފަ ބަދަލުކޮށްގެން މީހުންގެ ތެރެއަށް ނުކުމެ އުޅުމެއްވެސް ނެތެވެ.
އެހެނެއް ނޫނެވެ. ތިމާގެ ފިރިމީހާއަށްޓަކައި ޒީނަތްތެރިވާށެވެ. ކިތަންމެ ވަރަކަށް ޒީނަތްތެރިވިޔަސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އަދި ދެމަފިރިންވެސް ވާންޖެހޭނީ އެކަކު އަނެކަކަށްޓަކައި ޒީނަތްތެރިވާ ބައަކަށެވެ.
ޚުލާޞާއަކީ ޒީނަތްތެރިވަމުންގޮސް އަނެކާއާއި އެއްގޮތްވާން މަސައްކަތް ނުކުރާށެވެ! އެހެން މީހެއްގެ ސިފައިގައި ހުންނަން އުޅުނަސް އެކަމެއް ނުވާނެއެވެ. އުނގުޅި ކުލަތައް ފިލާއިރަށް ކުރިންހުރި ސިފައަށް ބަދަލުވާނެއެވެ. ވީމާ ބަދަލުކުރަން މަސައްކަތްކުރަންވީ ބޭރުފުށުގެ ސިފައެއް ނޫނެވެ. މީހާގެ އެތެރޭގެ ސިފައެވެ. އެކަން ކުރެވޭނީ ހިތަށް ބަދަލުގެނެސްގެންގެންނެވެ. ހިތް ޠޯހިރުކޮށްގެންނެވެ. ވީމާ ހިތް ޠޯހިރުކުރާށެވެ. އެއިރުން މީހާގެ އަޚްލާޤަށް ބަދަލުއަންނާނެއެވެ. އަޚްލާޤް ރަނގަޅު ކުރެވިއްޖެނަމަ، ރިވެތި އަޚްލާޤްގެ ވެރިއަކަށް ވެވިއްޖެނަމަ އެއޮތީ ދެދުނިޔެވެސް ކާމިޔާބުކުރެވިފައެވެ.
އެންމެ ކަމެއް ހަނދާނުގައި ބަހައްޓާށެވެ! ސުވަރުގޭގެ އެންމެ މަތީދަރަޖަތައް ޙާޞިލްކުރެވޭ ގިނަ މީހުންނަށް އެ ދަރަޖަތައް ލިބިގެންދާނީ އެމީހާގެ ރިވެތި އަޚްލާޤްގެ ސަބަބުންކަމެވެ. އެއިރުން ބޭރުފުށުގެ ސިފައަށް ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
3 މެއި 2025