އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިސާތަކެއް ބަލައިދާން ނިދިނަގާލައި އެނދުން ފުންމާލުމުގެ ބަދަލުގަ ރޭއަޅުކަން ކުރަން ﷲ އަށްޓަކާ އެނދުން ފުންމާލާމުމަކީ ތަނަވަސްކަން އިތުރުވުމަށްވެސް އޮތް އެންމެ ފަހި މަގު!

ފައިސާތަކެއް ބަލައިދާން ނިދިނަގާލައި އެނދުން ފުންމާލުމުގެ ބަދަލުގަ ރޭއަޅުކަން ކުރަން ﷲ އަށްޓަކާ އެނދުން ފުންމާލާމުމަކީ ތަނަވަސްކަން އިތުރުވުމަށްވެސް އޮތް އެންމެ ފަހި މަގު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 19 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

މެންދަމުގެ ވަޤުތެއްގައިވެސް ފައިސާތަކެއް ލިބޭނެނަމަ ކޮންމެ ގޮތަކުންވެސް ހޭލައިގެން އެފައިސާ ބަލައި ނުދާނެ މީހަކީ ކާކު ހެއްޔެވެ؟ އެންމެންވެސް ދާނެއެވެ. ނަމަވެސް އެއީ ނުލިބިދާނެ ފުރުޞަތެކެވެ. އެކަމަކު ތިމާއަށް ހެޔޮ ރަޙްމަތް ލައްވަވައި ތަނަވަސްކަން އިތުރުވުން އެދޭމީހާއަށް އެފުރުޞަތު އެބައޮތެވެ. އެއީ ރޭގަނޑުގެ ފަހުބައާއި ބައްދަލުވުން ނިދީން ހޭލައި ރޭއަޅުކަން ކުރުމުގެ ފުރުޞަތެވެ.

އަޅުގަނޑުމެންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުކަންބޮޑު ބައަކު ކަމުގައިވުމަށް އެދޭނަމަ އެންމެ ލޮބުވެތިކަންބޮޑު ޢަމަލުކުރަން އެބަޖެހެއެވެ. އެކަން ކުރެވެން މިއަންނަނީ ރޭގަނޑުގެ ބައަކުން ނިދި ދޫކޮށްލައި އަރާމު ތަންމަތިން ތެދުވެ އެނދުން ފުންމާލައިގެންނެވެ.  

އެނދުން ފުންމާލަންވީ ކީއްކުރަން ހެއްޔެވެ؟ ރޭއަޅުކަންކުރުމަށެވެ. ރޭއަޅުކަމަކީ ކޮބައިހެއްޔެވެ؟ ރޭއަޅުކަން ކުރުމުގެތެރޭގައި ޢިޝާނަމާދާއި ޢިޝާ ނަމާދުގެ ރަވާތިބް ސުންނަތަށްފަހު ފަތިސް ވުމާއިދެމެދު ކުރާ އަޅުކަމެވެ. އެއިގެ ތެރޭގައި ވިތުރި، ތަރާވީޙް، ދަމުނަމާދު، ޤުރްއާން ކިޔެވުން،  ދުޢާކުރުން، ޛިކުރުކުރުން މިފަދަ ހުރިހާ އަޅުކަމެއް ހިމެނިގެންވެއެވެ.  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ ރޭއަޅުކަން ކުރެއްވެވުން ގިނަ ކުރައްވަވައި އުންމަތަށް ނަމޫނާ ދައްކަވައިދެއްވަވައިފައެވެ.  އަދި ދަމުނަމާދު ނުވަތަ ތަހައްޖުދު ނަމާދަކީ ފަރްޟު ފަސް ނަމާދަށް ފަހު (ސުބްބަތް ނަމށާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދެވެ.   

މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ ސަޖިދަ ސޫރަތުގެ 16 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴿١٦﴾‏ 

މާނައީ: "އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. (16)" 

މީގެ އިތުރުން ޛާރިޔާތު ސޫރަތުގެ 17 އަދި 18 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾‏ 

މާނައީ: "އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. (18)" 

ޢާއިޝަތުގެފާނު ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ ދެފައިންޕުޅު ދުޅަވެއްޖައުމަށްދާންދެން ރޭގަނޑުއަޅުކަންކުރެއްވިއެވެ. އެލޭގެފާނުގެ އިސްވެދިޔަހާ ފާފަތަކާއި ކުރިއަށްއޮތްހާ ފާފަތައް ފުއްސަވާދެއްވާފައިވާ ވާއިރު ތިޔަގޮތަށް ތިޔަހާ ބުރަކޮށް އަޅުކަންކުރައްވަނީ ކީއްވެގެންތޯ، ޢާއިޝަތުގެފާނު ސުވާލުކުރެއްވިއެވެ. ޖަވާބުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. ”ފަހެ ތިމަންކަލޭގެފާނު މާތްﷲ އަށް ޝުކްރުވެރިވާ އަޅެއްކަމުގައި ވެވަޑައިނުގަންނަވަންވީ ހެއްޔެވެ؟“ 

ރޭއަޅުކަން (ތަހައްޖުދު ނަމާދު) ކުރުމަށް އެންމެ ފުރަތަމަ ހިތުން ނިޔަތް ގަންނާނީ ރޭއަޅުކަމުގެ 2 ރަކުއަތް އަދާކުރުމަށެވެ. އެއަށްފަހު ދެރަކްޢަތުން ދެރަކްޢަތުން ސުންނަތްނަމާދެއް ކުރާގޮތަށެވެ. ދެން ދެރަކްޢަތުން ސަލާންދެމުން އެމީހަކަށް ކުޅަދާނަވެގެންވީ މިންވަރަކަށް ނަމާދުކުރާނީއެވެ. އެންމެ އައުލާ ވެގެންވާ ވަގުތަކީ މީހުން ނިދާފައި ތިބޭ ވަގުތެވެ. އެއީ ރޭގަނޑު ތިން ބައި ކޮށްފައި ތިން ވަނަ ބައިން ފެށިގެން ފަތިސް ވުމާއި ހަމައަށެވެ. ނުވަތަ އެހެން އިބާރާތަކުން ބުނާނަމަ ހާރުދަމެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. 

أفضلُ الصيامِ بعدَ رمضانَ شهرُ اللهِ المحرَّمُ, وأفضلُ الصلاةِ بعدَ الفريضةِ صلاةُ الليلِ. 

މާނައީ: "ރަމަޟާންމަހަށްފަހު އެންމެ ރަނގަޅު ރޯދައަކީ މާތްالله ގެ މުޙައްރަމް މަސްކަމަށާއި، (މުޙައްރަމް މަހުގެ ފުރަތަމަ 10) ފަރުޟު ނަމާދަށްފަހު އެންމެ ރަނގަޅު ނަމާދަކީ ރޭގަނޑު ނަމާދެވެ." 

Advertisement

ކޮމެންޓް ކުރެއްވުމަށް