އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ކިތަންމެ ކުޑަ ނަމަވެސް ކުރަން ކިތަންމެ ފަސޭހަ ޢަމަލެއް ނަމަވެސް ކުޑަކުޑަ ޢަމަލެއް ނޫނެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ކުއްތަންވެވެން އޮތް ބޮޑު ޢަމަލެކެވެ!: ބިލާލް އައްސަދު

މިއީ ކިތަންމެ ކުޑަ ނަމަވެސް ކުރަން ކިތަންމެ ފަސޭހަ ޢަމަލެއް ނަމަވެސް ކުޑަކުޑަ ޢަމަލެއް ނޫނެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ކުއްތަންވެވެން އޮތް ބޮޑު ޢަމަލެކެވެ!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

ކޮންފަދަ ރިވެތި ބަސްފުޅެއްތޯއެވެ. ﷲ ތަޢާލާ އަންގަވަނީ ގިނަގިނައިން އެކަލާންގެއަށް ގޮވާލުމަށެވެ! 

"ތިބާ އަހަންނަށް ބޭނުންވެއްޖެނަމަ އަހަރެން އެބަހުރީމެވެ. ތިބާ ކޮންމެ ވަޤުތަކުވެސް އަހަރެންނަށް ގޮވާލާށެވެ." މީހަކު މިފަދައިން ބުނެފާނެއެވެ. އާއެކެވެ، ފުރަތަމަކޮޅު އެކަން ވަރަށް ފަސޭހަވެދާނެއެވެ. އެހެނަސް ތިބާ އެމީހަކަށް އަބަދާއި އަބަދު ނުވަތަ ގިންގިނައިން ގޮވަންވެއްޖެނަމަ، ނުވަތަ އެމީހަކު ތިބާއަށް އެގޮތަށް ތަކުރާރުކޮށް ގޮވާކަމުގައިވަނީނަމަ، އަދި އެއީ ތިބާއާއި ލޭގެ ގުޅުން އޮތް ގާތް ތިމާގެ މީހެއްކަމުގައި ވީނަމަވެސް، އެކަމުން ކޮންމެވެސް ހިސާބަކުން އެމީހަކަށާއި ތިބާއަށް ވަރުބަލިކަން އިހްސާސް ކުރެވޭނެއެވެ.  

އެހެންނަމަވެސް، ތިބާގެ މުޅި އުމުރަށްވެސް ތިމަން ﷲ ހަނދުމަކުރާށޭ، ތިމަން ﷲ އަށް ގޮވާލާށޭ އަންގަވާފައިވާ، އަދި އަޑުއައްސަވައިވޮޑިގަންނަވާނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ އެވެ. އަދި އެކަލާންގެ އެކަމުގައި ވަރުބަލިފުޅުވެ ވޮޑިގެނެއްވެސް ނުމެވާނެތެވެ. އަދި ތިބާ ކިތަންމެ ގިނައިން ގޮވިނަމަވެސް ކޯފާވެ ވޮޑިނުގަންނަވާނެތެވެ. އަދި އެކަމަށް ލޯބިފުޅުވެވޮޑިގެންވެއެވެ. 

އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތ ޤުރުއާނުގައި ވަޙީ ކުރައްވަނީ " ޖަދަލުކުރާ، ކިބުރުވެރި މީހުން އެކަންޏޭ ތިމަން ﷲ އަށް ގޮވާލުމަށް ދެކޮޅު ހަދަނީ."

އަދި، ﷲ ތިބާ އެކަލާންގެއަށް ގޮވާލުމަށް އެންގެވުމުން އޭގެ މާނައަކީ ތިބާ އަޅުވެތި ކުރުވުމެއް ނޫނެވެ. ނުވަތަ ތިބާގެ މައްޗަށް ހުކުމް ކުރައްވަވައި ތިބާ އަކީ ވަރަށް ދަށު ދަރަޖައިގެ މީހެއް ކަމުގައި އިހްސާސް ކޮށްދެއްވެވުމެއްވެސް ނޫނެވެ. ޝައްކެއްވެސް ނެތެވެ، ﷲ އީ އެންމެ މަތިވެރި ރަސްކަލާންގެއެވެ. އަދި އަޅުގަނޑުމެންނަކީ އެކަލާންގެ އަޅުތަކުންނެވެ. އެކަލާންގެއަށް އަޅުތަކުންގެ ގޮވާލުމެއް ބޭނުންވެވޮޑިގެންނެއްވެސް ނުވެއެވެ. އެކަލާންގެއަށް އަހުރެމެންގެ  ގުޅުމެއްވެސް ބޭނުންފުޅުވެ ވޮޑިގެންނެއްވެސް ނުވެއެވެ.  

ނަމަވެސް ﷲ އަޅުމެންގެ މައިންބަފައިން މިސާލެއްގެ ގޮތުން ދެއްކެވިއެވެ. އެމީޙުންގެ ދަރިންދެކެ އެވާ ބަޔާން ނުކުރެވޭފަދަ މަތިވެރި ލޯތްބެވެ. ރަނގަޅު މައިންބަފައިން ބަދަލުގައި އެއްވެސް އެއްޗެއް ބޭނުމެއް ނުވެއެވެ. މިކަމުން އެކަލާންގެ ބަޔާން ކޮށްދެއްވަވަނީ އެކަލާންގެއަށް ތިބާ ގޮވާލައްވަންވީ ސަބަބެވެ. ﷲ ބޭނުންފުޅުވެވޮޑިގަންނަވަނީ ތިބާ އެކަލާންގެއާއި ގާތް ވުމެވެ. އަދި ތިބާއަށް އެކަލާންގެ ޙަޟްރަތުން ހެޔޮފޯރުކޮށްދެއްވެވުމެވެ.  

ކީއްވެގެންތޯ؟ ސަބަބަކީ، އެކަލާންގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާންގެއެވެ. އެކަލާންގެ ރަޙްމަތް ދުވަހަކުވެސް ހުސްވެގެން ނުދެއެވެ. އަޅަމެން ކުރާ ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައިވެސް ތަކުރާރު ކުރުމަށް އެކަލާންގެ އަންގަވާ ދެ ނަންފުޅަކީ (بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ.  اَلْحَمْدُ لِلّٰهِ رَبِّ الْعٰلَمِیْنَۙ.  الرَّحْمٰنِ الرَّحِیْمِۙ ( 

ވީމާ އަހުރެމެންނަށް އެންމެ ފައިދާހުރި އެއް ޢަމަލަކީ އަބަދުވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ދެންނެވުންމަތީގައި ދެމިތިބުމެވެ. އެންމެ ކުޑަމިނުން ގިނަގިނައިން "ޔާﷲ!" ނަމަވެސް ކިޔާށެވެ! ﷲ ތަޢާލާ އެއަޑު އައްސަވައިވޮޑިގަންނަވާކަން ހަނދުމަކޮށްގެންހުރެއެވެ. ﷲ ތަޢާލާ ޢިޖާބް ދެއްވަވާނެތެވެ! އެކަމުގެ ފައިދާ އެމީހަކަށް ކުރާނެތެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު