އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު
ގިނަވާނީ އަދަބު ލިބިދާނެ ކަމުގެ ބިރަށް ކުށްނުކުރަން ތިބޭ މީހުންނެވެ. އެކަމަކުވެސް ރިސްކް ނަގައިގެންވެސް ކުށްކުރާ މީހުންވެސް މަދެއް ނޫނެވެ. އެމީހުންނަށްވެސް އަދަބު ލިބުމުން ދެރަވެއެވެ. ހިތާމަކުރެއެވެ. އަހުރެންގެ ސުވާލަކީ ތިމާއަކީ އެންމެ ބޮޑު ކުށްވެރިއަކު ކަމުގައިވެ ޤިޔާމަތް ދުވަހު ދެއްވަވައިފާނެ ޢަޛާބަށް އެބަ ބިރުވެތިވެވޭހެއްޔެވެ؟
ކުށްވެރިން"ނަކީ އިންސާނުން އަމިއްލައަށް އުފައްދާ ޤާނޫނުތަކުގެ ސަބަބުން ކުށްވެރިވާ މީހުން އެކަންޏެއް ނޫނެވެ. އެފަދަ މީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކުށްވެރިންކަމުގައިނުވެވެސް ހިނގައިދާނެއެވެ! ވީމާ ޙަޤީޤީ ކުށްވެރިންނަކީ ކޮންބައެއްކަން އެނގެން އެބަޖެހެއެވެ.
ޙަޤީޤީ ކުށްވެރިންނަކީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަންކުރާ މީހުންނެވެ! ފާފަތަކަށް އަރައިގަންނަ މީހުންނެވެ. އެއިގެތެރެއިން އެމީހަކަށް ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ނުދެއްވެވި އެންމެންނަށްވެސް ޖެހޭނީ ނަރަކައަށްވަންނާށެވެ! އެމީހާ އިންކާރުކުރަމުންދަނިކޮށް ފާފަކުރި ގުނަވަންތައް ހެކިދޭނެތީ ކޮށްފައިވާ ފާފަތަކުން ރެކި ސަލާމަތްވާން އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސްކަމެއް ނުއޮންނާނެއެވެ.
ނަރަކައަށް ވަންނަންޖެހޭ މީހުންނަށް މަރުޙަބާކިޔުމުގެ ގޮތުންވެސް އެމީހެއްގެ ބޮލަށް އޮއްސައިލެވޭނީ އިންތިހާއަށް ހޫނުގަދަ ކެކިކެކި ހުންނަ ހޫނުފެނެވެ! ނަރަކައިގެ ހޫނުމިން އެނގޭ ނޫންހެއްޔެވެ؟ އެއީ ދުނިޔޭގައި މިގެންގުޅޭ އަލިފާނަށްވުރެ 69 ގުނަ އިތުރަށް ހޫނު އަލިފާނެކެވެ!
ނަރަކައިގެ އަހުލުވެރިންނަކީ އެމީހަކަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ މުއްދަތަކަށް ނަރަކައިގައި ދެމިތިބޭނެ ބައެކެވެ. ނުވަތަ ދުވަހަކުވެސް މަރުވާނެ ބައެއް ނޫނެވެ! ދުވަހަކުވެސް މަރުވުމެއް ނެތި އެތަނުގައި ދެމިތިބޭނެ ބައެކެވެ.
ކުށްވެރިން ޤިޔާމަތް ދުވަހު ތިބޭނީ ބިރުން ވިރިވިރިއެވެ. ގަނެފައިވާ ބިރުގެ ބޮޑުކަމުން އެންމެ ކުޑަމިނުން ލޮލުގެ އެސްފިޔަވެސް ޖަހައިނުލެވޭނެއެވެ. ތިބޭނީ ދެލޯ އިންތިހާއަށް ބޮޑުކޮށްގެންނެވެ. ދެން ވާނީ ކިހިނެއްތޯ ހިތަށް އަރައަރައެވެ. ނަރަކައަށް ބަންޑުން ވެއްޓިގަންނަން ޖެހޭނީ ކޮން ވަގުތަކު ކަމާއިމެދު ކަންބޮޑުވެ އަނގަ ހުޅުވިފައެވެ. އިންތިހާއަށް ހައިހޫނުކަމުގައެވެ.
މިޙާލަތަށް މިދަނީ ހަމަ ކޮންމެ މީހަކުވެސް އަމިއްލައަށް ކުރި ކަންކަމުގެ ސަބަބުންނެވެ. އިންޞާފަކީ އަމިއްލައަށް ވިސްނޭ ގޮތް ކަމަށް ބަލައި ކުރި އަމަލުތަކުގެ ސަބަބުންނެވެ. އަމިއްލައަށް އިންޞާފު ކަނޑައެޅުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެއީ ހަމަ އެކަނި ﷲ ތަޢާލާއަށް ލިބިވޮޑިގެންވާ ބާރެކެވެ. އަހަރެމެންނަށް އޮތީ ބަލައިގަނެ ކިޔަމަންވެ އަމަލުކުރުމެވެ.|
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
19 މެއި 2025