އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 49 ސިކުންތު
ބައެއް މީހުން ފަޚުރެއް ކަމުގައި ދެކިގެން އެމީހަކަށް ކުރެވޭ އަޅުކަމުގެ ވާހަކަތައް ދައްކައެވެ. ޚާއްޞަކޮށް ރަމަޟާން މަހު ވަރަށް ގިނަ އަޅުކަންކުރިެވުނު ކަމަށްބުނެ ފަޚުރިވެރިވެއެވެ. މިއީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ރަމަޟާންމަހު ކުރެވުނު އަޅުކަމުގެ މައްޗަށް ބޮޑާވެ ދެއްކުންތެރިކަމުގެ ގޮތުން އެވާހަކަތައް މީހުންނަށް އަޑުއިއްވާ ހެދުމުން ދުރުހެލިވާންވާނެއެވެ.
މިކަމަކީ ބައެއް މީހުންނަށް ކުރިމަތިވާ ބޮޑު އިމްތިޙާނެކެވެ. އަޅުކަންތައް ކުރުމަށް ފަހު އެކަމުގެ މައްޗަށް ބޮޑާވެ ނަފްސާއިމެދު ފަޚުރުވެރިވުމަކީ ޝައިތާނާގެ މަޅިއެކެވެ. ޝައިތާނާގެ މަޤްޞަދަކީ އޭނާގެ މައްޗަށް ގަދަވެގަނެ އަޅާ އަދާކުރި އަޅުކަންތައް، ފަހުންވެސް ބާތިލު އަޅުކަމަކަށް ހެދޭތޯ މަސައްކަތްކުރުމެވެ. އަޅާ އޭނާއަށް ކުރެވުނު އަޅުކަންތަކުގެ މައްޗަށް ފަޚުރުވެރިވެ ދެއްކުންތެރިކަމުގެ ގޮތުންނާއި، މީހުންގެ ޘަނާ ލިބުމުގެ މަޤްޞަދުގައި އެފަދަ ވާހަކަތައް ދެއްކުމަކީ އަޅުކަން ބާތިލްވެދާނެ ކަމެކެވެ. އެހެންކަމުން ޝައިތާނާގެ މިމަޅިއާއި މެދު ހޭވެރިވާންޖެހޭނެއެވެ. އަޅާގެ ޙާލު ހުންނަންޖެހޭނީ އުންމީދާއި ބިރުވެރިކަމެއްގެ ތެރޭގައެވެ. އަޅުކަމުން ޘަވާބު ލިބޭނެކަމުގެ އުންމީދާއި، އަޅުކަން ޤަބޫލުނުވެ ރައްދުކުރެވިދާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އަޅުކަންތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުކުރެއްވުނު ކަމުގެ ޢަލާމާތްތަކެއްވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ޢަލާމާތަކީ އަޅުކަމުގެ މޫސުމަށްފަހުގައިވެސް އަޅުކަންތައް އަދާކުރުންމަތީ ދެމިހުރުމުގެ ތައުފީޤު އެމީހަކަށް ލިބުމެވެ.
އެހެންކަމުން ރަމަޟާންމަހު ނަމާދުގެ ވަގުތުތަކަށާއި، ނަމާދުގެ ޖަމާޢަތަށާއި، ސުންނަތް ނަމާދުތަކަށް ރައްކާތެރިވީ ފަދައިން، ރަމަޟާންމަހަށް ފަހުގައިވެސް އެކަންކަމަށް ރައްކާތެރިވެވޭނަމަ އެއީ އެމީހެއްގެ ރަމަޟާންމަހުގެ އަޅުކަން ﷲ ތަޢާލާ ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތެކެވެ. ރަމަޟާންމަހު ޤުރުއާން ކިޔެވުމަށާއި، ޒިކުރުކުރުމަށާއި، ދުޢާކުރުމަށާއި، ޞަދަޤާތްދިނުމަށް ސަމާލުކަންދިން ފަދައިން ރަމަޟާންމަހަށް ފަހުގައިވެސް އެކަންކަމަށް ރައްކާތެރިވެވޭނަމަ އެއީ އެމީހެއްގެ ރަމަޟާންމަހުގެ އަޅުކަން ﷲ ތަޢާލާ ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތެކެވެ
ޛިކުރު
ރަމަޟާންމަހަށް ފަހު އަޅުކަމުގައި ޘާބިތުވުން
ދާދި އިހަކަށް ދުވަހު އަޅުގަނޑުމެން އިސްތިޤްބާލުކުރި ރަމަޟާންމަސް މިވަނީ އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔާފައެވެ. ރޯދައިގެ މައްސަރު، ޤުރުއާނުގެ މައްސަރު، ރޭއަޅުކަމުގެ މައްސަރު، ސަދަޤާތާއި ޚައިރާތުގެ މައްސަރު، ފާފަފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރު މިވަނީ އަޅުގަނޑުމެންނާއި ވަކިވެގެން ގޮސްފައެވެ. މިދަނޑިވަޅުގައި އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ނުކުތާތާތަކެއް ވެއެވެ.
ރަމަޟާންމަހު އަޅުގަނޑުމެން އަދާކުރި އަޅުކަންތައް ޤަބޫލުކުރެއްވުން އެދި ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވަންޖެހޭނެއެވެ.
ކުރީ ޒަމާންތަކުގައި އުޅުއްވި ޞާލިޙު ބޭކަލުން ރަމަޟާންމަހަށްފަހު ހަމަސްވަންދެން އެބޭކަލުން ރަމަޟާންމަހުގައި އަދާކުރި އަޅުކަންތައް ޤަބޫލުކުރެއްވުމަށް އެދި ދުޢާ ދަންނަވާކަމުގައިވެއެވެ. އަޅުގަނޑުމެން ކިތަންމެ ވަރަކަށް އަޅުކަންތައް އަދާކުރި ކަމުގައި ވިޔަސް އެއަޅުކަމަކުން އާޚިރުގައި މަންފާއެއް ކުރާނީ އެއަޅުކަމެއް ﷲ ތަޢާލާގެ ޙަޟްރަތުގައި މަޤްބޫލުވެވިގެންނެވެ. އަޅުކަމުގައި އިޚްލާސްތެރިކަން ނެތުމާއި، ދެއްކުންތެރިކަމާއި، މީހުންގެ ޘަނާ ލިބިގަތުމުގެ ބޭނުމުގައި އަޅުކަން އަދާކުރުމަކީ އަޅުކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުނުކުރެއްވެވޭ ސަބަބުތަކެވެ
ރަމަޟާންމަސް ފަދަ ބަރަކާތްތެރި އަޅުކަމުގެ މޫސުމެއް މިންވަރު ކޮށްދެއްވި ކަމަށްޓަކައި ގިނަގިނައިން ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރަންޖެހޭނެއެވެ
އޭރުން ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ފަދައިން އެފަދަ އިތުރު ފުރުސަތުތައް ދެއްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿لَئِن شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ سورة إبراهيم: 7
މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ".
އެހެންކަމުން މިފުރުސަތުގައި ގިނަގިނައިން ﷲ ތަޢާލާ އަށް ޙަމްދުކޮށް ޝުކުރު އަދާކުރަންޖެހޭނެއެވެ. ޙަމްދާއި ޝުކުރުކުރުންވަނީ ހަމައެކަނި ދުލަކުން ނޫނެވެ. ގުނަވަންތަކުން ޝުކުރު އަދާކުރަންޖެހޭނެއެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ގުނަވަންތައް ކިޔަމަންކުރުވުމުންނެވެ. މިފަދައިން ދުލާއި ގުނަވަންތަކުން ޝުކުރު އަދާނުކޮށް ނިޢުމަތްތަކަށް ކުފުރުވެވޭ ކަމުގައި ވަނީނަމަ ﷲ ތަޢާލާ އެނިޢުމަތްތައް ގެންދަވާފާނެއެވެ. އަދި އެމީހަކު ﷲ ތަޢާލާގެ ޢަޛާބަށް ހުށައެޅިގެން ހިނގައިދާނެއެވެ.
- ޝައިޚް އަޙްމްދު ރިމާޒް-
- މަސްދަރު: ދިސަލަފިއްޔާ
Advertisement
19 މެއި 2025