އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚުޠުބާ: ޢަރަފާތު ދުވަހު ރޯދަހިފާށެވެ! އެއީ ޙައްޖަށް ނުދެވުނު މީހުންނަށްވެސް ރަހްމަޔް ލައްވަވައި ފާފަތައް ފުއްސަވައި ދެއްވަވާ ދުވަހެކެވެ!

ޚުޠުބާ: ޢަރަފާތު ދުވަހު ރޯދަހިފާށެވެ! އެއީ ޙައްޖަށް ނުދެވުނު މީހުންނަށްވެސް ރަހްމަޔް ލައްވަވައި ފާފަތައް ފުއްސަވައި ދެއްވަވާ ދުވަހެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 17 ސިކުންތު

މުސްލިމް އަޚުންނޭވެ! އަހަރެމެން ވޭތިކުރަމުން މި ދަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެކެވެ. ތަޤްވާވެރިވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެކެވެ. ހެޔޮ ޢަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމުގެ ދުވަސްތަކެކެވެ. رسول الله ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ أَيَّامِ نِالْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلَى اللهِ مِنْ هَـٰذِهِ الْأَيَّامِ الْعَشْرِ)[1] މާނައީ: "ހެޔޮ ޢަމަލުކުރުމަށް، މި ދިހަ ދުވަހަށް ވުރެ اللهގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ." شَيْخُ الْإِسْلَامِ اِبْنُ تَيْمِيَّةَ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަށްވުރެ ވެސް ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކަމުގެ ގޮތުން އިތުރުވެގެންވެއެވެ. ނަމަވެސް ރޭތަކަށް ބަލާއިރު، ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތައް ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ރޭތަކަށް ވުރެ މާތްވެގެންވެއެވެ."[2] 

މުސްލިމް އަޚުންނޭވެ! މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހެވެ. އެ ދުވަހު ޢަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް الله ފުއްސަވައިދެއްވައެވެ. އެއީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަހެވެ. ނަރަކައިން ދިންނަވައި، މުއްތިކުރެއްވުމުގެ ދުވަހެވެ. رسول الله ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيْهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ)[3] މާނައީ: "ޢަރަފާތު ދުވަހަށް ވުރެ، ގިނައިން މާތް الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ." ޢަރަފާތު ދުވަހަކީ ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ. އެދުވަހަކީ މާތް الله އެކަލާނގެ އަޅުތަކުންގެ ކިބައިން ޢަހުދު ކަށަވަރު ހިއްޕެވި ދުވަހެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ----- މާނައީ: "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެކަލާނގެ وحيކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު غافلވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، قيامة ދުވަހުން ތިޔަބައިމީހުން ބުނާނެކަމަށް ޓަކައެވެ. ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށް ޓަކައެވެ. شريكކޮށް އުޅުނުކަން ކަށަވަރީ، މީގެކުރީން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، باطلގޮތަށް އުޅުނުމީހުން ކުޅަކަންތަކަށް ޓަކައި، ތިމަންމެން ހަލާކުކުރައްވަނީތޯއެވެ؟"  

މުސްލިމް އަޚުންނޭވެ! މާތް اللهގެ އޯގާވަންތަކަމާއި، ތަނަވަސް ރަޙްމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ނުލިބޭ މީހުން ވެސް މި ދުވަހުގެ ސަވާބުން މަޙުރޫމެއް ނުކުރައްވައެވެ. ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެން ވެއެވެ. ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި رسول الله ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ޙަދީޘުން ސާބިތުވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (صَوْمُ يَوْمِ عَرَفَةَ يُكَفِّرُ سَنَتَيْنِ: مَاضِيَةً وَمُسْتَقْبَلَةً، وَصَوْمُ عَاشُوْرَاءَ يُكَّفِرُ سَنَةً مَاضِيَةً)[4] މާނައީ: "ޢަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވާނޭކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމީ، އިސްވެ ގޮސްފައިވާ އަހަރުގެ ކުދި ފާފަތައް ފުއްސަވާނޭކަމެކެވެ." اَلْإِمَامُ اِبْنُ الْقَيِّمِ رَحِمَهُ اللهُ  ވިދާޅުވެފައިވެއެވެ. "ޢަރަފާތު ދުވަހުގައި، އެ ބިމަށް އެއްވެތިބޭ އެންމެހައި މީސްތަކުންނާ މާތް الله ކުއްތަންވެ ވޮޑިގެން، އެކަލާނގެ އަޅުތަކުންނާ މެދު ފަޚުރުވެރިވެވޮޑިގެން މަލާއިކަތުންނަށް ވަޙީކުރައްވާނެތެވެ. (‏مَا أَرَادَ هَـٰؤُلَاءِ، أُشْهِدُكُمْ أَنِّيْ قَدْ غَفَرْتُ لَـهُمْ‏)[5] މާނައީ: "ތިމަންރަސްކަލާނގެ މި އަޅުތަކުން ބޭނުންވަނީ ކޮން ކަމެއްހެއްޔެވެ؟ ހަމަކަށަވަރުން ތިޔަ ބޭކަލުން ހެކިކުރައްވައި ތިމަންރަސްކަލާނގެ އެ ބައިމީހުންގެ ފާފަ ފުއްސަވައިފީމެވެ." ޢަރަފާތު ދުވަހު ފާފަފުއްސެވުން އެދި ދުޢާކުރާށެވެ! ޢަރަފާތު ދުވަހަކީ ދުޢާ އިޖާބަކުރެއްވުމުގެ ދުވަހެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاءކޮށް) އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ. " ޢަރަފާތު ދުވަހު ޛިކުރުކޮށް ދުޢާކުރުން ގިނަކުރުމަކީ އެދެވިގެންވާ ކަމެވެ. ކީރިތި ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަން ކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ (لَا إِلَـٰـهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ)  މި ދުޢާއެވެ.[6] 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު