އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު
ހުނަރާއި ކާމިޔާބީގެ ހިތްގައިމު ވާހަކައެއް ކިޔާދޭ، އޯޓިޒަމް ހުންނަ ފަރާތެއް ކަމުގައިވާ އަލް ހާފިޒް އަޙްމަދު ނަބީހު އަބްދުލްޤާދިރު، ވަނީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވި އެންމެންގެ ސަމާލުކަމާއި ތަޢުރީފު ހޯދާފައެވެ. ޤުރުއާން ހިތުދަސްކޮށް ކިޔެވުމުގެ ޤާބިލުކަމަށް މަޝްހޫރުވެފައިވާ ނަބީހު، އެކްސްޕޯގައި އޭނާ ބައިވެރިވި އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއާއި، ހުނަރުވެރިކަމުގެ ދާއިރާއިންވެސް ވަނީ ފަޚުރުވެރި އެއްވަނަ ހޯދާފައެވެ.
ނަބީހުގެ މަންމަ ފާހަގަކުރެއްވީ، އެންމެ ކުޑައިރުއްސުރެން އެކުއްޖެއްގެ ހުނަރު ދެނެގަނެ، އެ ހުނަރަކުން ކުރިއަށް ގެންދަން މަސައްކަތްކޮށްފިނަމަ، ކޮންމެ ކުއްޖަކީވެސް ކާމިޔާބު ކުއްޖަކަށް ވެގެންދާނެކަމަށެވެ.
"މަންމައެއްގެ ހައިސިއްޔަތުން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބެލެނިވެރިއަކަށް ލިބުމުން އުފަލާއިއެކު އެކުއްޖަކު ބަލައިގަންނާށޭ، މިކުދިންނަކީ ވަރަށް ހުނަރުވެރި ކުދިން." ނަބީހުގެ މަންމަ ފާހަގަކުރެއްވިއެވެ.
އެކްސްޕޯގައި ނަބީހުއާއި ބައްދަލުކުރި ގިނަ ބަޔަކު، އޭނާގެ ޤާބިލިއްޔަތާއި، ހުނަރަށް ތަޢުރީފުކުރުމުގެ އިތުރުން، ނަބީހުގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، އަމިއްލަ ކުރިމަގެއް ބިނާކުރާނެ ގޮތާ ބެހޭގޮތުން އަގުހުރި ޚިޔާލުތަކެއް ދެއްވާފައިވާކަމަށް ވެސް ނަބީހުގެ މަންމަ ވަނީ ފާހަގަކުރައްވާފައެވެ. އަދި ނަބީޙުގެ މި ކާމިޔާބީއަކީ އެހެން މައިންބަފައިންނަށް ވެސް އެމީހުންގެ ދަރިންގެ ހުނަރުތައް ކުރިއެރުވުމަށް އެހީތެރިވެ ހިތްވަރު ލިބިގެންދާނެ ކަމެއް ކަމުގައި ނަބީހުގެ މަންމަ ވަނީ ވިދާޅުވެފައެވެ.
ނަބީހުގެ ހަޔާތުގައި ނަބީހު ހޯދާފައިވާ ކާމިޔާބީތަކުން ފާހަގަކޮށްދެނީ، ލޯތްބާއި، އަޅައިލުން ލިބިގެން، ހީވާގިކަމާއި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ، ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދިދާނެކަމެވެ.
ހަބަރު: ސަރުކާރު
Advertisement
2 ޖޫން 2025