އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު
އާމްދަނީ ލިބުން މަދުވެ ދަތިޙާލުގައި އުޅެން ޖެހިފައިވާ ނަމަ ލިބޭ ފައިސާކޮޅުގެ ބޭނުން ހިފަންވާނީ އެކަމުން އެންމެ ބޮޑު މަންފާއެއް ލިބޭނެ ގޮތަށެވެ. އެގޮތުން ބަލާއިރު ކިތަންމެ މަދު ފައިސާކޮޅެއް ލިބުނަސް އޭގައި ﷲ ތަޢާލާގެ ރަޙްމަތްފުޅުން ބަރަކާތް ލައްވަވައިފިނަމަ ދިރިއުޅުމުގެ ބޭނުންތައް ފުދި އިތުރުވާނެކަމަށް އަބަދުވެސް މިބުނަނީ ސަބަބުތައް ހުރުމުންނެވެ.
މިރޭ މި ފާހަގަކޮށްލަނީ ވަރަށް މުހިންމު ކަމެކެވެ. އެއީ ލިބުނު މަދުފައިސާކޮޅު ޚަރަދުކުރާނެ ގޮތް ރާވައިލުމެވެ. މިސާލަކަށް މިމަހު ލިބުނީ އެންމެ 100 ޑޮލަރުކަމަށްވެއްޖެނަމަ ފުރަތަމަ ކަމަކަށް ދެމަފިރިން އެކުގައި ހަމަޖެހިލައިގެން ތިބެ، އެ ފައިސާ ޚަރަދުކުރާނެ ކަންކަން ރާވައިލާށެވެ. އިސްކަންދޭންޖެހޭ ތަރުތީބުންނެވެ.
ލިބޭ ކުޑަ އާމްދަނީކޮޅު ޚަރަދުކުރާނެ ގޮތް ރާވައިގެން ޚަރަދުކުރުމަކީ ވެސް އަޅުކަމެކެވެ. ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އަދި އެމަދުފައިސާކޮޅުގައި ބަރަކާތް ލައްވަވާވެސް ކަމެކެވެ. "ދެމަފިރިން އެކުގައި އިށީނދެލައިގެން ތިބެ އެ ފައިސާކޮޅުން އެންމެ ގިނަ ބޭނުން ފުއްދޭނީ ކިހިނެއްތޯ؟ އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭނީ ކޮންކަންކަމަކަށްތޯ؟" ހިތަށް އަރުވައި ވިސްނައިލުމަކީވެސް އަޅުކަމެކެވެ.
ނަމަވެސް މިއަދު މިވާގޮތަކީ ގޭގައި ކާނެ ޕާނެއް ނެތްއިރުވެސް ގަރާޖުގައި އަގުބޮޑުކާރެއް އެބައޮތްކަން ދައްކަން ބޭނުންވެއެވެ. ކަރަންޓާ ފެންބިލު ނުދެއްކޭއިރުވެސް އެންމެ ފަހުން ބާޒާރަށް ނެރުނު ފޯނު ބޭނުންވެއެވެ. ދަރިންގެ ބުއްދަޅު ހުސްވެފައިހުރިނަމަވެސް ބަރާބަރަށް ފޯން ރީޗާޖްކުރަންޖެހެއެވެ.
މީސްތަކުންނޭވެ! އެއްވެސް ދުވަސްވަރެއްގައި އެންމެ ސެންޓެއް (ފައިސާފޮތްޗެއް) އިސްރާފުކުރުމަކީވެސް ހަމަ ޙަރާމްކަމެކެވެ. މިއަދު ފައިސާ ލިބުން މަދުވެ އިންތިހާއަށް ބޭނުންބޮޑުވެފައި އޮތްއިރުވެސް ލިބޭ ފައިސާކޮޅު އިސްރާފްކުރާނަމަ އެކަމަށް ދެއްވަވާނެ ޢަޛާބުވެސް ބޮޑުވެގެންދާނެކަމަށް ވިސްނާށެވެ! ފައިސާ ދެއްވަވަނީ ﷲ ތަޢާލާއެވެ. ދެއްވެވި މަޤްޞަދާއި ޚިލާފަށް ބޭނުންކުރާނަމަ އެކަމާއި ކުރިމަތިލާން ނުޖެހިއެއް ނުދާނެއެވެ.
ވީމާ ކިތަންމެ މަދު ފައިސާކޮޅެއް އަތަށްއެރިނަމަވެސް ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ނޫނީ ޚަރަދުތައް ނުކުރާށެވެ. އެއިރުން މަޝްވަރާކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އަދި ދެއްވެވި މަދު ފައިސާކޮޅުގައި ބަރަކާތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން
https://www.facebook.com/100050678550504/videos/2723488301198524/ ސޕެނދިނގ
Advertisement
5 ޖޫން 2025