އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 59 ސިކުންތު
ޢަލީ އިޙްޞާޞް ފިރާޤް
އިސްލާމްދީން އައުމުގެ ކުޑަ ދުވަސްކޮޅެއް ކުރީން މައްކާގައި ވަރަށް އޯގާތެރި އަންހެން ބޭފުޅަކު އުޅުއްވިއެވެ. އެކަމަނާއަކީ ފަޤީރުންނަށް އަޅާލެއްވި ބޭކަނބަލެކެވެ. ބަނޑުހައި ހޫނުކަމުގައި ތިބޭ ނިކަމެތިންނަށް ކާންދެއްވި ބޭކަނބަލެކެވެ. މުހުތާދުވެރިންގެ ބޭނުންތައް ފުއްދައިދެއްވި ބޭކަނބަލެކެވެ. މިސްކީނުންނަށް އޯގާވެރި މަންމައެކެވެ. އެއީ އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޚުޒައިމާ ރަޟިޔަالله ޢަންހާ އެވެ.
އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޚުޒައިމާ ރަޟިޔަالله ޢަންހާ އުފަންވެވަޑައިގަތީ މާތް ރަސޫލާ صلّى اللّـه عليه وسلّم ނަބީކަމާގެން ފޮނުއްވުމުގެ 13 އަހަރު ކުރިން މައްކާގައެވެ. އެކަމަނާއަކީ ޢަރަބިންގެ މާތް ދަރިކޮޅެއްކަމުގައިވާ ހިލާލުވަންހައިގެ ބޭކަނބަލެކެވެ. އެކަމަނާގެ އެންމެ ޒުވާން ދުވަސްވަރުންފެށިގެން މަޝްހޫރުވެވަޑައިގެންފައިވަނީ [أم المساكين] މިސްކީނުންގެ މަންމަގެ ނަމުންނެވެ. އެއީ އެކަމަނާ މިސްކީނުންނަށް އަޅާލައްވައި އޯގާތެރިވެވަޑައިގެން އުޅުއްވާކަމުގެ ސަބަބުންނެވެ.
އިސްލާމްދީން އައުމުން އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ބޭކައުކަނބަލުންގެ ތެރޭގައި ޒައިނަބުގެފާނު ހިމެނިވަޑައިގަންނަވައެވެ. އެކަމަނާއާ އެންމެ ފުރަތަމަ ކާވެނި ބައްލަވައިގެންނެވީ ތުފައިލް ބިން ހާރިޘްއެވެ. ތުފައިލް ދުވަސްކޮޅަކު އެކަމަނާއާ އެއްކޮށް އުޅުއްވުމަށްފަހު ވަރިކުރެއްވިއެވެ. އެކަމަނާއާ ދެވަނަ އަށް ކާވެނި ބައްލަވައިގަތީ ތުފައިލްގެ އަޚް ޢުބައިދަތު ބްނުލް ހާރިޘް ރަޟިޔަالله ޢަންހުއެވެ. އެދެކަނބަލުން މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވިއެވެ. ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ނުހަނު ތަނަވަސް ހިތްޕުޅަކުން ހޭދަކުރައްވަމުން ގެންދެވިއެވެ.
ހިޖްރައިން ދެވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައިގައި ޢުބައިދަތު ބްނުލް ހާރިޘް ރަޟިޔަالله ޢަންހު ޝަހީދުވިއެވެ. ޒައިނަބުގެފާނަށް ލިބިވަޑައިގަތީ ވަރަށް ފުން ހިތާމަފުޅެކެވެ. އޭގެ ފަހުން އެކަމަނާއާ ކާވެނި ބައްލަވައިގަތީ ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުދައިތާފުޅު އުމައިމާގެ ދަރިކަލުން ޢަބްދުالله ބިން ޖަހުޝް ރަޟިޔަالله ޢަންހުއެވެ. ދުވަސްކޮޅަކުން އެކަމަނާ އާލާސްވެއިންނަވައިފިއެވެ. ނަމަވެސް މި އުފާވެރިކަން މާގިނަ ދުވަސްތަކަކަށް ދެމިއެއް ނުދިޔައެވެ. ހިޖްރައިން 3 ވަނަ އަހަރު ހިނގި އުޙުދު ހަނގުރާމައިގައި ޢަބްދުالله ބިން ޖަހުޝް ޝަހީދުވިއެވެ. ޒައިނަބުގެފާނަށް ލިބިވަޑައިގަތީ ބަރުދާސްތު ކުރައްވަން ދަތިފުޅު ހިތާމަފުޅެކެވެ. ލިބިވަޑައިގެންނެވި ހިތާމަފުޅުގެ ބޮޑުކަމުން ހައްޔަރުން ނެއްޓިވަޑައިގެންނެވިއެވެ.
ޒައިނަބުގެފާނަށް ލިބިވަޑައިގެންނެވި ހިތާމަފުޅުތަކަށް ލުޔެއް ދެއްވުމުގެ ގޮތުން އެކަމަނާގެ ކާވެނިފުޅަށް ދެން އެއްސެވީ އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ صلّى اللّـه عليه وسلّم އެވެ. އެކަލޭގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގަތީ ހިޖްރައިން 3 ވަނަ އަހަރުގެ ތެރޭގައެވެ. ކާވެނިފުޅުގެ ރަނަކީ 400 ދިރުހަމެވެ. މިއީ އިތުރު އެކަލޭގެފާނުގެ ފަސްވަނަ ކާވެނިފުޅެވެ.
ނަމަވެސް މި ކާވެނިފުޅު ކުރެވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަމަނާ އަވަހާރަވެއްޖެއެވެ. އެކަމަނާ ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއްގެ ގޮތުގައި ހޭދަކުރެއްވީ އަށްމަސްދުވަސްކަމަށާއި ދެމަސްދުވަސްކަމަށާއި ހަތަރުމަސްދުވަސްކަމަށް ރިވާވެފައިވާ ރިވާޔަތްތައް ހުރެއެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 30 އަހަރުފުޅެވެ. އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ ޚުދު ރަސޫލާ صلّى اللّـه عليه وسلّم އެވެ. ފަސްދާނުވެޑުވުނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ. ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ ދެ އަނބިކަނބަލަކު އަވަހާރަވިއެވެ. އެއީ ޚަދީޖަތުގެފާނާއި ޒައިނަބު ބިންތި ޚުޒައިމާއެވެ.
އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޚުޒައިމާ ރަޟިޔަالله ޢަންހާ ޙަޔާތްޕުޅާ ބެހޭ ގޮތުން މާގިނަ މައުލޫމާތެއް ލިބޭކަށް ނެތެވެ. ނަމަވެސް އެކަމަނާގެ ހަޔާތްޕުޅަކީ ކެތްތެރިކަމުގެ ނަމޫނާއެވެ. ޔަތީމުންނާއި މިސްކީނުންނަށް އެހީތެރިވުމަށް ލިބޭ ހިތްވަރެކެވެ.
Advertisement
11 ޖޫން 2025