އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުން ސަމާލުވާންޖެހޭ ކަމެއް!: ޢާއިލާ ކިތަންމެ ތަނަވަސް ނަމަވެސް ކައިވެނިކޮށްފިނަމަ އެއަންހެނެއްގެ ހުރިހާ ކަމެއް ހަލާކުގެ ތެރެއަށް ވެއްޓޭނެ މީހުން ގިނަވެއްޖެ!

އަންހެނުން ސަމާލުވާންޖެހޭ ކަމެއް!: ޢާއިލާ ކިތަންމެ ތަނަވަސް ނަމަވެސް ކައިވެނިކޮށްފިނަމަ އެއަންހެނެއްގެ ހުރިހާ ކަމެއް ހަލާކުގެ ތެރެއަށް ވެއްޓޭނެ މީހުން ގިނަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު

އަޅުގަނޑުގެ މައިންބަފައިންނަކީ ރަށުގެ އެންމެ ފަޤީރުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެހެންކަމާއިއެކުގައިވެސް ރަށުން ކިޔެވެންހުރި ފެންވަރަށް ކިޔަވައިދިނެވެ. އޯލެވެލް ހަދައިދިނެވެ. ތަނަވަސްކަން ނެތުމުން ކޯސް ހަދަން މާލެ ފޮނުވޭނެ ފެންވަރު ނެތުމުން ޖެހުނީ ކިޔެވުން މެދުކަނޑައިލާށެވެ!  

އެދުވަސްވަރު ޢީދު ބަންދެއްގައި ރަށަށްދިއަ ދެމަފިރިއަކާއި ބައްދަލުވިއެވެ. އެދެމަފިރިންގެ އަންހެންދަރިފުޅަކީ އަޅުގަނޑާއި އެއް ޢުމުރުގެ ކުއްޖަކަށްވާތީ ދެކުދިންގެ މެދުގައި ގުޅުން އުފެދުނެވެ. ރަހްމަތްތެރިންކަމުގައި ވެވުނެވެ. އެހެންވެ އެމީހުން އެނބުރި މާލެއައީ އަޅުގަނޑު ގޮވައިގެންނެވެ.  

އެއީ ވަރަށް ރަނގަޅު ބައެކެވެ. އަޅުގަނޑަށް މަތީތަޢްލީމް ޙާޞިލްކޮށްދިނެވެ. ކިޔަވައި ނިމުމުން ވަޒީފާވެސް ހޯދައިދިނެވެ. އެމީހުން އަޅުގަނޑާއިމެދު ކަންކަންކުރީ އަމިއްލަ ދަރިއަކާއިމެދުވެސް ކަންކަންކުރާނެ ގޮތަށެވެ.  

މައްސަލައަކަށް މެދުވެރިވި ކަމަކީ އެގޭގެ ބޭބެއަށް ބޮޑުބޭބެ ކިޔާ ޒުވާނަކު އަޅުގަނޑާއި ގުޅެން އުޅުމުން އަޅުގަނޑު ދެކޮޅުހެދުމެވެ. އަޅުގަނޑު ދެކޮޅު ހެދީ އެއީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނަކަށްވާތީއެވެ. އަބަދުހެން ބިއްޖެހިފައި ހުންނަ ޒުވާނަކަށްވާތީއެވެ. އެފަދަ ޒުވާނަކާއި ކައިވެނިކޮށްގެން ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެތީއެވެ.  

އެމީހުން ބޭނުންވީ އަޅުގަނޑު އޭނާ އާއި ގުޅި އޭނާ އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. އަޅުގަނޑުގެ ވިސްނުމުގައި މައިންބަފައިންގެ ބަސް ޤަބޫލުނުކުރާ، ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހަކު އިޞްލާޙްކުރުމަކީ އަނބިމީހާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ އެކަން ޤަބޫލު ނުކުރުމުގެ އަދަބަކަށްވީ އެގެއިން ނުކުންނަން ޖެހުމެވެ.  

ކަންކަން އެހިސާބަށް ދިއުމުން އެކުވެރިއެއްގެ ގެއަށް ބަދަލުވީމެވެ. އެހެއިން ކުޑަކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އެގޭގައި އުޅެމުންދަނިކޮށް ބައްދަލުވި ހެޔޮލަފާ ޒުވާނަކާއި ކައިވެނިކޮށް އުފާވެރި ދިރިއުޅުމެއް އުޅެން ފެށުނެވެ. އެކައިވެނީގައި މިހާރު 11 އަހަރުވެއްޖެއެވެ. 5 ދަރިންވެސް ލިބިއްޖެއެވެ.  

އަޅުގަނޑުގެ ވާހަކަ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ވަރަށް ބޮޑު ބޭނުމަކުއެވެ. އެއީ އަޅުގަނޑަށް ކުރިމަތިވި ފަދަ ކަންކަން ކުރިމަތިވާ އަންހެނުންގެ ގާތުގައި ވާހަކައެއް ބުނެލުމަށެވެ.  

އަޅުގަނޑު ކައިވެނިނުކުރި ޒުވާނާގެ ޢާއިލާއަކީ ތަނަވަސް ޢާއިލާއަކަށްވުމުން ތަނަވަސްކަމަށް ދަހިވެތިވި އަންހެންކުއްޖަކު ހޯދައިގެން ކައިވެނިކުރުވިއެވެ. އޭނާ ތަނަވަސްކަމަށް ދަހިވެތިވި ނަމަވެސް އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު ކިޔަމަންތެރި ކުއްޖެކެވެ. ކައިވެނިކުރިއިރު ނަމާދުވެސް ކުރާ ހެޔޮލަފާ ކުއްޖެކެވެ. 

ކައިވެނިކުރިތާ 2 ވަނަ އަހަރު ވަރިކޮށްލައިފިއެވެ. އެއިރު ފިރިމީހާގެ ކިބައިން އަނިޔާ ލިބިލިބި މީހާގެ ޞިއްޙަތު ވަނީ ގެއްލިފައެވެ. ފިރިމީހާގެ ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ކުރަމުން އައި ކަންކަމުގެ ސަބަބުން ތަޤްވާވެރިކަން ގެއްލި ފާފަކުރަން ޖެހިލުން ނުވާ އަންހެނަކަށް ބަދަލުވެފައެވެ. ފިރިމީހާ ފަދައިން މަސްތުވާތަކެތި ބޭނުންކުރާ އަންހެނަކަށް ބަދަލުވެފައެވެ.  

މިކިޔައިދިނީ އެއަންހެން މީހާއަށް ޖެހުނު ޙާލުގެ ވާހަކައެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އެޒުވާނާ ފަދަ އަންހެނުންވެސް މިހާރަކު މަދެއް ނޫނެވެ. އެޒުވާނާ ފަދަ އަންހެނަކާއި ކައިވެނިކުރެވުނަސް މިދެރަތައް ހަމަ މިގޮތަށް ލިބޭނެއެވެ.  

އެހެންވެ އަޅުގަނޑު ބުނެލަން ބޭނުންވީ މިވާހަކައެވެ. ކިތަންމެ ބޮޑު ތަނަވަސްކަމެއްގައި ދިރިއުޅެވިދާނެ ކަމަށް އުންމީދުކޮށްގެންވެސް ތިމާގެ އާޚިރަތް ގެއްލިގެން ހިނގައިދާނެ ކަމެއް ނުކުރާށެވެ! އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ފަތުރުވާފައި މިއޮތް ބޮޑު ވަބާއަށް ބިރުވެތިނުވެ ދުނިޔެވެސް އާޚިރަތެއްވެސް ނުހޯދޭނެއެވެ.

 

- ޝިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް