އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 41 ސިކުންތު
ފަލަ އަނބިންނާއިއެކު މާއުފަލުގަ އުޅޭ ފިރިން މަދެއް ނޫނެވެ. އަނބިމީހާގެ ފަލަކަން ވަކިވާން ދައްކާ ބަހަނާއަކަށް ހަދަނީ ލޯބިނުވާތީއެވެ. ފަލަވާއިރަށް ނުވަތަ ހިކޭއިރަށް ކައިވެނި ރޫޅައިލަން ވެއްޖެނަމަ އެއީ ކޮންގޮތަކަށް ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟ މިހެން ބުނެލަން މިޖެހުނީ ބައެއް ކިޔުންތެރިން ކުރައްވާ ސުވާލުތަކާއި ގުޅިގެންނެވެ.
ފަލަ އަންހެނުންނާ ކައިވެނިކުރަން ގިނަ ބައަކު ދެކޮޅު ހަދައެވެ. ފަލަވުމަކީ ކައިވެނިކުރަން ކަމުނުދާން އޮތް ސަބަބެއްތޯ؟
ޖަވާބަކީ ސުވާލުގެ އަނެއްކޮޅު އެބައޮތެވެ. ހިކި މީހުންނާ ކައިވެނިކުރަން ދެކޮޅު ހަދާ ބައަކުވެސް އުޅެއެވެ. އެއީ އެމީހެއްގެ ވިސްނުމެވެ. ވީމާ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ހަމަ މިމާލޭގައި އެންމެ ލޯބިން، އެކުގައި ދިރިއުޅެމުން ކޮންމެ ރެއަކުހެން މާލެވަށާދުއްވައި، ބުރުޖަހައި އުޅުނު ގިނަ ބައަކު ވަރަށް ރަނގަޅަށް ދަންނަ ދެމަފިރިއަކު ވަރަށް މަޝްހޫރުވިއެވެ. ފިރިމީހާ އަކީ ވަރަށް ހިކިމީހެކެވެ. އަނބިމީހާއަކީ ފަލަ އަންހެނެކެވެ. ލަފާކުރެވޭ ގޮތުން އެދެމީހުންގެ ކައިވެންޏަށް މިހާރު 30 އަހަރު ނުފުރުނަސް ގާތްގަނޑަކަށް އެހައި ދުވަސްވެދާނެއެވެ. އަދިވެސް އެދެމަފިރިން ދިރިއުލެމުން އަންނަނީ ވަރަށް ލޯބިންނެވެ.
ވީމާ ފަލަވުމާއި ލޯބިން ދިރިއުޅުމާއި އަޅުވާ ކިޔުން އެއީ ޤަބޫލުކުރެވޭ ކަމެއް ނޫނެވެ. ތިރީގައި އެވާ ލިޔުމަކީވެސް އެކަމުގެ ޙަޤީޤަތް އެނގިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.
އަހަރެންނަކީ ތަންކޮޅެއް ފަލަ އަންހެންކުއްޖަކީމެވެ. ފަލަނަމަވެސް އެކަމުގެ އެއްވެސް އިޙްޞާޞެއް ނުކުރެވޭތީ އެކަމާއިމެދު ނުވެސް ވިސްނަމެވެ. އަދި އެއީ އެހެން މީހުން ކަންބޮޑުވާނެ ކަމެއް ކަމަކަށްވެސް ނުވިސްނަމެވެ.
މިހެން ހުއްޓާ އަހަރެންނާއި އެއް އުމުރުގެ ފިރިހެން ކުއްޖަކު އަހަރެންނާއި ކައިވެނިކުރަން ބޭނުންކަމަށް ބުނުމުން އަހަރެން ވެސް އެކަމަށް ކުރިމަތިލީމެވެ. އޭނާ އަހަރެމެންގެ ގެއަށް އައިސް އުޅެއެވެ. ސިޓިންގރޫމްގައި އެންމެން އެކުގައި ވާހަކަދައްކަންވެސް ތިބެމެވެ. އޭނާ ބުނަމުން އައީ ހަދަމުންދާ ކޯސް ނިމި ވަޒީފާ ލިބުމުން ކައިވެނިކުރާނެ ކަމަށެވެ. އެކަން އަހަރެންގެ މައިންބަފައިންވެސް ޤަބޫލުކުރިއެވެ.
އެއް ދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އަހަރެމެން ސިޓީންގ ރޫމްގައި ތިއްބައި ފޯނުކޯލެއް އައުމުން ވާހަކަދައްކަމުން ފާޚާނާއަށް ކަމަށްބުނެ އޭނާ ހިނގައި ގަންނަން އުޅުމުގެ ތެރޭގައި ފޯނުގެ ސްޕީކަރަށް ފިތައިލެވުމުން އަޑު އިވުނެވެ. "ކަލޭ އަދިވެސް ތިއުޅެނީ އެފަލަ އަންހެން ކުއްޖާ އާ މޮޔަވެގެންތަ؟" ޖަވާބުގައި ބުނާއަޑު އިވުނެވެ. "އެކަން ހުއްޓާލައިފީމޭ ބުނެފީމެއްނު؟"
އެއްވެސް އަޑެއް އިވުނު ކަމަކަށް ނުހަދަމެވެ. އެނބުރި އައިސް އިށީނުމުން ގާތަށް ޖެހިލާފައި ވަރަށް ސިއްރުން ބުނީމެވެ. "ތިބާ 2 ކުށްކޮށްފީމުއެވެ. ފުރަތަމަ ކުށަކީ ފަލަކުއްޖާ ދެކެ ލޯބިނުވާއިރު ލޯބިވާކަމަށް ހެދިގެން އުޅުމެވެ. ދެވަނަ ކުށަކީ ގުޅުން ކަނޑާލައިފިންކަމަށް ބުނެ އެހެން ކުއްޖަކަށް އޮޅުވައިލުމެވެ. ދެން ރަނގަޅުވާނީ ދުވަސްކޮޅަކު ދުރުގައި ތިބުމެވެ. ގެއްލުނު އިތުބާރު އަލުން އުފެދިއްޖެ ނަމަ އަލުން ވާހަކަދައްކާނީއެވެ. އިހަށް ފޯނުވެސް ނުކުރާށެވެ! މިގެއަށްވެސް ނާންނާށެވެ! ހިތްބުރައެއް ނޫނެވެ!"
އޭނާ ވަރަށް ލަދުންހުރެ އަނގައިންވެސް ނުބުނެ ނުކުމެގެން ދިއައީއެވެ. ވަރަށް ދެރަވިއެވެ. އަދި އެއީ އަހަރެންގެ ފަލަކަން އަހަރެންނަށް އިޙްޞާޞްކުރެވުނު ފުރަތަމަ ދުވަހެވެ. ކޮންމެއަކަސް ހިކެން މަސައްކަތްފެށީމެވެ. ކަސްރަތުކުރަން ފެށީމެވެ. ކެއުމަށްވެސް ބަދަލުގެނައީމެވެ. 3،4 މަސްތެރޭ "ލޫޅާފަތި"ވެސް ވެވިއްޖެއެވެ.
އެއިގެ އަހަރެއްހައި ދުވަސްފަހުން އޭނާ އަހަރެންނާއި ބައްދަލުކުރަން އެދުމުން ގެއަށް އަންނަންބުނީމެވެ. އޭނާ އައުމުން މަރްޙަބާވެސް ކީމެވެ. އޭނާއަށް އަހަރެން ފެނުމުން ފުރަތަމަ ނުވެސް އެނގުނެވެ. ހިކިފައިހުރިވަރުންނެވެ.
"ވަރަށް ބޮޑަށް މާފުކުޜާށެވެ! މިބުނަނީ ތެދަށެވެ! ފާއިތުވި ދުވަސްކޮޅު 3،4 އަންހެންކުދިންނާއި ވާހަކަވެސް ދެއްކިއްޖެއެވެ. ނަމަވެސް ކަލާވަރުގެ އަޚްލާޤް ރަނގަޅު ކުއްޖަކާއި ބައްދަލެއް ނުވިއެވެ. މިހާރު ކިޔެވުންވެސް ނިމިއްޖެއެވެ. ރަނގަޅު ވަޒީފާއެއްވެސް ލިބިއްޖެއެވެ. އެހެންވެ މިއައީ ކަލާއާއި ކައިވެނިކުރުމުގެ ޤަޞްދުގައެވެ. އަހަރެންނަށް ކުރެވުނު ކުށްތަކަށް މާފުކޮށް އަހަރެންގެ ހުށަހެޅުން ޤަބޫލުކުރާނެކަމަށް އުންމީދުކުރަމެވެ."
އަހަރެން ބުނީމެވެ. "އަހަރެންގެ އަޚްލާޤާއިމެދު ހެޔޮބަހެއް ބުނީތީ ޝުކުރުވެރިވަމެވެ. ނަމަވެސް އަހަރެން އެއިރު ހުރި ސިފައިގައި އަހަރެން ބަލައިގަތް މީހަކާ ކައިވެނިކޮށްފީމެވެ. އޮފީސް ނިމިގެން މިހާރު ގެއަށް އަންނާނެއެވެ. ވަގުތު އޮތިއްޔާ މަޑުކޮށްލާށެވެ! ބައްދަލުކުރުވައި ތަޢާރަފްވެސްކޮށްދޭނަމެވެ."
އޭނާގެ މޫނުމަތި މިލައިގެންދިއައެވެ. "ހުރިހާ ކުށެއްވެސް ކުރެވުނީ އަހަރެންނަށް" ކަމަށް ބުނެފައި އަވަސް އަވަހަށް ނުކުމެގެން ދިއައީއެވެ.
ލޮބުވެތި އުޚުތުންނޭވެ! ކިތަންމެ ލޯބިވީ ނަމަވެސް ސިފަ އާއި ކައިވެނިކުރަން ބޭނުންވާ މީހުންނާއި ކައިވެނިނުކުރާށެވެ! އަންހެނުންގެ ބުރުސޫރަ އާއި ބައްޓަމަކީ ތަފާތު ސަބަބުތަކާއިހުރެ ކިތަންމެ އަވަހަކަށްވެސް ބަދަލުވެދާނެ އެއްޗެކެވެ. ރީތިކުރަންވީ ބޭރުފުށުގެ ސިފައެއް ނޫނެވެ. އަޚްލާޤެވެ. އެއީ އެމީހަކު ބަދަލުކުރުމުން ނޫނީ ބަދަލުވާނެ އެއްޗެއް ނޫނެވެ! އަހަރެންނަށް މިދިމާވި ކަންތަކުންވެސް އެނގިގެން މިދަނީ ހުރިހާ ކާމިޔާބީއެއްވެސް ގުޅިފައިވަނީ އަޚްލާޤާއިކަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-
Advertisement
20 ޖޫން 2025