އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު
އަޅުގަނޑަށް 12 އަހަރުން ފެށިގެން ބައްޕައެއް ނުދެކެމެވެ. މަންމަ ވަރިކޮށްލާފައި ދިއަ ފަހުން އަޅުގަނޑާއި ބައްދަލުނުކުރާތީއެވެ. ދިރިއުޅެމުން އައީ މާމަމެންގެ ގެއިން މަންމައަށް ލިބިފައިވާ ކޮޓަރިއެއްގައެވެ.
އެންމެ ދެރަކޮށް މެދުވެރިވި ކަމަކީ ސްކޫލް ނިމިގެން ކޮލެޖަށް ވަންނަން އެދިފައި ވަނިކޮށް މަންމަ ނިޔާވިކަމެވެ. ކުރިން ބައްޕަ ގެއްލުނީއެވެ. މިހާރު މަންމަވެސް ގެއްލުނީއެވެ. ކޮލެޖަށް ފީ ދެއްކޭނެ ގޮތެއް ނެތޡީމާ ފުރަތަމަ ފަހަރަށް ބައްޕައާއި ބައްދަލުކުރަން ދިއައިމެވެ.
ބައްޕައާއި ބައްދަލުވުމުން ލިޔުންތައް ދައްކައި އެެހެން ކަމެއް ކޮށްނުދިނަސް ކޮލެޖުފީ ދައްކައިލަދިނުމަށް އެދުނީމެވެ. ލޯނެއްގެ ގޮތުގައިނަމަވެސް އެކަންކޮށްލައި ދިނުމަށް އެދުމުން ބައްޕަ ދައްކަން ފެށީ މަންމަގެ ވާހަކަތަކެވެ. ދެއްކީވެސް ތެދަކަށް ނޫނެވެ.
އަޅުގަނޑު ބުނީމެވެ. "ބައްޕާއެވެ! އަޅުގަނޑު މިއައީ މަންމަގެވާހަކަ ދައްކާކަށް ނޫނެވެ. މަންމަ މިއަދު ދުނިޔެއަކުވެސް ނެތެވެ. ވީމާ ތިއަ ވާހަކަތައް ދެއްކުމުގެ ބޭނުމެއްވެސް ނެތެއް ނޫން ހެއްޔެވެ؟ މަންމަ އެހައި ދަތިޙާލުގައި އަޅުގަނޑު ގެންގުޅުނުއިރުވެސް ދުވަހަކުވެސް ބައްޕަގެ ތިއަބާވަތުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަބަދުވެސް ބުނީ ފުރުޞަތެއް ލިބިއްޖެނަމަ މަންމަގެ ސަލާމް ބުނެދިނުމަށެވެ. އަދި ބައްޕައަށް ހެޔޮކޮށް ހިތުމަށެވެ."
އެވާހަކަތައް އަޑުއަހަން އިން އަންހެނަކު ތެދުވެފައި ބުންޏެވެ. "ދަރިފުޅާއެވެ! އަހުރެންނަކީ ދަރިފުޅުގެ ދޮންމަންމައެވެ. މިއީ ބައްޕަގެ ގެއެވެ. މިގޭގައި ދަރިފުޅަށްވެސް އިނދެވޭނެއެވެ. ދޮށީދަރިފުޅު ކަމަށް ބަލައިގެން ބަލަހައްޓައިދޭނަމެވެ. މިގެއަށް އުޅެން އަންނާށެވެ!"
ރިސްކް ނެގީމެވެ! ދޮންމަންމަގެ ބަސް ޤަބޫލުކޮށް އެގެއަށް ބަދަލުވީމެވެ. މިއަދު އަޅުގަނޑުގެ ޢުމުރަކީ 39 އަހަރެވެ. ކައިވެނިކޮށް 3 ދަރިން ލިބިއްޖެއެވެ. އުޅެމުން މިގެންދަނީ ހަމަ އެގޭގައެވެ. ވަޒީފާއަށް ދިއުމުން ދަރިންބަލައިދެނީވެސް ދޮންމަންމައެވެ. ދޮންމަންމައަށް ލިބުނު 2 ދަރިންނާ އަޅުގަނޑާއި އެއްވެސް ކަމެއްގައި ތަފާތެއް ނުކުރެއެވެ.
ދޮންމަންމައިންނާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތައް އަޑުއިވެއެވެ. ކިޔަންވެސް ކިޔަމެވެ. އަޅުގަނޑު ބޭނުންވީ މިއަދުނޫހުގެ ކިޔުންތެރިންނަށް ހުރިހާ ދޮންމަންމައިން އެއްގޮތް ނޫންކަން ބުނެދޭށެވެ. އެހެންވެ އަޅުގަނޑުގެ ތަޖުރިބާ ޙިއްބާކޮށްލީއެވެ.
- ސަމާ މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
23 ޖޫން 2025