އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު
އަޅުގަނޑު ނިޞްބަތްވަނީ ފަޤީރު ޢާއިލާއަކަށެވެ. މަންމައާއި ބައްޕަގެ 5 ދަރިން ތިބެއެވެ. ބައްޕައަށް ލިބޭ މުސާރައިން ފުދެނީ އަސާސީ ބޭނުންތައް އެކަންޏެވެ. އެހެންވެ 2 އިރު ކައިގެން ތިބެންޖެހޭ ދުވަސްތައްވެސް މަދެއް ނޫނެވެ.
އަޅުގަނޑުގެ އެކުވެރި ފިރިހެން ކުއްޖަކު ހުރެއެވެ. އެއީ ކްލާސްކުއްޖެކެވެ. އޭނާގެ މައިންބަފައިންނަކީ ތަނަވަސް ބައެކެވެ. އޭނާގެ މަންމައަކީ ވަރަށް ހިތްހެޔޮ އަންހެނެކެވެ. އެގެއަށްދާއިރަށް ސައިހަދާފައި ސައިބޯންދޭނެއެވެ. އެހެންވެ ކިޔައި އުޅެވުނީވެސް މަންމައެވެ.
ގްރޭޑް 10 ނިމުމުން ކިޔަވާނެ ހިތްވަރެއް ނުލިބުނެވެ. ވަރަށް އުނދަގުލުން ވަޒިފާއެއް ލިބުނެވެ. އެވަޒީފާގައި އުޅެމުން ވަރަށް އާދައިގެ ގޮތަކަށް އަމިއްލަ މަސައްކަތެއް ފެށީމެވެ. މަސައްކަތުގައި ކުރިއރައިދެވުނެވެ. އެހިސާބުން ކައިވެނިކުރީމެވެ.
އެއްރެއަކު އިރާކޮޅު ކާރުގައި ދަނިކޮށް އަންހެނަކު ފެނުނެވެ. ހުރީ ވެމްކޯ ޔުނިފޯމުގައެވެ. އޭނާއަށް ވަރަށް ބެލުނެވެ. ސަބަބަކީ ސްކޫލުގައި ދަތިޙާލުގައި އުޅުނު ދުވަސްވަރު ކޮންމެ ދުވަހަކު ސައިދިން މަންމައާއި ވައްތަރުކަމުންނެވެ. ނަމަވެސް އެމަންމައަށް ވެމްކޯ މަސައްކަތު ޔުނިފޯމުގައި ހުންނަން ޖެހޭނެ ސަބަބެއް ނުވިސްނޭތީ އަޅާނުލައި ދެވުނީއެވެ.
އެކަމަކުވެސް ހިތުން ކަންބޮޑުވުމެއް ނުފިލިއެވެ. އަނެއްރޭ އަނބިމީހާވެސް ގޮވައިގެން ހަމަ އެސަރަޙައްދަށް ގޮސް ބުރުޖަހާތާ އިރުކޮޅެއްފަހުން އެއަންހެން މީހާ ފެނުމުން ކާރު މަޑުކޮށްދެފައި ދެމަފިރިން ފެއިބީމެވެ. އަދި އޭނާގެ ކުރިމައްޗަށް ހުޓިފައި ސުވާލުކުރީމެވެ. "ތިއައީ އަޅުގަނޑުވެސް މަންމަ ކިޔައި އުޅުނު ސަޢުދީގެ މަންމަ ހެއްޔެވެ؟"
އޭނާއަށް ސިހުމެއް ލިބުނެވެ. "ތިއައީ އަހުރެމެންގެ ގެއަށް ގޮސް އުޅުނު ޢަބްދުﷲ ހެއްޔެވެ؟" ޖަވާބުގައި ޢާނއެކެވެ. ބުނެފައި ސުވާލުކުރީމެވެ. "މަސައްކަތް ނިމޭނީ ކިހާއިރަކު ހެއްޔެވެ؟" ޖަވާބުގައި 10 ޖަހާއިރު ކަމަށް ބުނުމުން ބުނީމެވެ. މަސައްކަތް ނިމުމުން ވެމްކޯ ސަރަޙައްދުގައި މަޑުކޮސްލާށެވެ. ބައްދަލުކުރާނަމެވެ."
އަޅުގަނޑަށް ދެވުނުއިރު އިންތިޒާރުގައި އެމަންމަ ހުއްޓެވެ. ބުނީމެވެ. "ކާރަށް އަރާށެވެ! ވާހަކަ ދައްކާނީ ގެއަށް ގޮހެވެ." މަންމަ ގޮވައިގެން ގެއަށް އައިސް މިފަދަ ޙާލެއްގައި އުޅެންޖެހުނު ސަބަބާއިމެދު ސުވާލުކުރުމުން ކިޔައިދިނެވެ. "ހުރީ އެންމެ ދަރިއަކު ކަމަށްވުމުން ގެދޮރު ދަރިފުޅަށް ރަޖިސްޓްރީކޮށްދިނީ މިހެންވާނެ ކަމަކަށް ނޫނެވެ. އެކަމަކު ކަންތައްވީ ވަރަށް ތަފާތު ގޮތަކަށެވެ. ސަޢުދީގެ އަނބިމީހާގެ ބަސް ޤަބޫލުކޮށް ނިކަމެތިކޮށްލީއެވެ. ގެއިން ނުކުންނާކަށް ނުބުނެއެވެ. އެކަމަކު ހިތްދަތިކުރުވިވަރުން ކެތްނުކުރެވިގެން ގެއިން ނުކުމެ މިއުޅެނީ ދައްތައެއްގެ ގާތުގައެވެ. ދައްތައަކީވެސް ވަރަށް ފަޤީރު އަންހެނެކެވެ. އެހެންވެ ފައިސާ ހޯދަން މަސައްކަތްކުރަނީއެވެ."
އެއަޑު އިވުމުން ވަރަށް ދެރަވިއެވެ. ބުނީމެވެ. "ދެން މިގޭގައި އިންނާށެވެ! އަޅުގަނޑުގެ މަންމަ ޢާއި ބައްޕަވެސް ނިޔާވެއްޖެއެވެ. ވީމާ މަންމަގެ މަޤާމުގައި އިނދެދޭށެވެ. އެއްވެސް ކަމަކަށް ދަތިވިއަކަ ނުދޭނަމެވެ. އިން ޝާ ﷲ"
އެމަންމައަށް ކުރަންޖެއްސީ އެންމެ މަސައްކަތެކެވެ. އެއީ ވީހައި ގިނައިން އަޅުކަންކުރުމާއި އަޅުގަނޑުމެންނަށްޓަކައިވެސް ހެޔޮދުޢާކޮށްދިނުމެވެ. އެވަޒީފާގައި އަޅުގަނޑުމެން އޭނާ ބަލަހައްޓަން ފެށުމާއިއެކު އަޅުގަނޑު ކުރާ މަސައްކަތް ބޮޑުތަނުން ކުރިއަރައިގެންދިއައެވެ. ލިބޭ އާމްދަނީ އިތުރުވިއެވެ.
އަޅުގަނޑު ދެ ވާހަކައެއް ބުނެލަން ބޭނުންވެއެވެ. ސަޢުދީއަށާއި އެގޮތަށް ކަންތައްކުރާ ދަރިންނަށް ބުނެލަން ބޭނުންވަނީ މިއަދު މަންމަ ތިއަގޮތަށް ނިކަމެތިކޮށް ތިއަލަނީ ޤިޔާމަތް ދުވަސް ބައްދަލުނުކުރާނެކަން ޔަޤީންވާތީހެއްޔެވެ؟ ހުރިހާ އެންމެންނަށް ބުނެލަން ބޭނުންވަނީ އެމީހަކަށް ވެވުނު ވަރަކުން ނިކަމެތިންނަށް އެހީތެރިވާށެވެ! ދަތިޙާލުގައި އުޅުނުއިރު އެހީތެރިވެފައިވާ މީހުންނަށް ބޮޑަށް ހެޔޮކޮށް ހިތާށެވެ! ދުނިޔޭގައިވެސް އެކަމުގެ ރަނގަޅު ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
22 ޖޫން 2025