އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަނބިމީހާދެކެ ޙަޤީޤީ ލޯބިވާތީ މުޅިޢުމުރު އަނބިމީހާގެ ހަނދާނުގަ ހޭދަކުރާ ފިރިއެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: އަނބިމީހާދެކެ ޙަޤީޤީ ލޯބިވާތީ މުޅިޢުމުރު އަނބިމީހާގެ ހަނދާނުގަ ހޭދަކުރާ ފިރިއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 47 ސިކުންތު

ބައިވެރިޔާ ނިޔާވުމަކީ ކޮންމެހެން އިތުރު ކައިވެންޏެއް ނުކޮށް ހުންނަން އޮތް ސަބަބެއް ނޫނެވެ. ހަމައެއާއިއެކު ބައިވެރިޔާ ނިޔާވާއިރަށް އޭނާގެ މަތިން ހަނދާން ނައްތައިލުމަކީވެސް ކުރަން އޮތް ކަމެއް ނޫނެވެ. އެކަމުގައި އެންމެ ފުރިހަމަ މިޘާލެއް ފެނިގެންދަނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅުންނެވެ.  

ޢާއިޝަތުގެފާނަކީ ނުހަނު ހަގު ބޭކަނބަލެކެވެ. އިންތިހާއަށް ބޮޑަށް ލޯބިފުޅުވެވަޑައިގެންނެވިއެވެ. އެކަމަކު ޢާއިޝަތުގެފާނާއިއެކު ދިރިއުޅުއްވަވަމުންވެސް ފުރަތަމަ އަނބިކަނބަލުން ޚަދީޖަތުގެފާނުގެ ދެކެ ނުހަނު ލޯބިފުޅުވެވަޑައިގަންނަވާކަން ގެންދެވީ ހާމަކުރައްވަވަވަމުންނެވެ. ޚަދީޖަތުގެފާނަށް ނިޞްބަތްކުރައްވައި ނުރުހުންވެ ވަޑައިގަތުގެ ކިތަންމެ ކުޑަބަސްފުޅެއް ނަމަވެސް ވިދާޅުވެއްޖެނަމަ އެކަމަށް ރުހިވަޑައިނުގަންނަވާކަން ގެންދެވީ ހާމަކުރައްވަވަމުންނެވެ. އަދި ޚަދީޖަތުގެފާނުގެ އެކުވެރިންނަށްވެސް ނުހަނު ހެޔޮކޮށް ހިއްތެވިއެވެ.  

ނަމަވެސް މިއަދު ގިނައިން ފެންނަމުން މިދަނީ މުޅިން ތަފާތު ގޮތަކަށް ކަންކަން ކުރެވޭ ތަނެވެ. ވިސްނާލަން އޮތްކަމަކީ މަރުވީމާވެސް އެމީހަކު ދެކެ ލޯބިވެވޭނީ އޭނާ ދުނިޔޭގައި ހުރިއިރު އޭނާދެކެ ލޯބިން އުޅެވިފައިވާނަމަ ކަމެވެ. މިއަދު އަޅުގަނޑުމެންގެ ތެރެއިން ގެއްލިގެން މިއުޅެނީ އެކަމެވެ. އެކުގައި ދިރިއުޅޭ ދެމަފިރިންގެ ތެރޭގައިވެސް އަނެކާ ދެކެ ވާންޖެހޭ ޙަޤީޤީ ލޯބިވެގެން ދިރިއުޅޭ މީހުން މަދުވާކަމީ ހުރިހާ މައްސަލަތަކެއްގެވެސް އަޞްލެވެ. ދިރިއުޅުމުގައި ކުރިމަތިވަމުން މިދާ މައްސަލަތަކުގެ ޙައްލަކަށް އޮތީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިން އެކުގައި އުޅުމެވެ.  

މިބަސްކޮޅާއިއެކު މިގެނެސްދެނީ ވިދާޅުވެލެއްވުން ވަރަށް މުހިންމު ޙާދިސާއެއްގެ ވާހަކައެވެ. އަނބިމީހާ ނިޔާވިތާ 40 އަހަރު ފާއިތުވުމުން އަނބިމީހާގެ ހަނދާނުގައި ދުވަސްތައް ހޭދަކުރަމުން އަންނަ މީހެއްގެ ވާހަކައެވެ.  

މިހާރަކަށް އައިސް ގިނައީ ބައިވެރިޔާ ނިޔާވާއިރަށް އޭނާގެ މަތިން ހަނދާންވެސްނުކުރާ މީހުންނެވެ. ނަމަވެސް ގިނަ މުސްކުޅިން ހަނދާން ކުރެއެވެ. ސުވާލަކީ ޒުވާނުން އެމީހުންގެ ބައިވެރިޔާދެކެ ޙަޤީޤީ ލޯބިނުވަނީތޯއެވެ؟  

ކިޔުންތެރިޔާގެ ސުވާލަކީ ހަމަ ބުރަދަންހުރި ސުވާލެކެވެ. ކަންކަން ހިނގަމުންދަނީ ތިއަފަދަ ގޮތަކަށެވެ. މައްސަލައަކީ ލޯބިވެވޭ މިންވަރުކަމަށްވެދާނެއެވެ. ދެމީހުން ބައްދަލުވުމުން ބައިވެރިޔާ ދެކެ ވަރަށް ލޯބިވެފައި ލޯމަތިން ދުރަށް ދެވޭއިރަށް އެހެން މީހަކުދެކެ ލޯބިވެވުން ޢާންމުވަމުން އަންނައިރު ތިއަ ފަދަ ކަންކަން ދާނީ ހިނގަމުންނެވެ.  

ތިރީގައި އެވަނީ ސުވާލާއި ވަރަށް ބޮޑަށް ގުޅުންހުރި ވާހަކައެވެ. 100 އިންސައްތަ ޙަޤީޤީ ވާހަކައެކެވެ. ޒުވާނުން ވޯކްޝޮޕްތައް ބާއްވައިގެން ނަމަވެސް ދަސްކުރުން ރަނގަޅު ފިލާވަޅެކެވެ.    

މިއީ މީގެ 6 އަހަރުކުރިން ރަމަޟާން މަހުގެ މެދުދިހައިގައި ފުރުޤާން މިސްކިތުގައި ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. އެއިރު މިވާހަކަ ގެނެސްދިނުމުގެ އިތުރުން ފަހުންވެސް މިފަދަ ސުވާލުތަކުގެ ޖަވާބުގައި ކިޔުންތެރިންނަށް މިހާދިސާގެ ވާހަކަ ގެނެސްދެވިފައިވާނެއެވެ. އަދިވެސް މިގެނެސްދެނީ ލޯތްބަކީ ހަމައެކަނި އަމިއްލަ އެދުމާއި ފައިސާކަމަށް ދެކެގެން ޙަޤީޤީ ލޯބީގައި ބޮޑެތި ބަދުނާމުތައް އަޅުވާކަމުގެ ޝަކުވާތައް ގިނަވާތީއެވެ.  

އެއީ މޫސުން އެހައި ރަނގަޅު ދުވަހެއް ނޫނެވެ. އޮތީ ވާރޭ ވެހިވެހިއެވެ. ޝައިޚް ޢަލީ ޒައިދު ފުރްޤާން މިސްކިތުގައި ދަރުސް ދެއްވި ދުވަހެކެވެ. ދަރުސް ނިންނަވައި ލެއްވެމުން ގިނަ ބައަކު ބައްދަލުކޮށް ދީނުގެ އެކިއެކި ކަންކަން އޮޅުން ފިލުވަން ސުވާލުކުރިއެވެ. އެތަނުގައި ހުރި އުމުރުން 80 ވަރަކަށް އަހަރުގެ މީހެއްގެ ސުވާލު ވަރަށް ތަފާތެވެ.

"ވިހެއުމުގެ ތެރޭގައި މަސްތުރަނުވެ މަރުވާ އަންހެނުންނަށް އޮތީ ކޮން ދަރަޖައެއްތޯއެވެ؟" ޖަވާބުގައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެއީ 2 ވަނަ ދަރަޖައިގެ ޝަހީދުން ކަމަށެވެ. އެހިސާބުން އެމީހާގެ މޫނަށް އާދައާ ޚިލާފް ހިނިތުންވުމެއް ފެނުނެވެ.   

އެތަން ފެނިފައި ސިއްރުން އަޅުގަނޑު އޭނާ އެއްކައިރިކޮށްލީމެވެ. އަދި މަޑުމަޑުން ސުވާލުކޮށްލީމެވެ. "ބޭބެގެ އަނބިމީހާ މަރުވީ އެފަދަ ގޮތަކަށް ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުނީ އޭނާގެ ފުރަތަމަ، އަލަތު އަނބިމީހާ މަރުވީ މީގެ 40 ވަރަކަށް އަހަރު ކުރިން އެފަދަ ހާލުގައި ކަމަށެވެ. އަދި އޭނާ އެންމެ އެދޭ ކަމަކީ ސުވަރުގެއިން އަލަތު އަނބިމީހާ އާއި ބައްދަލުވުން ކަމަށްވާތީ އެ ސުވާލު ކުރެވުނީ ކަމަށެވެ.  

ތެދުވެރި ލޯބީގެ ނަމޫނާއަކަށް ބަލަންވީ މިފަދަ މީހުން ނޫންތޯއެވެ؟ ޢިބްރަތް ޙާޞިލުކުރަންވީވެސް މިފަދަ މީހުންގެ ކިބައިން ނޫންތޯއެވެ! އަނބިމީހާ މަރުވިތާ 40 އަހަރުވީއިރުވެސް އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަލަތު އަނބިމީހާއެވެ. އޭނާ އެންމެ އެދޭ ކަމަކީ ސުވަރުގެއިން އަނބިމީހާ އާއި ބައްދަލުވުމެވެ.  

މީގެ އަނެއްކޮޅު ވެސް ވަނީ ފެނިފައެވެ. އުމުރުން 70 އަހަރާއި ގާތްކުރާ ފިރިހެނަކު ބަލި ހާލުގައި އޮތް އޭނާގެ  ކުރީގެ އަނބިމީހާއަށް ނަފްރަތުކުރަނީ އަވަހަށް އޭނާ މަރުނުވެގެންނެވެ. ދެވަނަ އަންބަކު ގެއަށް ގެންނާނެ ޖާގަ ގޭގައި ނެތުމުންނެވެ.  

މުސްކުޅިންގެ ހާލު މިފަދަ ގޮތްގޮތަށް ހުރިއިރު އަނބިމީހާ ކިރިޔާވެސް ބައްޔެއް ވެއްޖެނަމަ އޭނާ އަވަހަށް މަރުނުވެގެން ކަންބޮޑުވެފައި ތިބީ ކިތައް ފިރިންތޯއެވެ؟ އަނބިންގެ މެދުގައި ވެސް މިކަން ހަމަ މިގޮތަށް އޮވެއެވެ. މިފަދަ މީހުން، ފުރަތަމަ މި ބަޔާންކުރި މީހާގެ ކިބައިން ޢިބްރަތް ޙާޞިލުކުރުން ކީއްތޯއެވެ؟  

މީހާގެ އީމާންކަން ފުރިހަމަވަނީ އެމީހާއަށް އެދޭ ކަންކަން އެހެން މީހުންނަށް ވެސް ލިބުމަށް އެދޭނަމައެވެ. އެއްވެސް މީހަކު އެމީހާ މަރުވުމަކަށް ނޭދޭނެއެވެ. ވީއިރު އެހެން މީހަކު މަރުވުމަށް އެދޭމީހާގެ އޮތީ ކޮން އީމާންކަމެއްތޯއެވެ؟  

ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ މީހަކު މަރުވުމަށް އެދޭނަމަ އެމީހާގެ އީމާންކަން ފުރިހަމަ ނުވާ ކަމަށާއި އެއްވެސް މީހަކު މަރުވުމަށް އެދުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް