އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާން އިރުގަ އިހްމާލްވެވުނަސް ޢުމުރުން ދުވަސްވުމުން ނަމަވެސް ދެމަފިރިން އެކުގަ ރޭއަޅުކަންކުރަން ސަމާލުކަންދިނުމަކީ އެންމެ ފައިދާހުރި ޢަމަލު!

ޒުވާން އިރުގަ އިހްމާލްވެވުނަސް ޢުމުރުން ދުވަސްވުމުން ނަމަވެސް ދެމަފިރިން އެކުގަ ރޭއަޅުކަންކުރަން ސަމާލުކަންދިނުމަކީ އެންމެ ފައިދާހުރި ޢަމަލު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 10 ސިކުންތު

ޒުވާން ޢުމުރުގައި ދެމަފިރިން އެކުގައި ޜޭއަޅުކަން ކުރެވޭ ދެމަފިރިންގެ ޢަދަދު ވަރަށް މަދެވެ. އެކަންކުރެވެނީ ވަރަށް މަދު ބައަކަށެވެ. އެއީ ކޮންމެހެން އެކުގަ ރޭއަޅުކަންކުރަން ބޭނުންނުވާތީ ކަމަށް ނުބުނާނަމެވެ. ޤަބޫލުކުރެވޭ ގޮތުގައި އެއީ ޒުވާން ޢުމުރުގައި އަޅުކަންކުރަން ދޭންޖެހޭ ސަމާލުކަން ނުދެވޭތީ މެދުވެރިވާ ކަމެކެވެ.   

ލޮބުވެތި އަޚުންނާއި އުޅުތުންނޭވެ! ޒުވާން ޢުމުރު ހޭދަކުރެވިފައިވާ ގޮތާއިމެދު ވިސްނަން ވަޤުތުތައް ނަގައިނުލާށެވެ! ޢުމުރުން ދުވަސްވަންދެން ދެމަފިރިން އެކުގައި ދުނިޔޭގައި ލައްވަވައި ދެއްވެވިކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޝުކުރުވެރިވާށެވެ! ތިއައީ ވަރަށް މަދު ދެމަފިރިއަކަށް ދެއްވަވާ ފުރުޞަތެއްކަން ޤަބޫލުކުރާށެވެ! 

ދެމަފިރިން އެކުގައި އަވަހަށް ރޭޢަޅުކަންކޮށް ދުޢާކުރަންފަށާށެވެ! އެކަމުގެ ސަބަބުން ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ. އަދި އެއީ ދެމަފިރިން އެކުގައި ސުވަރުގެ ވައްދަވާ ސަބަބުކަމުގައި ވުމަށްވެސް އުންމީދުކުރާށެވެ! 

ޒުވާން ޢުމުރުގެ ބޭނުން ހިފަން އޮތީވެސް އެންމެ ހެޔޮ ގޮތުގައެވެ. އެހެންކަމާއިއެކުގައިވެސް ނުހިފުނީއެވެ. ވީކަމެއް އެއޮތީވެނިމިފައެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ. އެހެނަސް އެއީ މާޔޫސްވާންޖެހެންވީ ސަބަބެއް ނޫނެވެ. ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ އެމީހަކު އުޅެ ނިމިދާ ގޮތަށެވެ. ވީމާ މަސައްކަތްކުރަންވީ ހެޔޮލަފާ ނިމުމެއް ދެއްވެވުން އެދިގެންނެވެ. 

ތަޤްވާވެރިއެއްގެ ގޮތުގައި އުޅެ ނިމިގެން ހިނގައްޖެ މީހަކަށް ހިތާމަކުރާކަށް ނުޖެހޭނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅެއްގެ ގޮތުގައި ދުނިޔެއާއި ވަކިވެވިއްޖެ މީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ. 

ޢުމުރުން ދުވަސްވުން މާނަކުރަންވީ 80 އަހަރުވެ ހިރިނުލެވޭވަރުވުމަކަށް ނޫނެވެ. 50 އަހަރުވެއްޖެނަމަ އެއީވެސް ބޮޑު ނިޢުމަތެކެވެ. 60 އަހަރުން މަތިވެއްޖެނަމަ އެއީ ހާދަބޮޑު ނިޢުމަތެކެވެ. 70 އަހަރުން މަތިވެއްޖެނަމަ ނިޢުމަތުގެ ކޮޅެއްވެސް ނެތެވެ. ވީމާ އެންމެ ބޮޑު ސަމާލުކަމެއް ދީގެން ދެމަފިރިން އެކުގައި ރޭއަޅުކަންކުރަން އަވަހަށް ފަށާށެވެ! އިން ޝާ ﷲ އެއިރުން ދެމަފިރިންނަށްވެސް ސުވަރުގެ ދެއްވަވާނެތެވެ. ދެމަފިރިންނަށް ދުވަހުވެސް ވަކިވާން ނުޖެހޭނެ ގޮތަށް އެކުގައި ދާއިމަށް ސުވަރުގޭގައި ލައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ލިޔުމުގައިވާ ފޮޓޯއިން ފެންނަ ދެމަފިރިން މިއަދު އެތިބީ ވަރަށް މުސްކުޅިވެފައެވެ. ނަމަވެސް އެކުގައި ސުވަރުގެ ވަދެވުމުން ތިބޭނީ އެންމެ ޒުވާންކަންމަތީގައެވެ. މުސްކުޅިވުމެއް ނެތެވެ. ދާނީ ދުވަހެއް ދުވަހަކަށް ޒުވާންވަމުންނެވެ. ހިތުގައި އަނެކާގެ މައްޗަށް ލޯބިވެސް އިތުރުވަމުންނެވެ. ދުނިޔޭގައިވާ ލޯބީގެ ހަޤީޤީ ބޭނުމަކަށްވާންޖެހޭނީ އެކަމެއް ނޫންހެއްޔެވެ؟ 

ޙަޤީޤީ ލޯބީގެ އަމާޒަކަށް ވާންޖެހޭނީ އެކަންކަން ނަމަވެސް ޢުމުރުން ދުވަސްވާއިރު އެކުގައި ލޯބިން ދިރިއުޅެވެނީ ވަރަށް މަދު ދެމަފިރިއަކަށެވެ. އެކުގައި ދިރިއުޅެވުނަސް އެކުގައި ދަމުނަމާދާއި އެހެނިހެން އަޅުކަންކޮށް އުޅެވެނީވެސް ވަރަށް މަދު ދެމަފިރިއަކަށެވެ. އެއިގެ މާނައަކީ ދެމީހުން އެކުގައި ސުވަރުގެދާން މަސައްކަތްކުރެވެނީ ވަރަށް މަދުބައަކަށް ކަމެވެ. 

މިއީ އަޅުގަނޑުމެން ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ލޯބިން އެކުގައި ދިރިއުޅެ އަދި ރޭއަޅުކަންކޮށް އުޅެވޭނީ ޒުވާން ޢުމުރުގައިވެސް އެކަންކުރަން ފަށައިގެންނެވެ. ނަމަވެސް ގިނަބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ކުރަން އޮންނަ ކަމެއް ކަމަށެވެ. 

ގިނަ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެކުގައި ރޭއަޅުކަންކޮށް، އަނެކާ އަޅުކަންކުރަން ވާގިވެރިވާނަމަ އެދެމީހެއްގެ މެދުގައި މައްސަލަތައް ޖެހުން މަދުވާނެއެވެ. މައްސަލައެއް ޖެހުނަސް ޒުވާބަކާއި ހަމައަކަށް ނުދާނެއެވެ. ސަބަބަކީ ދެމީހުންވެސް ﷲ ތަޢާލާއަށް ބިރުވެތިވާނެތީއެވެ. ދެމީހުންގެވެސް އަމާޒަކީ އެކުގައި ސުވަރުގެ ދިއުން ކަމުގައި ހަދައިފިނަމަ ދެމީހުންނަށްވެސް ދެއްވަޥާ އުފާވެރިކަން ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ 

ކޮންމެއަކަސް ކޮންމެ ދެމަފިރިއަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަންވީ އެކުގައި ސުވަރުގެ ދިއުމަށެވެ. ދުނިޔޭގެ ޙަޔާތަކީ ދާދި މަދު ދުވަސްކޮޅެކެވެ. ސުވަރުގޭގެ ޙަޔާތަކީ ނިމުމެއް ނެތް ދާއިމީ ޙަޔާތެކެވެ. 

ލިޔުމުގެ މައި ފޮޓޯއަކަށް އެވަނީ މީގެ 3،4 އަހަރުކުރިން ޢާންމުވެ ވަރަށް ފޯރީގައި ދައުރުކުރި ފޮޓޯއެކެވެ. މިއަދުނޫހުގައި އެދުވަސްވަރުވެސް އެފޮޓޯ އާއި ގުޅިގެން ވާނީ ލިޔެވިފައެވެ. މިއަދުވެސް ފާހަގަކޮށްލަން މިޖެހޭ ސަބަބަކީ އެކަމުގެ މުހިންމުކަން ބޮޑުކަމުން މިއަދުވެސް ދީނީ ސައިޓްތަކުން ހަމައެފޮޓޯ އާއި އެފަދަ އެހެން ފޮޓޯތައްވެސް ދައުރުކުރަމުން ގެންދާތީއެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް