އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށިން 36 އަހަރަށްފަހު ދޫކުރުމަށް ނިންމާފައިވާ 183 ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައި، ގޯތީގެ ލިޔުންތައް ހަވާލުކޮށްފިއެވެ.
އޭދަފުށިން ގޯތި ދޫކުރުމުގެ މަސައްކަތް ފެށިފައިވަނީ 2019 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ބުރުގައި 1400 އަކަފޫޓުގެ 158 ގޯތި ދޫކުރުމަށް ނިންމި ނަމަވެސް، ގޯތި ދޫކުރުމުގެ އުސޫލުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އެކަން ހުއްޓާލުމަށް އެންގުމާ ގުޅިގެން އެ މަސައްކަތް ވަނީ މެދުކަނޑާލަން ޖެހިފައެވެ.
2020 ވަނަ އަހަރު އައު އުސޫލެއްގެ ދަށުން ގޯތި ދޫކުރުމަށް ކައުންސިލުން ނިންމި ނަމަވެސް، އާންމު ފަރާތަކުން އުސޫލާ ޚިލާފަށް ގޯތި ދޫކުރިކަމަށް ބުނެ އޭދަފުށީ ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން އެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ. އެ ބުރުގައި 158 ގޯއްޗަށް 662 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.
ކޯޓު މައްސަލަ ނިމުމާ ގުޅިގެން އައު އުސޫލެއް އެކުލަވާލައި، ކުރިން ދޫކުރުމަށް ނިންމާފައިވާ 158 ގޯތީގެ ބަދަލުގައި 183 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމިއެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ގޯތީގެ ސައިޒު 1400 އަކަފޫޓުން 1200 އަކަފޫޓަށް ކުޑަކޮށް، މިދިޔަ އަހަރުގެ މާރިޗު މަހު ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލިއެވެ.
މި އެންމެ ފަހުގެ ބުރުގައި ގޯއްޗަށް އެދި 525 ފަރާތަކުން ކުރިމަތިލާފައިވާއިރު، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގުރުއަތުލުން ބާއްވައި، ގޯތީގެ ލިޔުންތައް ވަނީ ހަވާލުކޮށްފައެވެ.
Advertisement
25 ޖޫން 2025