އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 33 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ!
މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އެކަލާނގެ ލޯބިވެވޮޑިގަތުން ލިބޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. އަޅުގަނޑުމެން އެންމެން ވެސް އެދެނީ ﷲ ގެ ލޯބިވެވޮޑިގަތުން ލިބުމެވެ. އެހެންނަމަވެސް، އެކަމަށް ވާސިލުވުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ.
އާލު ޢިމްރާން ސޫރަތުގެ 31 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَٱللَّهُ غَفُورٌ رَّحِيمٌ ﴿٣١﴾
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (31)"
މި އާޔަތުން އަޅުގަނޑުމެންނަށް އެނގެނީ ﷲ ގެ ލޯބިވެވޮޑިގަތުން ހޯދުމަށްޓަކައި ރަސޫލާ ﷺ އަށް ތަބަޢަވާންޖެހޭކަމެވެ. އެއީ އެކަލޭގެފާނުގެ ސުންނަތަށް ތަބާވެ، އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންވުމެވެ.
ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިކުރާކަމަށް ހަމައެކަނި ދުލުން ބުނުމަކުން ނުފުދޭނެއެވެ. އަޅުގަނޑުމެންގެ ޢަމަލުތަކުން އެކަން ސާބިތުކޮށްދޭންޖެހެއެވެ. އެއީ ރަސޫލާ ﷺ ގެ ސުންނަތަށް ތަބާވެ، ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވުމެވެ.
އަޅުގަނޑުމެން ﷲ އަށް ޙަޤީޤީ ލޯބި ކުރާނަމަ، އެކަން ފެންނަން ހުންނާނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުންނެވެ. އަޅުގަނޑުމެންގެ ޢަމަލުތަކާއި، ބަސްމަގާއި، އަދި ހިތުގެ ނިޔަތުން ވެސް އެކަން ދައްކުވައިދޭންވާނެއެވެ.
އެހެންކަމުން، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންވާނީ ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށާއި، ރަސޫލާ ﷺ ގެ ސުންނަތަށް ތަބާވުމަށެވެ. އޭރުން އަޅުގަނޑުމެންނަށް ﷲ ގެ ލޯބިވެވޮޑިގަތުން ލިބި، އެކަލާނގެ ރަޙުމަތާއި މަޣްފިރަތު ލިބޭނެކަން ކަށަވަރެވެ.
ލޯބިވުމަކީ ހަމައެކަނި ބަހުން ބުނާ އެއްޗެއް ނޫނެވެ. އޭގެ ހެކި ޢަމަލުން ފެންނަން ޖެހެއެވެ. އަޅުގަނޑުމެން ﷲ އަށް ލޯބިވާކަމަށް ބުނާއިރު، އެކަލާނގެ އަޅުގަނޑުމެންނަށް ލޯބި ދެއްކެވުމުގެ އެއް ގޮތަކީ އަޅުގަނޑުމެންނަށް ތެދުމަގު ދެއްކެވުމެވެ.
ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވާން ޖެހެނީ އެކަލޭގެފާނަކީ އެންމެ ރަނގަޅު މިސާލު ކަމުގައި ﷲ ލައްވާފައިވާތީއެވެ. އެކަލޭގެފާނުގެ ކޮންމެ ޢަމަލުފުޅަކީ އަދި ކޮންމެ ބަހަކީ، ކޮންމެ އަޚްލާޤަކީ ﷲ ވަރަށް ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަންތައްތަކެވެ. އެހެންކަމުން، އަޅުގަނޑުމެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވެއްޖެނަމަ، އަޅުގަނޑުމެންނަށް ﷲ ގެ ލޯބި ލިބި، އެކަލާނގެއާ ގުޅުން ބަދަހިވާނެއެވެ.
މީގެ އިތުރުން ﷲ އަޅުގަނޑުމެންނަށް އަމުރުކުރައްވަނީ އެކަލޭގެފާނު ރޯލް މޮޑެލެއްގެ ގޮތުގައި ބަލައި، ވީވަރަކުން އެކަލޭގެފާނުގެ އަޚްލާޤަށް ތަބާވުމަށް މަސައްކަތްކުރުމަށެވެ.
މުހިންމު ކަމަކީ މިހާރުން މިހާރަށް މަސައްކަތް ފެށުމެވެ. އަޅުގަނޑުމެން ރަސޫލާ ﷺ އަށް ތަބާވާން މަސައްކަތްކުރަން ޖެހޭނީ އެންމެ ފުރަތަމަ ހިތުންނެވެ. ހަމައެކަނި ބޭރުފުށުން ނޫނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
Advertisement
27 ޖޫން 2025