އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު
މުހިންމު ސަބަބެއް އޮވެގެން ނޫނީ އެކަނިހުރެ ކުރާ ނަމާދުތައް ކުރުނުކުރާށެވެ! ސަބަބަކީ ނަމާދަށް ހުއްޓިހުންނައިރު ތިމާއަށް އެހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކަމަށްވާތީއެވެ. އެހެންވެ ޞަޙާބީން މަސައްކަތްކުރައްވަވާފައިވަނީ އެބޭކަލުން (އެކަނި ހުރެ) ކުރައްވާ ނަމާދުތައް ވީހާ ދިގުކުރެއްވުމަށެވެ.
އަދި ބުނެލާނަމެވެ. ނަމަނަމަ ދެއްކުންތެރިކަމުގެ ނިޔަތުގައި ނަމާދު ދިގުނުކުރާށެވެ! އެއިރުން ވެއްޓިއެގަނެވެނީ ޝިރުކުރުމުގެ ތެރެއަށެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.
އެކަނިހުރެ ކުރާ ނަމާދު ދިގުކުރަން ބުނި ނަމަވެސް ކުރުކުރަންޖެހިދާނެ ޙާލަތު އެބަހުއްޓެވެ. މިޘާލަކަށް ބުނާނަމަ ސުންނަތް ނަމާދުކުރާއިރު ކުރުކުރެވޭނެ ސަބަބުތައްވެސް އެބަހުއްޓެވެ. އެގޮތްގޮތުން ކުރުކުރަންވާނީ ޙާލަތު ނިޔާކުރާގޮތުން މަޖުބޫރުވެގެންނެވެ. ކޮންމެހެން އަވަހަށް ނިންމަންޖެހޭ ކަމެއް ލަސްވާތީ، އޮފީހަށް ގަޑިޖެހޭތީ، ދަރިން ރޯތީ ފަދަ ކަންކަމާއި ގުޅިގެންނެވެ.
އެފދަ މަޤްބޫލް ޢުޛުރެއް ނެތްނަމަ ސުންނަތް ނަމާދުތައްވެސް ވީހާ ފުރިހަމައަށް ކުރަމުން ގެންދާށެވެ. ޤިޔާމަތް ދުވަހު ނަމާދުގެ ޙިސާބު ބައްލަވާއިރު ފަރުޟު ނަމާދުން އުނިވާބައި ﷲ ތަޢާލާ އިރާދަކުރައްވަވަވާ އަޅަކަށް އޭނާގެ ސުންނަތް ނަމާދުތަކުން ލަވަވައިދެއްވަވާނެކަމަށް ވިސްނާށެވެ! ހަމައެއާއިއެކު ނަމާދަށް ހުންނައިރު އެހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކަމަށްދެކޭށެވެ.
ސުންނަތް ނަމާދު ކުރުކުރަން މަޖުބޫރުވާ ޙާލަތުގައި އެކަންކުރުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް މިބަޔާންކުރި ކަންކަމަށް ވިސްނާށެވެ! އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ނަމާދު ވީހައި ދިގުކުރަން މަސައްކަތްކުރާށެވެ! ނަމާދުކުރަން ލޯބިވުމަކީ ނުވަތަ ކުރާހިތުން ނަމާދުކުރުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ސުންނަތްކުރާއިރު ފަހުއައްތަހިޔާތު ކިޔަންޖެހޭނެތޯ ބައެއް މީހުން ސުވާލުކުރެއެވެ. އެސުވާލަށް ޖަވާބުދެއްވަމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "އިބްރާހީމީ ޞަލަވާތް ނިމެންދެން ކިޔުމުން ފުދޭނެއެވެ. ނަމަވެސް ފުރިހަމަ ގޮތަކީ ފަހުބައިގާ އޮންނަ ދުޢާ ވެސް ނިންމާފައި ސަލާމް ދިނުމެވެ."
Advertisement
27 ޖޫން 2025