އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު
އަބަދު އެއްގޮތަކަށް ކަންކުރުމުގެ ބަދަލުގައި ކަންކަންކުރާ ގޮތަށް ބަދަލުތަކެއް ގެނެވިއްޖެ ނަމަ ނަތީޖާ ބަދަލުކުރެވޭނެ ކަމަށް މިނިސްޓްރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 - 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އަބަދު މުށިމަސްބާނަށް ދާނަމަ އަބަދުބޭނޭނީ މުށިމަސްކަމަށާ، ނަމަވެސް އެ ބާނާ މުށިމަސް ހިފައިގެން އެހެންދިމާއަކަށް ނުކުމެއްޖެ ނަމަ ތަފާތު އެހެންވައްތަރުތަކުގެ މަސްބޭނުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. ތަފްޞީލުކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ނަތީޖާއަށް ވެސް ބަދަލުގެނެވޭނީ އަބަދު އެއްގޮތަކަށް ކަންކަންކުރުމުގެ ބަދަލުގައި އާގޮތްތަކުގެ ބޭނުންހިފައިގެން އެ ގޮތްތައް ތަޖުރިބާކޮށްގެން ކަމަށެވެ.
ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 - 2024ގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ސުކޫލުނިންމާ ނުކުންނަ ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައި ކުއްޖަކަށް ހަދައިދިނުމަށް ކަމަށް ވާތީ، އެ ދަރިވަރުންނަކީ އިސްލާމީ ޢަޤީދާ ވަރުގަދަ، އަމިއްލަ ވަންތަކަމާއި ދިވެހި ޤައުމިއްޔަތު ދަމަހައްޓާ، ޤާބިލު އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ފަރުދަކަށް ހަދައިދޭންޖެހޭ ކަމަށެވެ. އުނގެނުމާއި ހޯދާބެލުމަށް ޝައުޤުވެރިވާ، ޢިލްމު އުފައްދާ، ކާމިޔާބު ފަރުދަކަށް ހެދައިދޭންޖެހޭ ކަމަށެވެ. އަދި ތިމާގެ ޢާއިލާއާއި، މުޖުތަމަޢާއި، ބަވަނަވަމުންދާ ދުނިޔޭގައި ޙިއްޞާއަދާކުރާ، އުފެއްދުންތެރި އަދި ޒިންމާދާރު ފަރުދަކަށް ހަދައިދޭންޖެހޭ ކަމަށެވެ.
ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 އަދި 2024ގެ ސާނަވީ ބައިން ބެސްޓް އޯލް ރައުންޑްގެ މަޤާމު ޙާޞިލްކުރީ ޢާއިޝަތު ޝަހާ ޝަމްޢޫނެވެ. މަތީ ސާނަވީ ބައިގެ ބެސްޓް އޯލް ރައުންޑަކީ މުޙައްމަދު މަނޫން ފާއިޒެވެ.
ހަބަރު: ސަރުކާރު
Advertisement
4 ޖުލައި 2025