އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު
ބ. އަތޮޅު ތަޢުލީމީ މަރުކަޒަކީ އަދި އޭދަފުށްޓަކީ ހުރިހައި ގޮތަކުން ވެސް ވަރަށް ޚާއްޞަ ރަށެއް ކަމަށް މިނިސްޓްރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 - 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ހުރިހައި ގޮތަކުން ވެސް ވަރަށް ޚާއްޞަ މަރުކަޒެއް ކަމަށެވެ. ހަމައެފަދައިން އޭދަފުށްޓަކީ ވެސް ވަރަށް ޚާއްޞަ ރަށެއް ކަމަށެވެ. ސަބަބެއް ކަމަށް އެ މަނިކުފާނު ވިދާޅުވީ ތަޢުލީމީ މަރުކަޒު ބިނާކުރެއްވުމުގެ ކުރިން ވެސް އޭދަފުށްޓަކީ ތަޢުލީމަށް ވަރަށް ބޮޑެތި ޤުރުބާންތަކެއް ވަމުންދިޔަ ތަޢުލީމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ރައްޔިތަކު ދިރިއުޅުނު ރަށެއް ކަމަށެވެ. މީގެ އިތުރުން ބ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ފެށުނީންސުރެ އަބަދުވެސް ރަނގަޅު ނަތީޖާ ހޯދަމުން އަންނަ އަދި އެ ނަތީޖާ އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުން އަންނަ މަރުކަޒެއް ކަމަށެވެ.
60 އަށް ވުރެ ގިނަ ދަރިވަރުން އިނާމު ޙާޞިލްކުރި މި ރަސްމިއްޔާތުގައި 2023 އާއި 2024ގެ އެންމެ މޮޅު އޯލެވެލް އަދި އޭލެވެލްގެ ދަރިވަރުންގެ އިތުރުން ގްރޭޑް 9 އިން މަތީގެ ކުލާސްތަކުން ތަފާތު ވަނަތައް ހޯދި ދަރިވަރުންނަށް އިނާމުދެއްވާފައި ވެއެވެ.
ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 އަދި 2024ގެ ސާނަވީ ބައިން ބެސްޓް އޯލް ރައުންޑްގެ މަޤާމު ޙާޞިލްކުރީ ޢާއިޝަތު ޝަހާ ޝަމްޢޫނެވެ. މަތި ސާނަވީ ބައިގެ ބެސްޓް އޯލް ރައުންޑަކީ މުޙައްމަދު މަނޫން ފާއިޒެވެ. ބެސްޓް އޯލް ރައުންޑްގެ މަޤާމު ޙާޞިލްކުރި ދަރިވަރުންނަށާއި، އޯލެވެލް އަދި އޭ ލެވެލްގެ ހުރިހައި މާއްދާއަކުން އޭ ސްޓާރ ހޯދި ދަރިވަރުންނަށާއި، އިނގިރޭސިން މުޅި ދުނިޔޭން 1 ވަނަ ހާޞިލްކުރި ދަރިވަރަށް އިނާމް ޙަވާލުކޮށްދެއްވީ ޝަރަފުވެރިމެހްމާނު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.
ރޭގެ ޖަލްސާގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކާމިޔާބު ހޯދި ދަރިވަރުންނަށާއި، އެ ދަރިވަރުންގެ ބެލެނިވެރިންނަށާއި އަދި ނަތީޖާ ޙާޞިލްކޮށްދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތްކޮށްދެއްވި އެންމެހައި މުދައްރިސުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.
ހަބަރު: ސަރުކާރު
Advertisement
4 ޖުލައި 2025