އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
ގެދޮރިވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ސަރުކާރުން ފަހިކޮށްދޭ ހައުސިންގ މަޝްރޫޢުގެ ދަށުން، އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ، އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބޮޑު މަޝްރޫޢެއްގެ ތެރެއިންނެވެ.
މި ފުރުޞަތު ދެނީ، ސަރުކާރުން އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 57 ރަށަށެވެ. ސަރުކާރުން އިޢުލާނުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، އަތޮޅުތަކުގެ ރަށްތަކުގައި 12,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢުގެ ތެރެއިން ރަށްތަކުގެ ތެރެއިން އަމިއްލަ ގޯތީގެ ބިންތަކުގައި ހައުސިންގ ޔުނިޓް އަޅަން ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތް ކައުންސިލްތައް މެދުވެރިކޮށް ވަނީ ފަށާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން އަޅާނީ 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. މިގޮތަށް ވަކިވަކި ފަރުދުންގެ ބިންތަކުގައި އަޅާ ގެތަކުގެ އަދަދުތައް ކަނޑައެޅުމަށް ފަހު، އެ ރަށަކަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދުގެ ބާކީ ހައުސިންގ ޔުނިޓްތައް އަޅާނީ ކައުންސިލުން ނިންމާ ވަކި ސަރަޙައްދެއްގައެވެ.
މި ޔުނިޓްތައް ސަރުކާރުން އަޅައިދެނީ، ސަރުކާރުގެ އެހެނިހެން ހައުސިންގ ސްކީމްތަކުން ދޫކުރާ ގެތަކަށް ފައިސާ ދައްކާ އުސޫލުތަކާ އެއްގޮތަށެވެ. މީގެ މާނައަކީ، މި ޔުނިޓްތަކަށް ދައްކަންޖެހޭ އަގު، އެހެން ހައުސިންގ ސްކީމްތަކުގައި ފައިސާ ދައްކާ އުސޫލުން ކަނޑައަޅާނެ ކަމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި، ސަރުކާރުން ހައުސިންގ މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަކުގައި، އަމިއްލަ މީހުންގެ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް ސަރުކާރުން އެހީތެރިކަން ދިނުން ހިމެނެއެވެ.
Advertisement
4 ޖުލައި 2025