އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު
ކުލާސްރޫމުގެ ތެރޭ އެކްޝަން ރިސާޗުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ. އެ މަނިކުފާނު މި އިލްތިމާސްކުރެއްވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 - 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ތަޢުލީމީ ނަތީޖާ މިހާރަށް ވުރެ ރަނގަޅުކުރަންޖެހޭ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރުއްވާ ރިޕޯޓްތަކުގައި ވަރަށް ގިނަ ފަހަރު ވިދާޅުވާ ވިދާޅުވުމަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެ ކަމާ ގުޅިގެން ބައެއް ސުވާލުތައް އުފައްދަވައި ދަރިވަރުންނާއި، މުދައްރިސުންނާ ވަނީ ކުރައްވާފައެވެ.
"މީގެކުރިން ތަޖުރިބާ ނުކުރާ ކަމެއް ކިޔަވާކުދިން މިހާރު ތަޖުރިބާކުރޭބާ. ދަރިވަރުން ކިޔެވުމަށް މިހާރުވެސް މަސައްކަތްކުރާ މިންވަރަކީ ހަމަކުރިންވެސް މަސައްކަތްކުރި މިންވަރުބާ. އުނގެނުމަށް ކުރިން ފަހިވެފައި ނެތް ފުރުޞަތުތަކެއް މިހާރު އުނގެނުމުގެ މާޙައުލުގައި ފަހިވެފައި އެބައޮތްބާ. ހަމައެއާއެކު އުނގެނުމަށް ހުރަސްއެޅޭ ފަދަ ކަމެއް ކުރިމަތިވަމުން ދޭބާ" ދަރިވަރުންނާ ބެލެނިވެރިންނާ މުޚާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.
ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 - 2024ގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ކުލާސްރޫމުގައި މުދައްރިސަކީ ދަރިވަރުންގެ އުނގެނުމުގައި ވަރަށް ޚާއްޞަ ބައިވެރިއެއް ކަމަށް ވިދާޅުވިއެވެ. އަދި އުނގަންނައިދިނުމުގެ ހުނަރުތައް މި ޒަމާނުގައި ބޭނުންކުރައްވާ ނަމަ ކުލާސްރޫމުގައި، މުދައްރިސުގެ ޙަރަކާތްތަކަށް ވުރެ ދަރިވަރުގެ ޙަރަކާތްތައް ނުވަތަ ޢަމަލުތައް ގިނަވެގެން ދާނެކަމަށް ވިދާޅުވިއެވެ.
"މުދައްރިސުން މިހާރުވެސް ކިޔަވައިދިނުމުގައި ބޭނުންކުރައްވަމުން ގެންދަވަނީ ކުރިންވެސް ބޭނުންކުރެއްވި ގޮތްތައްތޯ؟. އަދި ކިޔަވައިދިނުމުގައި މިހާރުވެސް ބޭނުންކުރައްވަމުން ގެންދަވަނީ ކުރިންވެސް ބޭނުންކުރެއްވި އުކުޅުތައްތޯ؟. އާގޮތްތަކެއް ނުވަ މެތަޑުތަކެއް މިހާރު ބޭނުންކުރައްވަމުތޯ؟ އަދި ޓެކްނޮލޮޖީ ނުވަތަ އައިސީޓީ ކިހާވަރަކަށް ބޭނުންކުރައްވަމުތޯ؟ އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ކިހާވަރަކަށް މަސައްކަތްކުރެވޭތޯ؟." މުދައްރިސުންނާ މުޚާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ނަތީޖާ މިހާރަށް ވުރެ ރަނގަޅުކުރެވޭނީ ކުލާސްރޫމުގެ ތެރޭ އެކްޝަން ރިސާޗުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފައިގެން ކަމަށެވެ. އަދި އެކުޝަން ރިސާޗުގެ ބޭނުން ކުލާސްރޫމުގައި ހިފުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
ހަބަރު: ސަރުކާރު
Advertisement
5 ޖުލައި 2025