އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ސަތަހަ އުފުލުމުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް، އިމާރާތްތައް ބިނާކުރުމުގައި ވަކި އުސްމިނެއްގައި އިމާރާތްކުރަން ފެށުމުގެ މުހިންމުކަން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ފާހަގަކުރައްވައިފިއެވެ. މިކަންކަމަށް ދައުލަތުގެ އިމާރާތްތައް ބިނާކުރާއިރު ސަމާލުކަންދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޑރ. މުއްޠަލިބް މިހެން ވިދާޅުވީ، ރައްޔިތުންނަށް ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫޢުތަކާ ގުޅޭގޮތުން ސީދާ ކަމާބެހޭ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ފަދަ ބޭފުޅުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ ޑރ. މުއްޠަލިބް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށް މި ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ދިގުދެމިހުންނާނެ ބޯހިޔާވަހިކަމުގެ ހައްލުތައް ހޯދައިދިނުމަކީ އިސްކަމެއް ދެވޭ ކަމެއްކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވީ، "ކްލައިމެޓް ޗޭންޖާ ސީ ލެވެލް ރައީޒްއާއެއްކޮށް އަޅުގަނޑުމެން ވިސްނަންއެބަޖެހޭ ވަކި އުސްމިނެއްގަ އިމާރާތްކުރަން ފަށަން. އެކަން ކުރުމަކީ ވަރަށް މުހިންމުކަމެއް. ދައުލަތުގެ އިމާރާތްތައް ކުރާއިރު އަޅުގަނޑުމެން އެކަމަށް ވިސްނާނަން."
ރާއްޖެތެރެއާއި މާލޭގައި ފެންބޮޑުވުން ފަދަ ކާރިސާތައް ދިމާވުން އާއްމުވެފައިވާއިރު، މިފަދަ ކަންކަމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ގެދޮރު ހެދުމުގައި މިކަންކަމަށް އިސްކަންދިނުމުގެ މުހިއްމުކަމަށް މިނިސްޓަރ އަލިއެޅުއްވިއެވެ.
ހަބަރު: ސަރުކާރު
Advertisement
5 ޖުލައި 2025