އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު
ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަށް 8 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މި 8 އަހަރުގެ ތެރޭގައި ކުންފުނި އުފެދިގެން އައި މަޤްސަދު ވަރަށް ރަނގަޅަށްވެސް ހާސިލްވަމުން އަންނަކަމަށެވެ. ރާއްޖެއަކީ ގިނަ އަދަދެއްގެ ވިޔަފާރިތައް އުފެދެމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވައި، ވަޒީރު ވަނީ ކުދި ވިޔަފާރިތަކުން އިޤްތިސާދުގައި މުހިންމު ދައުރެއް އަދާކުރާކަންވެސް ފާހަގަކުރައްވާފައެވެ.
ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަން ވަޒީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ކުދި ވިޔަފާރިތަކަށް ވަރަށް މުހިންމު އިސްކަމެއް ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި "ކްރިއޭޓިވް އިކޮނޮމީ" އެއް އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރަކުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމުގެ މަސައްކަތް ފެށި ފުރަތަމަ ފަހަރުކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވަނީ ސަރުކާރުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ވިޔަފާރިތަކާއި ގުޅުންހުރި ކުންފުނިތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގައި ބީސީސީއިން މުހިންމު ދައުރެއް އަދާކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Advertisement
5 ޖުލައި 2025