އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 15 ސިކުންތު
އަހުރެންގެ ބޮޑު ދައިތައަކީ ތަޤްވާވެރި އަންހެނެކެވެ. ދިރިއުޅެނީ ވަރަށް މުސްކުޅި ގެއެއްގައި އެކަންޏެވެ. އެގޭގައި ލޭންޑް ލައިން ފޯނެއް ހުރެއެވެ. އެކަމަކު އެއީ ބޭނުންކުރާ ފޯނެއް ނޫނެވެ. ލައިންވެސް އިންނަނީ ކަނޑައިލާފައެވެ. ފޯނު ބައިންދާފައި އިންނަނީ އާޘާރީ އެއްޗެއްގެ ގޮތުގައި ހަނދާނަކަށެވެ.
ދާދިފަހުން ވާންފެށިގޮތަކީ ދޭތެރެއަކުން ފޯނުވަނީއެވެ. ގިނަފަހަރު ނަގަންގޮސް ހުއްޓޭތަނުން ފޯނު ކެނޑެއެވެ. ނުކެނޑޭ ފަހަރަކު ނަގައިފިނަމަ އިވެނީ ބިރުވެރި އަޑެކެވެ. އަޑު އިވިލާފައި ކެނޑެއެވެ. ދެން އެއްވެސް ގުޅުމެއް ނުހުރެއެވެ. ގުޅުމެއް ނުހުންނާނެތާއެވެ. އެއީ އެއްކޮށް ގުޅުން ކަނޑާލާފައިވާ ފޯނެއް ވިއްޔާއެވެ.
ރުޤްޔާކުރާ މީހަކު ގެނުވައިގެން ބެލުމުން އެނގުނީ ބޮޑު ދައިތަ މަރާލާފައި ގެފަޅުކުރަން ވަރުގަދަ ސިޙުރެއް ހަދާފައިވާ ކަމެވެ. އެކަމަކު ވާރިސުންގެ ތެރެއިން އެއްވެސް މީހަކު އެކމަށް އެއްބަހެއް ނުވިއެވެ. އެއްބަސްނުވިނުމަވެސް އެއީ މުދަލުން ލިބޭނެ މީހަކު ނޫނީ ކުރާނެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ.
އެެހެންވެ ބޮޑު ދައިތަ ހެދިގޮތަކީ ގެއާއި ގޯތި ވިއްކާލާފައި ލިބުނު ފައިސާ މިސްކިތެއް އަޅަން މަސައްކަތްކުރާ ބައަކަށް ހަދިޔާކޮށްފައި އަހުރެމެންގެ ގެއަށް ބަދަލުވީއެވެ. ބޮޑުދައިތަގެ މުދަލަކީ އަހުރެމެންނަށް ވާރުތަވާނެ އެއްޗެއް ނޫންވީމާ އެބާވަތުގެ ކަމެއް އަހުރެމެން ނުކުރާނެކަން ބޮޑުދައިތައަށް ޤަބޫލުކުރެވޭތީއެވެ.
މިއީ އެފްރިކާގެ ޤައުމެއްގައި ހިނގާފައިވާ ކަމެކެވެ. މިވާހަކަ ފެނުމުން މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ މުދަލުގެ ދަހިވެތިކަމުގައި ސިޙުރު ހެދިނަމަވެސް ލިބޭނީ ލިބެން އިރާދައިގައި ހުރި އެއްޗެއް ކަމަށް ބުނުމަށެވެ. އަޅެ އެއަންހެން މީހާ މަރުވަންދެން ކެތްތެރިވެލިނަމަ ނުވަތަ ރުއްސައިގެން ހޯދަން އުޅުނުނަމަ ގެއާއި މުދަލާއި ގޯތިވެސް ލިބުނީސް ނޫންހެއްޔެވެ؟
މިވާހަކަ ހާމަކުރި މީހާ މިއީ ހިނގައިދިއަ ކަމެއްކަން ޔަޤީންކޮށްދެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. މިހުންނަނީ ނުހިނގާނެ ކަންކަން ކަމަށް ބުނެވޭކަށް ނެތެވެ. ސަބަބުވެސް ބުނެލާނަމެވެ. މިކިޔައިދެނީ މީގެ 30 ވަރަކަށް އަހަރުކުރިން ރަށުގައި އުޅުނުއިރު ހިނގާފައިވާ ކަމެއްގެ ވާހަކައެވެ.
އެއްދުވަހަކު އިރުއޮއްސުނު ވަޤުތެވެ. އަޅުގަނޑަކީވެސް އެކަނި ގެއެއްގައި ވަރަށް ގިނަ ދުވަހު އުޅުނު މީހަކީމެވެ. ގެއަށް ވަންނަން ދަނިކޮށް ހީވީ މީހަކު މޭގައި އަތްއަޅައި ކޮއްޕާލިހެންނެވެ. އެހެންވެ މިސްރާބު ބަދަލުކޮށް ގެއަށްވަނީ ވަލުދޮރުންނެވެ. އަނެއް ދުވަހު ހެނދުނު ގެއިން ނުކުންނަން ބެލިއިރު އެދިމާ ހުރީ ކުކުޅު ހާވާހެން ކޮންމެވެސް އެއްޗެއް ހާވައިފައެވެ.
އެހެންވެ ދަރިފުޅު ގެނެސް އެތަން ކޮނުމުން ފެނުނީ ވަޅުލާފައި އޮތް ސިޙުރެކެވެ. އެސިޙުރު ހަދާފައިވަނީ އަޅުގަނޑާއި ދަރިންނާއި ދެމެދުގައި އޮންނަ ގުޅުން ކެނޑުވުމަށްކަން އެނގުނެވެ. ވީމާ ކިތަންމެ ވަރުގަދަ ސިޙުރެއް ހެދިޔަސް ޖެހޭނީ އިރާދަކުރައްވަިފި މީހަކަށްކަން އަޅުގަނޑަށްވެސް ވަނީ ޔަޤީންކުރެވިފައެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ
Advertisement
6 ޖުލައި 2025