އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު
ބައެއް މީހުންނަށް ވިސްނޭ ގޮތުގައި ކައިވެނިކުރުމުގެ ކުރިން ނިންމަންޖެހޭ އެންމެ މުހިންމު ނިންމުމަކީ ދެމީހުން ލޯބިވާކަމުގެ ނިންމުމެވެ. އަހުރެންގެ ވިސްނުމުގައި އެކަން ވަރަށް ތަފާތެވެ. ފުރަތަމަ ކަމަކަސްވެސް ނިންމަންޖެހޭ ކަމަކީ ކައިވެންޏަށްފަހު ދިރިއުޅޭނެ ގޮތެކެވެ. ދިރިއުޅޭނެ ތަނެކެވެ.
މިޘާލަކަށް އަނބިމީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮތީ ފިރިމީހާގެ ޢާއިލާ ދިރިއުޅޭ ގެއިން ކަމަށްވާނަމަ އަނބިމީހާ އެގެއަށް ގެންދަންވާނީ ކުރިމަތިވެދާނެ މައްސަލަތަކަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ގެއިން ކުރިމަތިވެދާނެ މައްސަލަތަކަށް ވިސްނައިގެންނެވެ. ހަމަ އެއާއިއެކު ކުރިން ޚިޔާލުކުރެވިފައި ނެތް މައްސަލައެއް ކުރިމަތިވިނަމަވެސް ޢަމަލުކުރާނެ ގޮތަކާއިމެދު ވިސްނަންވާނެއެވެ.
ކައިވެނިކުރުމަށްފަހު އަނބިމީހާއަށް ނިކަމެތިކަން ލިބޭނެ އެއްވެސް ކަމެއް މެދުވެރިވިޔަ ނުދިނުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ފިރިމިހާގެ ޢާއިލާއަށް އަނބިމީހާގެ ކިބައިން ލިބެންއެދޭ ޚިދުމަތްތައް ރަނގަޅު ގޮތުގައި ލިބޭނީވެސް އެއިރުންނެވެ.
ކައިވެނިކޮށްގެން ފިރިމީހާގެ ގެއަށް އަނބިމީހާ ގެންދަންވާނީ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ހުރެއެވެ. ގެއިން އަނބިމީހާއަށް ކުރިމަތިވެދާނެ މައްސަލަތަކުން ސަލާމަތްކުރުމުގެ ހިތްވަރާއި ކުޅަދާނަކަން ނެތި އަދި އެކަމަށް ތައްޔާރުނުވެ ހުރެ ދިރިއުޅެން ފިރިމީހާގެ ގެއަށް ނުގެންދާށެވެ!
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ކައިވެނިކުރުމަށްފަހު ބުނަން ވަރަށް ވަރަށް ނުރައްކާތެރި ބައެއް ބަސްތައް އެބަހުއްޓެވެ. އެބައަށް ފަހުން ދާނަމެވެ. އިހަށް މިވާހަކަ އަޑުއަހާށެވެ!
ކޮންމެ ދެމީހަކުވެސް ކައިވެނިކުރާނީ އެމީހުންނަކީ ކައިވެނިކުރަން ކުފޫހަމަވާ ދެމީހުންކަމަށް ޤަބޫލުކޮށްގެންނެވެ. އެކަމަކު މައްސަލައަކަށް މިވަނީ ކުފޫހަމަވާންޖެހޭ ކަންކަން ގިނަބައަކަށް ނުއެނގޭތީއެވެ. ކުފޫހަމަވާކަމަށް އެހާފަސޭހައިން ޤަބޫލުކުރެވޭ ސަބަބަކީވެސް ކުފޫހަމަވާންޖެހޭ ކަންކަން ނުއެނގުމެވެ. އެއީ ދިގު ލިސްޓެކެވެ. އެއިގެ ތެރެއިން މިފާހަގަކޮށްލަނީ އެންމެ ދެތިން ކަމެކެވެ.
ފުރަތަމަ ކަމަކީ ކައިވެނިކޮށްގެން ދިރިއުޅެން ނިންމަނީ ފިރިމީހާގެ ޢާއިލާއާއިއެކުގައި ކަމަށްވާނަމަ އަނބިމީހާއާއިމެދު ގެއިން ކަންކަންކުރަނީ ނުބައިކޮށް ކަމަށްވެއްޖެނަމަ ކަންކަންކުރާނެ ގޮތް ނުއެނގުމެވެ. މައްސަލަ ޙައްލުކުރަން ޢަމަލުކުރާނެ ގޮތް ނުއެނގުމެވެ.
ދެވަނަ ކަމަކީ އަނބިމީހާއަށް ނުބައި ބަސްތައް ބުނެވި ނުބައި ގޮތްގޮތަށް ކަންކަން މެދުވެރިވާނަމަ ޢަމަލުކުރަންވީ ގޮތް އަނބިމީހާއަށް ނުއެނގުމެވެ. އެކަމަށް ސިކުނޑި ތައްޔާރު ނުކުރެވުމެވެ.
ތިންވަނަ ކަމަކީ އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ މައްސަލަ ޙައްލުކުރުމުގައި އިންޞާފުވެރިވާން ފިރިމީހާއަށް ނުއެނގުމެވެ. ވަކިކޮޅަކަށް ބުރަނުވެ ކަންކަން ނިންމަން ނުއެނގުމެވެ.
ދެން މިބުނަނީ ފަށަމުން ބުނި ބުނެވޭ ނުރައްކައުތެރި ބަސްތަކުގެ ވާހަކައެވެ. "އެއީ ވަރިކޮށްފިން! ނުކުމެގެން ގެއަށްދޭ" އާއި "ވަރިކޮށްފައި ފޮނުވައިލާ" މި 2 ބަހެވެ. ޤަބޫލުކުރަން ކިތަންމެ އުނދަގޫވިނަމަވެސް ކުރިން ބަޔާންކުރި ފަދަ ކަންކަން މެދުވެރިވުމުން އެންމެ ގިނައިން ބުނެވޭ ބަސްތަކުގެ ތެރޭގައި މިނުރައްކައުތެރި ބަސްތައް ހިމެނެއެވެ. މިބަސްތައް އެހާފަސޭހައިން ދުލުން ބުނެވެނީ ކައިވެނިކުރަން ދެމީހުން ކުފޫހަމަނުވާތީއެވެ. އެކަމަށް ވިސްނަން ޖެހޭ މިންވަރަށް ވިސްނައި އެފަދަ ޙާލަތުގައި އަމަލުކުރާނެގޮތް ދަސްކޮށްގެން ކައިވެނިކުރާނަމަ ކަމެއް ދިމާވާއިރަށް އެހާފަސޭހައިން އެފަދަ ބަސްތައް ބުނާކަށް ނުޖެހޭނެއެވެ.
މިބަޔާންކުރި ޙާލަތުތައް ކުރިމަތިނުވާނެކަމަށް ބަލައިގެން ކައިވެނިކުރުމެއް ނެތެވެ. ސަބަބަކީ އެއީ މިހާރަކަށް އައިސް ޢާންމުކޮށް ކުރިމަތިވާ ކަންކަން ކަމުގައިވާތީއެވެ.
- އަލަފް / މިއަދުނޫހަށް
Advertisement
6 ޖުލައި 2025