އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
ސިންގަޕޫރާ ގުޅިގެން ރާއްޖޭގެ މަސްވެރިންނަށް ފައިދާވާނެ ގިނަ ކަންކަން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ފާއިތުވި ދުވަސްތަކުގައި ބޭއްވި މި ބިޒްނަސް ފޯރަމްގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރަން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ސިންގަޕޫރުގެ އިންވެސްޓަރުންނަށް ވަޒީރު މަޢުލޫމާތު ދެއްވިކަމަށް ވިދާޅުވިއެވެ. ވަޒީރު އަޙްމަދު ޝިޔާމް ފާހަގަކުރެއްވިގޮތުގައި، މެރިކަލްޗަރއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެއް ކަމަށާއި، މިފަދަ ޕްލެޓްފޯމްތަކުގައާއި ރައީސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގައިވެސް އެ ވާހަކަތައް ހިއްސާކުރައްވާ ކަމަށެވެ.
މިގޮތުން، ސިންގަޕޫރުގެ ރައީސްއާއި ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވެސް މަސްވެރިކަމުގެ ދާއިރާގެ ވާހަކަތައް ހިއްސާކުރެއްވި ކަމަށް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތަކާއި، ރައީސުލްޖުމްހޫރިއްޔާ ހާސިލްކުރަން ބޭނުންފުޅުވާ ކަންތައްތަކުގެ ވާހަކަތައް ސިންގަޕޫރުގެ އިސްވެރިންނާ ހިއްސާކުރެއްވި ކަމަށެވެ. ދެޤައުމު ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، "ސިންގަޕޫރުގެ ސަސްޓެއިނިބިލިޓި މިނިސްޓަރާ ބައްދަލުކޮށް އެ މަސައްކަތްތަކުގެ ވާހަކަތައް ހިއްސާކުރިން. ރައީސުލްޖުމްހޫރިއްޔާ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ރާވާފައި ހުރި ކަންކަމުގެ މަޢުލޫމާތުތައް ހިއްސާކުރިން." މިގޮތުން ދެޤައުމުގެ ގުޅުން ބަދަހިކޮށް، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ސިންގަޕޫރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
Advertisement
6 ޖުލައި 2025