އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ މުއްދަތުގެ ތެރޭގައި ހުރިހާ ދަރިވަރުންނަށް ފޮނުވޭނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންނަށް ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރުން ހަމަޖައްސަވައިދެއްވާނެއެވެ. މިކަމަށްޓަކައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން މިހާރު ފައިސާ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ހުރިހާ ދަރިވަރުންނަށްވެސް ފައިސާ ފޮނުވޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
މެލޭޝިޔާއިން މިމަހުން ފެށިގެން ބޭރު ދަރިވަރުންގެ އަތުން ޓެކުހެއް ނަގަން ފަށާފައިވާތީ، ދިވެހި ދަރިވަރުންނަށް ދިމާވެދާނެ ދަތިކަން ފިލުވައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް މަޤްސަދެވެ. މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، މެލޭޝިޔާއިން ތަޢާރަފުކުރި މި ޓެކްސްއާ ގުޅިގެން ދިވެހި ދަރިވަރަކު އިތުރަށް ފައިސާ ދައްކަންޖެހޭނަމަ، އެ ފައިސާވެސް ސަރުކާރުން ދައްކައިދޭނެކަމަށާއި، ދަރިވަރުން އިތުރު ބުރައެއް އުފުލަން ނުޖެހޭނެކަމަށެވެ.
މެލޭޝިޔާއިން ތަޢާރަފުކުރި މި އާ ޓެކުހަކީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ބޭރު ދަރިވަރުންގެ އަތުން ނަގަން ފަށާފައިވާ ޓެކުހެކެވެ. މި ޓެކުސް ސަރުކާރުން ދައްކައިދިނުމުގެ ސަބަބުން، މެލޭޝިޔާގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް އިތުރު ފިކުރެއް ކުރަން ނުޖެހި، އެމީހުންގެ ކިޔެވުމަށް ފުރިހަމަ ސަމާލުކަމެއް ދެވޭނެއެވެ.
Advertisement
8 ޖުލައި 2025